ކެރީބިއަން ކަނޑުގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ ބޯޓަކަށް އެމެރިކާ އިން ދިން ހަމަލާގައި ތިން މީހަކު މަރުވެފައިވާ ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވިދާޅުވެއްޖެ އެވެ.
މިއީ ބައިނަލްއަޤުވާމީ ކަނޑުގައި އެމެރިކާ އިން ދެމުން ގެންދާ މި ފަދަ ހަމަލާ ތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާ އެވެ. އެމެރިކާ އިން ކެރީބިއަން ކަނޑުގައި ނޭވީ ޤާއިމު ކޮށްފައިވާއިރު، ޕުއެޓޯ ރިކޯ އަށް އެފް-35 ސްޓެލްތު ހަނގުރާމަ ވައިގެ އުޅަނދު ވެސް ފޮނުވާފައިވެ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި މިއީ މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައިވެ އެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި ކެރީބިއަން ކަނޑާއި، ޕެސިފިކް ކަނޑުގައި އެމެރިކާ އިން އެކި ބޯޓު ތަކަށް ދިން 15 އަށް ވުރެ ގިނަ ހަމަލާގައި، މަދުވެގެން 65 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެ ހަމަލާ ތަކަށް އެ ސަރަހައްދުގެ ސަރުކާރު ތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ހެގްސެތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވެފައި ވަނީ، އެންމެ ފަހުގެ ހަމަލާ ދީފައި ވަނީ ކެރީބިއަން ސަރަހައްދުގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ އިތުރު ބޯޓަކަށް ކަމަށެވެ. އަދި އެ ބޯޓަކީ އެމެރިކާގެ އިންޓެލިޖެންސް އަށް އެނގިފައިވާ، ޤާނޫނާ ޚިލާފަށް މަސްތުވާ ތަކެތި ވިއްކަމުން އަންނަ ބޯޓެއް ކަމަށް ވެސް ހެގްސެތު ވަނީ ފާހަގަ ކުރައްވައިފަ އެވެ. ބައިނަލްއަޤުވާމީ ކަނޑުގައި އެ ބޯޓަށް ހަމަލާ ދީފައިވައިރު، ބޯޓުގައި ތިބީ ތިން ފިރިހެނުންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅުން ފެށިގެން ދެމުން ގެންދާ މި ހަމަލާ ތަކަކީ، އެ މީހުން މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް އެނގިފައި ވީ ނަމަވެސް، ޤާނޫނާ ޚިލާފަށް ދެމުން އަންނަ ހަމަލާ ތަކެއް ކަމަށާއި، އެ މީހުން މަރަނީ ވެސް ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެމެރިކާ އިން ހަމަލާ ދިން ބޯޓު ތަކުން މަސްތުވާ ތަކެތި ވިއްކަމުން ދިޔަކަން ނުވަތަ، އެމެރިކާ އަށް ނުރައްކާވާ ކަމުގެ އެއްވެސް ހެއްކެއް އާންމު ކޮށްފައި ނުވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ހެގްސެތު ވިދާޅުވެފައި ވަނީ، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ މީހުން ހޯދައި، އެ މީހުން މެރުމުގެ މަސައްކަތް އެމެރިކާ އިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހެގްސެތު ވަނީ ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖު ވެސް ހިއްސާ ކުރައްވައިފަ އެވެ. އެ ވީޑިއޯގައި ބޯޓަށް ހަމަލާ ދެވޭ ވަގުތާއި، އެއަށް ފަހު ބޯޓުން އަލިފާން ފެންނަ މަންޒަރު ވެސް ފެނެ އެވެ.
މި ހަމަލާތަކާ ގުޅިގެން އދ އިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން އދ ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާ ޓާކް ވިދާޅުވީ، އެ މީހުން މަރާލެވިފައި ވަނީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ދީފައިވާ ހަމަލާ ތަކެއްގައި ކަމަށެވެ. އެ ހަމަލާގެ ސަބަބުން އިންސާނީ ގޮތުން ވެސް އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.