ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 21:28
އިސްމާއީލް ހަނިއްޔާގެ ކަށު ނަމާދުގެ ތެރެއިން
އިސްމާއީލް ހަނިއްޔާގެ ކަށު ނަމާދުގެ ތެރެއިން
ރޮއިޓާރސް
ހަމާސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ
ހަމާސްގެ އިސް ލީޑަރުންގެ މައްޗަށް އެމެރިކާ އިން ޓެރަރިޒަމްގެ ދައުވާ އުފުލައިފި
ދައުވާ އުފުލި 6 ފަރާތުގެ ތެރޭގައި އަވަހާރަވެފައިވާ ހަމާސް ގެ ކުރީގެ ލީޑަރ އިސްމާއީލް ހަނިއްޔާ އާއި މިހާރު ގެ ލީޑަރ ޔަހްޔާ ސިންވާރް ހިމެނެއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ހަމާސްގެ ލީޑަރުންނާ ދެކޮޅަށް "ޓެރަރިޒަމް" ގެ ދައުވާ އެމެރިކާ އިން އުފުލާފައިވާކަން އެމެރިކާގެ ފެޑެރަލް ކޯޓް ގެ ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.

މިއީ އޮކްޓޯބަރ 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ އާ ގުޅިގެން ކުރާ ދައުވާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފެބްރުއަރީ 1 ވަނަ ދުވަހުގެ ތާރީޚު ޖަހާފައިވާ ދައުވާގެ ލިޔުން އަންގާރާ ދުވަހު ހާމަވި އިރު އޭގައި ހަމާސްގެ އިސް 6 މީހުންގެ ނަން ހިމަނާފައިވެއެވެ.

މީގެ ތެރެއިން ތިން ފަރާތެއް މިހާރު ދުނިޔޭގައި ނެތް ކަމަށް ޚަބަރުތައް ބުނެއެވެ. އެ ތިން މީހުންގެ ތެރޭގައި ޖުލައި 31 ވަނަ ދުވަހު ތެހެރާނުގައި ހުންނަވަނިކޮށް ޝަހީދު ކޮށްލި އިސްމާއީލް ހަނިއްޔާ ވެސް ހިމެނެއެވެ. ލިސްޓުގައި ދެވަނައަށް ހިމެނޭ މުހައްމަދު ދާއިފް ޖުލައި މަހު އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ. އޭގެ އިތުރުން މަރްވާން އީސާ މާޗް މަހު އިޒްރޭލުގެ ހަމަލާއެއްގައި ވަނީ ޝަހީދުވެފައެވެ.

ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން ދުނިޔޭގައި ތިބި ކަމަށް ބެލޭ ފަރާތްތަކަކީ ޣައްޒާގައި ހުންނެވި ކަމަށް ބެލޭ ހަމާސްގެ އައު ލީޑަރު ޔަހްޔާ ސިންވާރް އާއި ދޯހާ ގައި ހުރި އިސް އޮފިޝަލް ޚާލިދު މަޝާލް، އަދި ލުބުނާނުގައި ހުރި ހަމާސްގެ އިސް އޮފިޝަލް އަލީ ބަރަކާއެވެ.

މި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާ ކުށްތަކުގެ ތެރޭގައި "ޓެރަރިޒަމްގެ ޢަމަލުތައް ރޭވުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި އެހީތެރިވެ ދިނުން،" ހިމެނެއެވެ. މީގެ އިތުރުންވެސް އިތުރު 6 ކުށަކަށް ދައުވާ އުފުލާފައިވެއެވެ.

ކޯޓަށް ހުށަހެޅި ލިޔުމުގައި އެ މީހުން ހައްޔަރުކުރުމުގެ އަމުރަކަށް ވެސް އެދިފައިވެއެވެ.

އެ ދަޢުވާ ލިބޭ ފަރާތްތަކަކީ، ހަތިޔާރާއި، ސިޔާސީ އެހީތެރިކަމާއި، އީރާނުގެ ސަރުކާރުން މާލީ އެހީ އާއި ހިޒްބުﷲ ގެ މަދަދުވެރި ކަމާއެކު، އިޒްރޭލުގެ ދައުލަތް ނައްތާލުމަށާއި އަދި އާންމު ރައްޔިތުން މެރުމުގެ މަޤްސަދުގައި ހަމާސްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ފަރާތްތަކެއް ކަމަށް އެމެރިކާގެ އެޓަރނީ ޖެނެރަލް މެރިކް ގާލެންޑް މިކަމާ ބެހޭ ގޮތުން ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާންތަކާ ދެކޮޅަށް ޖިހާދު ކުރާ ހަމާސް ޖަމާއަތަކީ "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް ވޮޝިންގްޓަނުން ކުރިން ވަނީ ކަނޑައަޅާފައެވެ.

ބެއިރޫތުގެ އެމެރިކަން ޔުނިވަރސިޓީގެ ތަޖުރިބާކާރެއް ކަމަށްވާ ރާމީ ޚޫރީ، އަލްޖަޒީރާއަށް ވިދާޅުވެފައިވަނީ، ޙަމާސްގެ ލީޑަރުންނާ ދެކޮޅަށް ދަޢުވާކުރަން އެމެރިކާއިން ނިންމުމަކީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މެދުވެރިއެއްގެ ރޯލު އެމެރިކާ އިން އަދާ ކުރުމުގައި ގެއްލުން ވާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ޣައްޒާ ގައި އިޒްރޭލުން ހިންގާ ހަނގުރާމައިގައި އެމެރިކާއިން ވަނީ އިޒްރޭލުގެ ޢަމަލުތަކަށް ވަރަށް ޖޯޝާ ޝައުގުވެރި ކަމާއެކު ހިތްވަރުދީފައި ކަމަށެވެ. އެއީ އިޒްރޭލުން ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް އދ. އިން ބުނެފައިވަނިކޮށް ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެމެރިކާއިން ވަނީ ޙަމާސް އަދި ޙިޒްބުﷲ ފަދަ ޖަމާޢަތްތަކަށް ހުރަސް އަޅާ އެ ޖަމާއަތްތަކާ ދެކޮޅަށް ދިގު މުއްދަތެއްގައި މަސައްކަތްކޮށް އަދި އެ ޖަމާޢަތްތަކަކީ ޓެރަރިސްޓް ޖަމާޢަތްތަކެއް ކަމަށް ކަނޑައަޅާފައި ކަމަށް ޚޫރީ އަލްޖަޒީރާއަށް ވިދާޅުވިއެވެ.

ފަލަސްޠީނުގެ މި ޖަމާޢަތާ ދެކޮޅަށް ދަޢުވާކުރަން ނިންމުމުން ދައްކައިދެނީ "އެމެރިކާއިން ވަރަށް ބޮޑަށް ބޭނުންވަނީ ޙަމާސްގެ ޢަމަލުތަކަށް ޙަމާސް ޒިންމާދާރުކުރުވަން ކަމަށާއި، ނަމަވެސް އިޒްރޭލުގެ ޢަމަލުތަކަށް އިޒްރޭލު ޒިންމާދާރުކުރުވުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތްކަން" ކަމަށް ޚޫރީ ވިދާޅުވިއެވެ.

އެގޮތައް ކަންކަން ހުރުމާއެކު، އެމެރިކާ އަކީ އިޚްލާސްތެރި ސުލްހައިގެ މެދުވެރިއެއް ކަމަށް ދުނިޔޭގެ ގިނަ މީހުން ނުދެކޭ ކަމަށާއި އޭގެ ބަދަލުގައި ދެކެނީ އެމެރިކާ އަކީ އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާގެ ބައިވެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނެފައިވަނީ، މި 6 މީހުންނާ ދެކޮޅަށް ފެބްރުއަރީ މަހު ދަޢުވާ އުފުލާފައިވާ ކަމަށާއި، ނަމަވެސް ހަނިއްޔާ ހައްޔަރުކުރެވިދާނެ ކަމުގެ އުންމީދުގައި މި މައްސަލަ މިހާތަނަށް އޮތީ ސިއްރުކޮށްފައި ކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

ޣައްޒާ ގައި އިޒްރޭލުން ކުރިއަށްގެންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 40،819 ފަލަސްތީން މީހުން ޝަހީދުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ބުނާ ގޮތުގައި މަރުވެފައިވާ މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އަނެއްކޮޅުން އޮކްޓޯބަރު 7 ގައި އިޒްރޭލަށް ހަމާސް އިން ދިން ޙަމަލާގައި 1،205 އިޒްރޭލް މީހުން މަރުވިއެވެ. އޮކްޓޯބަރ 7 ގެ ހާދިސާ ގައި ހަމާސް އިން ވަނީ އިޒްރޭލުގެ ބަޔަކު ރަހީނު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް