Advertisement
ކ. މާލެ
|
20 އޯގަސްޓް 2024 | އަންގާރަ 19:00
ޑރ. އަލީ ލަތީފް އާއި ބަންދު ސަލީމް އަދި ޑރ މިލްޒާ
ޑރ. އަލީ ލަތީފް އާއި ބަންދު ސަލީމް އަދި ޑރ މިލްޒާ
ރާއްޖެއެމްވީ
ޕީސީއާރު ޓެސްޓާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަ
ޑރ. އަލީ ލަތީފް އާއި ބަންދު ސަލީމް އާއި ޑރ މިލްޒާ ގެ މައްޗަށް ޚިޔާނަތުގެ ދައުވާ
ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސްފަވޭ
އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް އިން މަނީލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އައިޖީއެމްއެޗްގެ ކުރީގެ ތިން ވެރިންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައަކީ ކޮވިޑް-19 ގެ ދުވަސްވަރު އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އިން އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައެއް ކަމަށް އޭސީސީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުނު ފަރާތްތަކަކީ، ކޮވިޑް-19 ގެ ދުވަސްވަރުގައި އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. ޢަލީ ޢަބްދުﷲ ލަޠީފު (މ. ގައްދަޑުގެ، ކ.މާލެ) އާއި އައި.ޖީ.އެމް.އެޗްގެ ކުރީގެ ސީ.އީ.އޯ އިބްރާހީމް ސަލީމް (މއ.ބަންދުގެ / ކ.މާލެ،) ގެ އިތުރުން އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ.މިލްޒާ ޢަބްދުލްމުޙްސިން (ގަހާކޯޅި / ގދ.ތިނަދޫA048473 ) ގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް ހުށަހެޅީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ. 

Advertisement

އަދި މައްސަލައިގެ ތަހުޤީޤުން ހޯދި ހޯދުންތަކުން ޑރ.ޢަލީ ޢަބްދުﷲ ލަޠީފް އަދި އޭނާގެ މަސްލަޙަތު އޮންނަ އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް އިން މަނީލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑރ.ޢަލީ ޢަބްދުﷲ ލަޠީފް އަދި އާރު.އެމް.އެލް.އެސް ލެބް ސަރވިސަސްގެ މަނީލޯންޑަރިންގ ގެ މައްސަލަ ތަހުޤީޤުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ފޮނުވާފަވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑރ.ޢަލީ ޢަބްދުﷲ ލަޠީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުޤީޤުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްޤީޤުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށްފޮނުވާފަވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މި މައްސަލައިގައި، ޑރ. ޢަލީ ޢަބްދުﷲ ލަޠީފު އަދި ޑރ.މިލްޒާ ޢަބްދުލްމުޙްސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުއްވަން ޖެހޭކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށްފަހު، އެކަން އޭސީސީ އަށް ހިއްސާކުރެއްވުމަށް ވަނީ އަންގާފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން މިހާތަނަށް އާންމުކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް