ކ. މާލެ
|
11 އޮކްޓޯބަރ 2024 | ހުކުރު 20:23
މަޑިދަށުން ފައިސާ ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޖަހަންގިރު އާލަމް
މަޑިދަށުން ފައިސާ ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޖަހަންގިރު އާލަމް
ޕޮލިސް
ވައްކަމުގެ މައްސަލަ
މަޑިދަށުން 4 ލައްކަ ރުފިޔާ ނެގުން - ދިފާއުން ބުނީ ނެގީ ވިއްސާރަ ކޯޓެއް، ގެއަށް ފައިސާ ވެއްދި ކަމަށް ބުނާ ކޮތަޅުގައި ހުރީ ދޮންކޭލާއި ކަދުރު
މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ކަމުގައިވާ ޖަހަންގިރު އާލަމްގެ އަތުން 442،750 ރުފިޔާ ފެނިފައިވޭ

ސައިކަލެއްގެ މަޑި ދަށުން 442،750 ރުފިޔާ ވަގަށް ނުނަގާ ކަމަށާއި، މަޑި ދަށުން ނެގީ ވިއްސާރަ ކޯޓެއް، ގެއަށް ފައިސާ ވެއްދި ކަމަށް ބުނާ ކޮތަޅުގައި ހުރީ ދޮންކޭލާއި ކަދުރު ކަމަށް މި މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ޖަހަންގިރު އާލަމް ބުނެފިއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ވަކީލު ވިދާޅުވެފައިވަނީ ސައިކަލުގެ މަޑިދަށުން އޭނާ ނެގީ ފައިސާ ނޫން ކަމަށާއި އޭނާ ނަގާފައިވަނީ ވިއްސާރަ ކޯޓެއް ކަމަށް ބުނެފައެވެ. އަދި، އޭނާގެ ދެވަނަ އަނބިމީހާ ގެއަށް ވައްދާތަން ފެންނަނީ ދޮންކެޔޮލާއި ކަދުރު އަޅާފައި ހުރި ކޮތަޅެއް ކަމަށް ވަކީލު ވިދާޅުވިއެވެ.

މި މައްސަލާގައި ހުށަހަޅާފައިވާ ވީޑިއޯއިން ވިއްސާރަ ކޯޓެއްގެ އިތުރުން އެހެން އެއްޗެހިތަކެއް ނަގާ ކަމަށާއި އޭނާ އެ އެއްޗެހި ނެގުމުގައި އަމުލުތައް ހުރި ގޮތުން އިތުރު އެއްޗެއް އޮތްކަން އެ ވީޑިއޯއިން އެނގޭ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

ޖަހަންގިރުގެ އޭނާގެ ދެވަނަ އަނބި މީހާގެ ގެއަށް ދޮންކޭލާއި ކަދުރު ގެންދިޔައީ ނޫކުލައިގެ ޕްލާސްޓިކް ކޮތަޅަކަށް ލައިގެން ކަމަށް ބުނި ނަމަވެސް އެ ކޮތަޅު އޮތީ ނޫކުލައިގައި ނޫން ކަމަށައި އޭގައި ހުރީ ދޮންކެޔޮ ނޫން ކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

ޖަހަންގިރުއާއި ދެކޮޅަށް ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހުށަހަޅާފައިވެއެވެ. މި މައްސަލައިގައި ޖަހަންގިރު ބުނެފައިވަނީ މިއީ ވިޔަފާރީގެ މައްސަލައެއްގައި އޭނާ ފްރޭމްކުރަން ކުރާ ކަމެއް ކަމަށެވެ.

އަދި ކޯޓު އަމުރުގައި ވާގޮތުން، އޭނާއަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ފުލުހުން ހުށަހަޅާފައިވެއެވެ. އެގޮތުން، އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖް އަދި އެއާ ގުޅޭ ސްނެޕްޝޮޓް ހުށަހަޅާފައިވާ ކަމަށް ކޯޓުއަމުރުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް