އަންގާރަ ދުވަހު އޮންނަ އެމެރިކާގެ ނިއު ޔޯކުގެ މޭޔަރުގެ އިންތިޚާބުގައި، މޭޔަރު ކަމަށް ވާދަ ކުރާ ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ އަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ނިއު ޔޯކުގެ މޭޔަރު އިންތިޚާބާ ގުޅޭ ގޮތުން މިހާތަނަށް ވެސް ޓްރަމްޕް ވަނީ ގިނަ ވާހަކަ ތަކެއް ދައްކަވައިފަ އެވެ. މި އިންތިޚާބުގައި ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރަނީ ކާޓިސް ސްލިވާ އެވެ. ނަމަވެސް ޓްރަމްޕް ވަނީ، އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ ކުއޯމޯ އަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.
ނިއު ޔޯކް ސިޓީ އަކީ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން ގިނަ ސިޓީ އަކަށްވާއިރު، ގިނަ ބަޔަކު ޤަބޫލު ކޮށްގެން ތިބީ މި އިންތިޚާބު ކާމިޔާބު ކުރާނީ ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ޒޮހްރާން މަމްދާނީ ކަމަށެވެ. ޚިޔާލު ހޯދުމުގެ ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ސްލިވާ އުޅެނީ ވަރަށް ބޮޑު ތަނުން ފަހަތުގަ އެވެ.
އިންތިޚާބުގައި ކުއޯމޯ އަށް ތާއީދު ކުރަން ނިންމަވާފައިވާ ކަން ހާމަ ކުރައްވައި ޓްރަމްޕް ވަނީ ވަރުގަދަ އިންޒާރެއް ވެސް ދެއްވައިފަ އެވެ. އެގޮތުން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަ ކުރަމުން އަންނަ މަމްދާނީ އިންތިޚާބު ކާމިޔާބު ކޮށްފި ނަމަ، ނިއު ޔޯކް ސިޓީ އަށް ދެމުން އަންނަ ފެޑަރަލް ފަނޑު ހިފަހައްޓާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.
އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުއޯމޯ ވާދަ ކުރައްވާއިރު، އޭނާ އަކީ މީގެ ކުރިން ޑިމޮކްރަޓިކް ޕާޓީގެ އިސް މެމްބަރެއްގެ ގޮތުގައި ހުންނެވި ފަރާތެކެވެ. ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީ ގައި ވެސް އޭނާ ވާދަ ކުރެއްވި ނަމަވެސް، މަމްދާނީއާ ވާދަ ކުރައްވައި ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ.
އަންގާރަ ދުވަހު އޮންނަ ނިއު ޔޯކް ސިޓީގެ މޭޔަރު އިންތިޚާބަކީ ޤައުމީ ފެންވަރުގައި ބޮޑު ސަމާލު ކަމެއް ލިބިފައިވާ އިންތިޚާބެކެވެ. އެއީ ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ޑިމޮކްރަޓިކް ޕާޓީ ފަހަތަށް ޖައްސާލުމަށް ވެސް ޓްރަމްޕް އަށް ލިބިވަޑައިގެންފައިވާ ފުރުސަތެއް ކަމަށް މާހިރުން ފާހަގަ ކުރެ އެވެ. އުމުރުން 34 އަހަރުގެ މަމްދާނީ އަކީ ޑިމޮކްރަޓިކް ސޯޝަލިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފަރާތެކެވެ.
މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ސާވޭ ތަކާއި، ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި ކުއޯމޯ އަށް ވުރެ ކުރީގައި އުޅެނީ މަމްދާނީ އެވެ. މަމްދާނީ ވަނީ ޒުވާނުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދު ހޯދާފައި ކަމަށާއި، އޭނާ ކުރަމުން އަންނަނީ ވަރަށް ޒަމާނީ އަދި ޒުވާން ވިސްނުމުގެ ކެމްޕެއިނެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.
ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކުއޯމޯ އަކީ ޝަޚުސިއްޔަތުގެ ގޮތުން ކަމުދާ ކެންޑިޑޭޓަކަށް ނުވި ނަމަވެސް، އެ ނޫން އެހެން ޗޮއިސްއެއް މިވަގުތު ނެތް ކަމަށެވެ. ކުއޯމޯ އަށް ވޯޓު ދީ، އުންމީދު ކުރަން ޖެހޭނީ އޭނާ ރަނގަޅު މަސައްކަތެއް ކުރާނެ ކަމަށް ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ. ކުއޯމޯ އަށް އެކަން ކުރެވުނު ނަމަވެސް، މަމްދާނީ އަށް އެކަން ނުކުރެވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ހަމަ އެ ޕޯސްޓުގައި މަމްދާނީ އަކީ ކޮމިއުނިސްޓް ކެންޑިޑޭޓެއްގެ ގޮތުގައި ސިފަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، މޭޔަރު އިންތިޚާބު އޭނާ ކާމިޔާބު ކޮށްފި ނަމަ، ޤާނޫނު ލާޒިމު ކުރާ އެންމެ މަދު މިންވަރު ފިޔަވައި، އެހެން ފަންޑުތައް އެ ސިޓީ އަށް ދިނުމަކީ ދަތި ކަމެއް ކަމަށެވެ. ޓްރަމްޕް އަކީ ވެސް ނިއު ޔޯކް އަށް އުފަންވެ ވަޑައިގެން، އެ ސިޓީ އަށް ނިސްބަތްވާ ބޭފުޅެކެވެ.
ނިއު ޔޯކްގެ ސްޓޭޓް ކޮމްޓްރޯލާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެމެރިކާގެ ފެޑެރަލް ސަރުކާރުން 2026 ވަނަ އަހަރު ނިއު ޔޯކް ސީޓި އަށް ދެނީ 7.4 ބިލިއަން އެމެރިކާ ޑޮލަރެވެ. ނުވަތަ އެ ސިޓީގެ ޖުމުލަ ޚަރަދުގެ 6.4 އިންސައްތަ އެވެ.