ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 08:46
ރަފައެލް ވަރާން
ރަފައެލް ވަރާން
ރޮއިޓާސް
ރަފައެލް ވަރާން
ވަރާން ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
މީގެ އިތުރުން ވަރާން ބުނީ، ދެން ފެށިގެން ދާނީ އޭނާގެ ދަނޑު ބޭރުގައި މަސައްކަތް ކުރެވޭ ދުވަސްތަކެއް ކަމަށެވެ.

ދާދި ފަހުން އިޓަލީގެ ކޯމޯ އަށް ބަދަލުވި ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން، ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލުމަށްފަހު، އުމުރުން 31 އަހަރުގެ ވަރާން ކޯމޯ އަށް ބަދަލުވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު ވަރާން ސޮއި ކުރީ ވެސް ދެ އަހަރާ ބައިގެ އެއްބަސްވުމެއްގަ އެވެ. ނަމަވެސް، ކޯމޯ އަށް ކުޅެމުން އަންނަނިކޮށް ވަރާންގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އޭގެ ފަހުން ކޯމޯގެ އިޓާލިއަން ލީގުގެ ލިސްޓުން ވެސް ވަނީ ވަރާންގެ ނަން އުނިކޮށްފަ އެވެ. އޭގެ ފަހުން، ރަސްމީކޮށް ކުޅުން ހުއްޓާލަން ނިންމަފައިވާކަން ވަރާން އިއުލާން ކޮށްފައި ވަނީ ބުދަ ދުވަހު އެވެ.

ވަރާން އޭނާގެ ސޯޝަލް މީޑިއާ އެކުންޓު މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނީ، ނިންމުމާ މެދު އޭނާ ހިތާމަ ނުކުރާނެ ކަމަށެވެ. އެގޮތުން އޭނާ އުންމީދު ކުރި ވަރަށް ވުރެ ވެސް ގިނަ ކާމިޔާބީތައް ހޯދިފައިވާކަން ވަރާން ފާހަގަ ކުރި އެވެ. އަދި އުސޫލުތަކުގައި ހިފަހައްޓައިގެން ކުރިއަށް ދާން މަސައްކަތް ކޮށްފައިވާނެ ކަމަށާއި، އެގޮތުގައި ހުރެވުނީތީ ވެސް ފަޚުރުވެރިވާ ކަމަށް ވަރާން ބުންޏެވެ. މީގެ އިތުރުން، އޭނާގެ ސަޕޯޓަރުންނާއި، އެހެން މީހުން ވެސް ފަޚުރުވެރިވާ ފަދަ ކަންތައްތަކެއް ކޮށްދެވުނު ކަމަށް އުންމީދު ކުރާ ކަމަށް ވެސް ވަރާން ބުންޏެވެ.

މީގެ އިތުރުން ވަރާން ބުނީ، ދެން ފެށިގެން ދާނީ އޭނާގެ ދަނޑު ބޭރުގައި މަސައްކަތް ކުރެވޭ ދުވަސްތަކެއް ކަމަށެވެ. އެގޮތުން ކޯމޯ ގައި މަސައްކަތް ކުރާނެ ވާހަކަ ވެސް ވަރާން ވަނީ ހިއްސާ ކޮށްފަ އެވެ. އެކަމާ ގުޅޭ އިތުރުން އެހެން ވާހަކަތައް ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް ވެސް ވަރާން ވަނީ ބުނެފަ އެވެ. އޭނާގެ ޕޯސްޓުގައި ވަރާން ވަނީ މިހާތަނަށް އޭނާ ކުޅެފައިވާ ކުލަބުތަކުގެ ސަޕޯޓަރުންނާއި، ކުޅުންތެރިން އަދި ކޯޗުންނަށް އޭނާގެ ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާ ކޮށްފަ އެވެ. އޭނާގެ ފުޓުބޯޅައިގެ ދަތުރުގައި އުންމީދު ވެސް ނުކުރާ ގިނަ ކަންތައްތަކެއް ޙާސިލު ކުރުމަށް އެ ފަރާތްތަކުން ޚާއްސަކޮށްދިނީތީ ޝުކުރު އަދާ ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ލެންސް އިން ސީނިއާ ކެރިއަރު ފެށި ވަރާން ވަނީ، ރެއާލް މެޑްރިޑް، މެންޗެސްޓަރ ޔުނައިޓެޑު އަދި ކޯމޯ އަށް ކުޅެފަ އެވެ. ވަރާންގެ ކެރިއަރުގައި އޭނާ ވަނީ ރެއާލާ އެކު 18 ތަށި އަދި ޔުނައިޓެޑާ އެކު ދެ ތަށި ކާމިޔާބު ކޮށްފަ އެވެ. ކުލަބު ކެރިއަރުގައި ވަރާން ވަނީ 480 މެޗު ކުޅެ، 21 ލަނޑު ޖަހައިފަ އެވެ.

ވަރާން ވަނީ ފްރާންސް ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ފްރާންސް ޤައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ އަހަރު އޭނާ ވަނީ ރަސްމީކޮށް ޤައުމީ ޓީމުން ރިޓަޔާ ކޮށްފަ އެވެ. ވަރާން ވަނީ ފްރާންސް ޤައުމީ ޓީމަށް ކުޅެދިން 93 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. ފްރާންސް އާއެކު އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގެ އިތުރުން، 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ފްރާންސް އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު، ފްރާންސް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް