އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި އެވެ.
ފަލަސްތީނުގެ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ބޮޑު ތިން ޖަމިއްޔާ އެއް ގެ އެކައުންޓްތައް ނައްތާލުމަށް ފަހު، ޔޫޓިއުބުން ޣައްޒާ އާއި ވެސްޓް ބޭންކުގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތައް ފެންނަ ގިނަ ވީޑިއޯ ސިއްރުން ޑިލީޓު ކޮށްފައި ވާއިރު، މިއީ މިނިވަން ޚިޔާލު ފާޅުކުރުމާއި ޖަވާބުދާރީ ކުރުވުމާ ދެކޮޅަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަ ކޮށް، ޔޫޓިއުބް ގެ މި އަމަލު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކުށްވެރި ކޮށްފަ އެވެ.
ޑިލީޓު ކުރި އެކައުންޓް ތައް ނިސްބަތް ވަނީ ފަލަސްތީނުގެ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ މަޝްހޫރު ތިން ޖަމާއަތަކަށެވެ. އެއީ އަލް-ހައްޤް، އަލް މީޒާން ސެންޓަރ ފޯ ހިއުމަން ރައިޓްސް އަދި ޕެލެސްޓީނިއަން ސެންޓަރ ފޯ ހިއުމަން ރައިޓްސް އެވެ.
ޑިލީޓުކުރި ކޮންޓެންޓްގައި ޣައްޒާ ގައި އިޒްރޭލުން ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާ އިން ސަލާމަތްވި މައިން ގެ ޑޮކިއުމެންޓްރީ އަކާއި، ފަލަސްތީނު އެމެރިކާ ނޫސްވެރިއެއް ކަމަށްވާ ޝިރީން އަބޫ އަކްލެހް މަރާލުމުގައި އިޒްރޭލުގެ ދައުރު ހާމަކުރާ ތަހުގީގީ ވީޑިއޯ އަކާއި، އަދި ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކުގައި ފަލަސްތީނުގެ ގެތައް ބިމާހަމަކުރި މަންޒަރުތައް ހާމަކުރާ ފުޓޭޖްތައް އެކުލެވޭ ވީޑިއޯ ހިމެނެއެވެ. ތަޖުރިބާކާރުން ބުނަނީ މިއީ އިޒްރޭލުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ މުހިންމު ހެކިތައް ކަމުގައެވެ.
ޔޫޓިއުބް އިން މި ގޮތައް އަމަލު ކުރީ، ޣައްޒާ އާއި ވެސްޓް ބޭންކު ގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ހަނގުރާމައިގެ ކުށްތަކަށް ޒިންމާދާރުވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރުން ހިންގި ކެމްޕޭނަކަށް އިޖާބާ ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ހަނގުރާމައިގެ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ޣައްޒާ ގައި އެމީހުން އިސްވެ ތިބެ ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކަަށް ދައުވާ ކުރުމަށް ހައްޔަރު ކުރުމުގެ އަމުރު ނެރުމާ އެކު، ޓްރަމްޕް ސަރުކާރުން އައިސީސީ ގެ އޮފިޝަލުންނަށް ފިޔަވަޅު އަޅައި، ކޯޓާ ގުޅިގެން މަސައްކަތް ކުރާ ފަރާތްތަކާއި ޖަމިއްޔާތަކަށް ޓާގެޓްކޮށް އިޒްރޭލުގެ އަމަލުތައް ދިފާއު ކޮށްދިނުމުގެ މަސައްކަތް އެމެރިކާ އިން ވަނީ ވަރަށް ބާރަށް ކުރިއަށް ގެންގޮސްފައެވެ.
ޔޫޓިއުބުން އަމަލު ކުރި ގޮތާ މެދު ނުރުހުން ފާޅު ކޮށް ޑިމޮކްރަސީ ފޯ ދަ އަރަބް ވޯލްޑް ނައުގެ އެގްޒެކެޓިވް ޑިރެކްޓަރު ސާރާ ލީއާ ވިޓްސަން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ސެންޓަރ ފޯ ކޮންސްޓިޓިއުޝަނަލް ރައިޓްސް ގެ ސީނިއަރ ސްޓާފް އެޓާނީ ކެތެރީން ގަލަގަރ ބުނީ "އިންސާނީ ހައްޤުތަކަށް ފުރައްސާރަ ކުރުމާއި ހަނގުރާމައިގެ ކުށްތަކުގެ ހެކިތައް ރައްޔިތުންގެ ލޯ ކުރިމަތިން ނައްތާލުމަށް ޓްރަމްޕް ސަރުކާރުން ގެންގުޅޭ އެޖެންޑާ ޔޫޓިއުބުން ކުރިއަށް ދިއުމަކީ ވަރަށް ގޯސް،" ކަމެއް ކަމަށެވެ.