Advertisement
ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 02:32
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ކުރީގެ މެމްބަރު ރާއި ވާހަކަދައްކަވަނީ
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ކުރީގެ މެމްބަރު ރާއި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގައި އޮތް އެންމެ ނުރައްކާތެރި އެއް ކަމަކީ މަޖިލިސް ހިނގާ ގޮތް، މިއީ ވަނދު މަޖިލީހެއް - ރާއި
މަޖިލީހަކީ އާއްމުންނާއި ގުޅުން ކުޑަ، ވަނދު މަޖިލީހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ
ރާއި ވަނީ މި ސަރުކާރުން މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ނުގެންދާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ

ރާއްޖޭގައި އޮތް އެންމެ ނުރައްކާތެރި އެއްކަމަކީ މިހާރު ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތް ކަމަށާއި، ބައެއް މެމްބަރުންނަށް މަޖިލީހަކީ ސަރުކާރުގެ ބައެއް ކަމަށް ހީވެފައިވާ ކަމަށް މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

Advertisement

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއި ވިދާޅުވީ ރާއްޖޭގެ މީހުންނަކީ ސިޔާސީ ކަންކަން ބަލާ ހޯދާ ބައެއް ކަމަށެވެ. ރާއި ވިދާޅުވީ މަޖިލީހުގައި ހިނގާ ކަންކަމާއި ދެކެވޭ ވާހަކަތައް ވެސް އާއްމުން ކުރިން ބަލާ ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހާއި މެދު އާއްމުންގެ އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ މަޖިލީހުގެ ހިންގުންތެރިކަން ކުޑަވުން ކަމަށް އޭނާ ވިދާޅުވިއެވެ. ނިމިދިޔަ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އެމްޑީޕީ އަށް އޮތް ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް ވެސް އެމްޑީޕީގެ މެމްބަރުންނަށް މަޖިލީހުގައި ބަސް ބުނެވޭ ކަމަށާއި މިއަދު އެ މަންޒަރު ނުފެންނަ ކަމަށް ރާއި ވިދާޅުވިއެވެ. މި މަޖިލީހަކީ އާއްމުންނާއި ގުޅުން ކުޑަ، ވަނދު މަޖިލީހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޖުމުލަ ރައްޔިތުންގެ ޝައުގު މަޖިލީހަށް ނެތް. ޝައުގުވެރިކަން ނެތުމަކީ ވަރަށް ބޮޑު މައްސަލަ އެއް. އެއީ ވަރަށް ދެރަވަރު ކަމެއް. ޝައުގުވެރިކަން ގެއްލެނީ ޕްރޮޑަކްޓިވް މަސައްކަތެއް ނުކުރެވޭތީ. ރައްޔިތުންނާއި ގުޅުން ހުރި ވާހަކަ ނުދެކެވޭތީ. ބަހުސްތައް ނުކުރެވޭތީ.
މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ

މި މަޖިލީހަކީ ރަބަރު ސްޓޭމްޕް ޖަހާ މަޖިލީހެއް ކަމަށް ސިފަކުރައްވާ އޭނާ ވަނީ މި މަޖިލީހާއި މެދު އާއްމުން ފޫހިވެފައިވާ ކަމަށް ވިދާޅުވެފައެވެ. މި މަޖިލީހުގައި ބިނާކުރުވަނިވި އެއްވެސް މަސައްކަތެއް ފެނިގެން ނުދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ކޮމިޓީތަކުގައި ކުރާ މަސައްކަތް އާއްމުންނަށް ސާފު ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އަބްދުﷲ ހުންނަވައިގެން އެމްއެމްއޭގެ ގަވަރނަރ އަލީ ހާޝިމް ވަކިކުރިކުރުމަށް ވެސް ފާޑު ވިދާޅުވެފައެވެ. ހާޝިމް ފަދަ ކިޔަވައިގެން ހުރި މީހެއް އަބްދުއްރަހީމްގެ ބެލުމުގެ ދަށުން ވަކިކުރުމަކީ ތައުލީމް ހާސިލްކުރާ ޒުވާނުންނަށް ދޭ ނުރަނގަޅު މެސެޖެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއި ވަނީ މި ސަރުކާރުން މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ނުގެންދާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އަލަށް މި ސަރުކާރަށް ކުޑަމިނުން އޭޓީއެމްއެއް ޤާއިމް ނުކުރެވޭ ކަމަށާއި ރިބަން ކަނޑަމުން ދަނީ ނިމިދިޔަ ސަރުކާރުގެ މަޝްރޫޢުތަކުގެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މަޝްރޫޢުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ޤާބިލްކަން މި ސަރުކާރުގެ ނެތް ކަމަށް ރާއި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް