Advertisement
ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 13:46
އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ގެނައި ޕައިލެޓް ބޯޓާއި ޓަގް ބޯޓް
އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ގެނައި ޕައިލެޓް ބޯޓާއި ޓަގް ބޯޓް
އެމްޕީއެލް
ބަންކަރިންގ މަޝްރޫއަށް ގެނައި ބޯޓު
ބަންކަރިންގ މަޝްރޫއަށް ގެނައި ބޯޓަކީ އިންޖީނު މައްސަލަ ދިމާވާ ބޯޓެއްކަމަށް ދެކެވޭ ވާހަކަތައް އެމްޕީއެލްއިން ދޮގުކޮށްފި
އެ ބޯޓަކީ މީގެ ކުރިންވެސް އެކި އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ބޯޓެއް
އެއީ ދޭތެރެ ދޭތެރެއިން އެކި މައްސަލަތައް ދިމާވެ މަރާމާތު ކުރަން ޖެހޭ ބޯޓެއްކަމަށް ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން ކިޔާދިން
ރާއްޖެއެމްވީން ސުވާލު ކުރުމުން ވަޖީހު ވިދާޅުވީ، އެ ބޯޓަކީ އެއްވެސް މައްސަލައެއް ދިމާވާ ބޯޓެއް ނޫން ކަމަށް

ބައިނަލް އަގްވާމީ ދަތުރުފަތުރުގައި އުޅޭ ބޯޓު ފަހަރަށް ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ގެ ޚިދުމަތް ފަށައިގަތުމަށް މި ސަރުކާރުން ގެނައި ބޯޓަކީ ގިނަ މައްސަލަތަކެއް ހުރި ބޯޓެއްކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްއިން) ދޮގުކޮށްފިއެވެ.

އެމްޕީއެލްއިން މީގެ ކުރިން ބުނެފައިވަނީ ބަންކަރިންގެ ހިދުމަތް ފަށަން ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު އޯގަސްޓު މަހުގެ ދެވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ކުޅުއްދުއްފުށީ ޕޯޓަށް އެ ދެ އުޅަނދު ވަނުމާ އެކު ވޯޓާ ސެލިއުޓެއްވެސް ދީފައިވެއެވެ.

Advertisement

އެހެންނަމަވެސް އެ ބޯޓަކީ މީގެ ކުރިންވެސް އެކި އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ބޯޓެއް ކަމަށާއި، އެއީ ދޭތެރެ ދޭތެރެއިން އެކި މައްސަލަތައް ދިމާވެ މަރާމާތު ކުރަން ޖެހޭ ބޯޓެއްކަމަށް ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން ކިޔާދިނެވެ. އެގޮތުން އެ ބޯޓު ހުއްޓި އަޑިއަށް ގޮސްގެން ކަފު ޖަހައިގެން އެއް ނަންބަރު ޖެޓީއަށްވެސް މީގެ ކުރިން ގެނަކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ކިޔާދިނެވެ.  

ރާއްޖެއެމްވީއަށް ބައެއް އިތުރު މަސްދަރުތަކުން ކިޔާދިން ގޮތުގައި އެ ޕައިލެޓް ބޯޓުގެ އިންޖީނު  މައްސަލަތައް ދިމާވާ ވަރުން ނުދުއްވިގެން ބާއްވާފައިވެސް އެތައް ދުވަހަކު އޮތެވެ.

 އޭގެ އިތުރުން، މިހާރު ކުދިކުދި މަރާމާތު ކޮށްލާފައިވީނަމަވެސް، ސަރުކާރުން އަނެއްކާވެސް މިފަދަ ބޮޑު މަޝްރޫއަކަށް އެހާ ބޮޑެތި މައްސަލަ ދިމާވާ ބޯޓެއް ނެރުމަކީވެސް ކަންބޮޑުވާ ކަމެއްކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި ފަރާތްތަކުން ބުންޏެވެ.

އޭތި ދެ ދުވަހުން އެއް ދުވަހު އަޅުގަނޑުމެންނަށް ދުއްވޭނީ، ދެން ބާއްވާފައި އޮންނާނީ، ދެން އެތާނގައި ބާއްވާފައި އޭތި އޮތީ، ދަތުރެއް ނުކުރަން، ދެން ބާއްވާފައި އޮވެ، މީތި ކޮންމެވެސް ވަރަކަށް ރިޕެއަރ ކޮށްލާފަ އެ ގެންދިޔައީ، މި ދާއިރާގައި އުޅޭ އެންމެންނަށްވެސް އެނގޭނެ އެއީ މިތާނގައި ބޭނުންކުރާ އެއްޗެއްކަން، އެ ޕައިލެޓް ބޯޓު މިތާނގައި އެތައް އަހަރެއް ވަންދެން ގެންގުޅެފައި ނުދުއްވިގެން، އިންޖީނުގެ ސަބަބުން ނުދުއްވިގެން ބާއްވާފައި އެތައް ދުވަހެއް ވަންދެން، ކުޑަކޮށް ރިޕެއަރ ކޮށްލާފަ އެ ގެންދިޔައީ، 12 ވަރަކަށް އަހަރު ވެދާނެ އެ ގެންގުޅޭތާ އެކަމަކު އެއްގޮތަކަށް ދަތުރެއް ނުކުރެވޭ
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތެއް

އެހެންނަމަވެސް، އެ ވާހަކަތައް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވަނީ ދޮގު ކުރައްވާފައެވެ. ރާއްޖެއެމްވީން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެ ބޯޓަކީ އެއްވެސް މައްސަލައެއް ދިމާވާ ބޯޓެއް ނޫން ކަމަށެވެ.

އެމްޕީއެލްއަކީ މި ބާވަތުގެ ބޯޓު ފަހަރު ދުއްވާ ކުންފުންޏެއް، މިކޮޅުގައި ބޭނުންކުރާ އެއްޗެއް އެއީ، އެއްވެސް މައްސަލައެއް ނޫޅޭނެ، އަލަށް ވިޔަފާރިއެއް ފަށާއިރު އެކަމަށް ބޭނުމެއް ނުކުރާނެ ދެއްތޯ ގޯސް އެއްޗެއް، އެއީ މައްސަލައެއް އޮތް ބޯޓެއް ނޫން، މިތަނުގެ ރަނގަޅު ބޯޓެއް ހަމަ އެއީ
އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު

އެހެންނަމަވެސް ރާއްޖެއެމްވީއާ ވާހަކަ ދެއްކި މަސްދަރުން ކިޔާދިން ގޮތުގައި ބޯޓު ބަންކަރިންގެ ޚިދުމަތަށް ބޭނުން ކުރުމަށް ގެންދިޔަ ދުވަހުވެސް ކުޅުދުއްފުށީ ފަޅުތެރެއަށް ވަތްފަހުން ދެ އިންޖީނުގެ މައްސަލަ ޖެހިގެން ބޯޓު ތޮށިގަނޑުގައިވެސް ޖެހިފައިވެއެވެ.  

އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތައް ގާއިމު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ހއ.އިހަވަންދޫއަށް ޒިޔާރަތްކުރައްވައި، އެ ރަށުގެ ކައުންސިލްއާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށްވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.

އިހަވަންދިއްޕޮޅު ގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި މި ސަރުކާރުން ހިންގާނެ ކަމަށް ބުނާ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެކުލަވާލާ މަޝްރޫއުގެ ޓާރމް ޝީޓުގައި މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު ވަނީ ސޮއި ކޮށްފައެވެ.

މި ޓާމް ޝީޓަކީ، ބަންކަރިން ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި ދެ ފަރާތުން ނިންމަން ޖެހޭ ލިޔެކިޔުންތައް ވަކި ތާރީޚެއްގެ ތެރޭ ނިންމަން ސޮއި ކުރެވޭ އެއްބަސްވުމެއް ކަމަށް އޭރު ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް