ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 06:56
އިޒްރޭލުގެ ހަމަލާއެއްގައި ޒަޚަމްވެފައިވާ ފަލަސްތީނުގެ ކުއްޖެއް
އިޒްރޭލުގެ ހަމަލާއެއްގައި ޒަޚަމްވެފައިވާ ފަލަސްތީނުގެ ކުއްޖެއް
އަނަދޮލޫ
ޣައްޒާ ހަނގުރާމަ
ހޮނިހިރު ދުވަހު އިޒްރޭލް ސިފައިން 71 ފަލަސްތީން މީހުން ޝަހީދު ކޮށްލައިފި
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 40،334ށް ވަނީ އަރާފައެވެ.
ޚަބަރުގެ އޯޑިއޯ

ހޮނިހިރު ދުވަހު ޣައްޒާގައި އިޒްރޭލް ސިފައިން ހަމަލާދީ މަދުވެގެން 71 ފަލަސްތީން މީހުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާ އަށް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުން ދިޔައިރު އަނެއްކޮޅުން ދާރުލް ބަލާހް އަށް ބުލްޑޯޒަރުތަކުގައި އިޒްރޭލް ސިފައިންގެ ފައުޖުތަކުން ދިޔައީ އަރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ލައްކަ އަކަށް ވުރެ ގިނަ މީހުން އެތަން ދޫކޮށް މި ވޭތުވެ ދިޔަ ދެދުވަހުގެ ތެރޭގައި ވަނީ ގޮސްފައެވެ.

އިޒްރޭލް ގެ އަނިޔާވެރި ހަމަލާތަކުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުވަމުން ދާއިރު، މިސްރުގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމާސްއިން މިސްރަށް ވަފުދެއް ފޮނުވި ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ. ގާހިރާ ގައި ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެދެވޭ ކުރިއެރުމެއް ނުލިބޭ ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.

އިޒްރޭލުގައި ބޮޑު ވަޒީރު ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާ އެތައް ހާސް މީހުން ހޮނިހިރު ދުވަހުގެ ރޭ ވަނީ މަގުތަކަށް ނުކުމެފައެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރި މީހުން ގޮވަމުން ދިޔައީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސް ހަމާސް އިން ހައްޔަރުކޮށްފައި ތިބި އިޒްރޭލުގެ ރައްޔިތުން މިނިވަން ކޮށްދިނުމަށެވެ.

އެންމެ ފަހުގެ އަދަދު ތަކަށް ބަލާއިރު އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 40،334 މީހުން ފަލަސްތީނުން ވަނީ ޝަހީދު ވެފައެވެ. އޭގެ އިތުރުން އެ ހަމަލާތަކުގައި 93،356 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް