ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 10:17
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
ރެއާލް މޮޅުވީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން
މޮޅާއެކު ރެއާލް ދެ ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި އެސްޕަންޔޯލް އިން ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. ނަމަވެސް ރެއާލް އިން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އެސްޕަންޔޯލް އަށް ލީޑު ލިބުނީ، ރެއާލްގެ ގޯލު ކީޕަރު ތިބައޫ ކޯޓުއާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

އޭގެ ހަތަރު މިނެޓު ފަހުން ރެއާލުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ޑެނީ ކާވަހާލް ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި، ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލަށް ލީޑު ނަގައިދިނީ ރޮޑްރީގޯ އެވެ. އޭގެ ތިން މިނެޓު ފަހުން ވިނީޝިއުސް ވަނީ ރެއާލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އޭނާ ޖެހީ ފްރާންސްގެ ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ވިނީޝިއުސް ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މެޗުގައި ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހީ އެމްބާޕޭ އެވެ. މެޗުގެ 90 ވަނަ މިނެޓުގައި އެ ލަނޑު އޭނާ ޖެހީ ރެއާލަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެެވެ. މިއީ ރެއާލަށް ބަދަލުވީ ފަހުން އެ ޓީމަށް އެމްބާޕޭ ޖަހައިދިން ހަ ވަނަ ލަނޑެވެ. މީގެ ތެރެއިން ހަތަރު ލަނޑަކީ ސްޕެނިޝް ލީގުގައި އޭނާ ރެއާލަށް ޖަހައިދިން ލަނޑެވެ.

މޮޅާއެކު ރެއާލް ދެ ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި ވާދަވެރި ބާސެލޯނާ އަށް ލިބެނީ 15 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް