ކ. މާލެ
|
11 އޮކްޓޯބަރ 2024 | ހުކުރު 13:12
ފޭކް ސްލިޕާއި ގުޅޭގޮތުން އާންމުންގެ މީހަކަަށް މައުލޫމާތު ދެނީ
ފޭކް ސްލިޕާއި ގުޅޭގޮތުން އާންމުންގެ މީހަކަަށް މައުލޫމާތު ދެނީ
ޕޮލިސް
އޮޕަރޭޝަން ފޭކް ސްލިޕުގެ ހަރަކާތް
އޮޕަރޭޝަން ފޭކް ސްލިޕުގެ ނަމުގައި ޚާއްސަ ހަރަކާތެއް ފަށައިފި
ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން މުއާމަލާތް ކުރަމުންދާ މައްސަލަ ބޮޑު
މިފަދަ ހަރަކާތްތަކުގެ ސަބަބުން އާއްމު ރައްޔިތުން ހޭލުންތެރިވެ، ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ
މި ހަރަކާތް އޮކްޓޫބަރު މަސް ތެރޭގައި ކުރިއަށް ގެންދާނެ

އޮޕަރޭޝަން ފޭކް ސްލިޕުގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ޚާއްސަ ހަރަކާތެއް ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ ސައްހަ ނޫން، ބެންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ޚިދުމަތް ހޯދުން ހުއްޓުވުމަށާއި، ވިޔަފާރި މުއާމަލާތްތަކުގައި އެންމެ އެކަށޭނަ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމަށް އޮޕަރޭޝަން ފޭކް ސްލިޕް ގެ ނަމުގައި ހަރަކާތެއް ފަށާފައިވާ ކަމަށެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ މި ހަރަކާތް އޮކްޓޫބަރު މަސް ތެރޭގައި ކުރިއަށް ގެންދާނެ ކަމަށާއި، މިމަސް ޚާއްސަ ކޮށްފައިވަނީ ސައްހަ ނޫން ސްލިޕް ދެނެގަނެ ހޭލުންތެރިކުރުވުމަށް ކަމަށެވެ. ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން މުއާމަލާތް ކުރަމުންދާ މައްސަލަ ބޮޑު ކަމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން އާއްމު ރައްޔިތުން ހޭލުންތެރިވެ، ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ. އަދި އެއް މަހަށް ޚާއްސަކޮށްގެން މި ހަރަކާތް ކުރިއަށް ގެންދިޔަ ނަމަވެސް އޮޅުވާލައިގެން ފައިސާ ހޯދުމާއި، މިފަދަ ކަންކަމާއި ގުޅިގެން ކުށްމަދު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތައް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެންޓި-ސްކޭމް ސެންޓަރުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި މި މަސް ނިމޭއިރު، މާލެ އޭރިއާގެ ހުރިހާ ފިހާރައަކާއި ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމަށް ހަަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހަރަކާތުގައި، ޚިދުމަތް ހޯދުމަށްފަހު ސައްހަ ނޫން، ބެންކު ޓްރާންސްފަރ ސްލިޕް ހުށަހަޅާ ކަސްޓަމަރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބެލުމާއި ބެންކު ޓްރާންސްފަރ މެދުވެރިކޮށް ވިޔަފާރިކުރަނީ ކިހާވަރަކަށްތޯ ދެނެގަނެ ހޭލުންތެރިކުރުވުމަށް މައުލޫމާތުދޭނެ ކަމަށެވެ. އަދި ސައްހަކަން ކަށަވަރުކުރުމަށް ބެންކު ސްޓޭޓްމަންޓް ޗެކްކުރުން، މުއާމަލާތުގެ ރިފަރެންސް ބެލުން ފަދަ ކަންކަން ދެނެގަތުމާއި ސައްހަ ސްލިޕާއި ޝައްކުވާ ޓްރާންސްފަރ ސްލިޕްތައް ދެނެގަތުމަށް އަހުލުވެރިވެފައިވޭތޯ ބަލައި އިތުރަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދޭނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ޚިދުމަތް ހޯދައި ނުވަތަ މުދާ ވިއްކައި، ތަކެތި ދޫކުރުމުގެ ކުރިން ފައިސާ ދެއްކިކަން ޔަގީންކުރުމަށް ބެންކުގެ ރަސްމީ އެޕްލިކޭޝަން، އެސްއެމްއެސް ނުވަތަ އީމެއިލް ބޭނުންކުރޭތޯ ބެލުންވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސައްހަނޫން ނުވަތަ ލަސްވާ، ބެންކް ޓްރާންސްފާތަކާ ގުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވޭތޯ ބަލައި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ އިތުރުން، މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ދިމާވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ އަމަލުކުރާނެެގޮތާއި މިފަދަ ކަމެއް ދިމާވެއްޖެނަމަ މީހާގެ ސިފަތައް ދެނެގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތުދޭނެ ކަމަށް ފުލުހުން ބުނެއެވެ.

އެންޓި-ސްކޭމް ސެންޓަރުން ކުރިއަށްގެންދާ މި ހަރަކާތް ފެށުމުގައި، ސެންޓްރަލް އިންވެސްޓިގޭޝަން ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް ބައިވެރިވެލެއްވިއެވެ. އަދި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ކޮލެޖްތަކުގެ ވޮލަންޓިއަރުން ވެސް ބައިވެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް