Advertisement
ކ. މާލެ
|
9 ނޮވެންބަރ 2025 | އާދީއްތަ 18:46
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ކަރަޕްޝަން
"މާލިއްޔަތު ގަވައިދަށް ގެނައި ބަދަލަކީ ޖަރީމާތަކެއްގެ ފެށުން، މާލިއްޔަތު ގަވައިދަށް ގެނައި ބަދަލު ޢައިރު ޤާނޫނީ"
ސަރުކާރުން 206 މަޝްރޫޢު ވާދަވެރި ބިޑަކާއި ނުލާ ސަރުކާރަށް ނިސްބަތްވާ މީހުންނާއި އެ މީހުންގެ ގާތް މީހުންނަށް އުސޫލެއް ނެތި ބަހާލާފައިވޭ
މި މަޝްރޫޢުތައް ބަހާލުމަށް މަގުފަހިކުރުމަށް މާލިއްޔަތު ޤަވާއިދަށް މިދިޔަ ދޮޅު އަހަރު ތެރޭގައި 4 އިސްލާހެއް ގެނެސްފައިވޭ
ނިމިދިޔަ ހަފްތާގެ ތެރޭގައި 216 ޕްރޮޖެކްޓް 53 އަމިއްލަ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު މެމްބަރުންގެ ކުންފުނިތަކާއި އާއިލީ ފަރާތްތައް ހިމެނޭ

މި ސަރުކާރުން މާލިއްޔަތު ގަވައިދަށް ގެނައި ބަދަލަކީ ޖަރީމާތަކެއްގެ ފެށުން ކަމަށާއި މާލިއްޔަތު ގަވައިދަށް ގެނައި ބަދަލަކީ މާލިއްޔަތު ޤާނޫނާއި ޚިލާފު ޤާނޫނެއް ކަމަށް ވުމާއި އެކު އެއީ ޣައިރު ޤާނޫނީ ބަދަލުތަކެއް ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

މައުރޫފް އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން ވަނީ ވާދަވެރި ބިޑަކާއި ނުލާ 206 މަޝްރޫޢުގެ މަސައްކަތް ސަރުކާރަށް ނިސްބަތްވާ މީހުންނާއި އެ މީހުންގެ ގާތް މީހުންނަށް އުސޫލެއް ނެޔި ބަހާލާފައެވެ. އެ މަސައްކަތް ދީފައިވާ ބައެއް ކުންފުނިތަކަކީ މަސައްކަތާއި ފަންނީ އަދި މާލީ ތަޖުރިބާ ވެސް ނެތް ކުންފުނިޔަކެވެ.

މި މަޝްރޫޢުތައް ސަރުކާރުން ބޭނުން ބަޔަކަށް ދިނުމަށް މަގުފަހިކުރުމަށް މާލިއްޔަތު ޤަވާއިދަށް ތަކުރާރުކޮށް ބަދަލު ގެނެސްފައިވެ އެވެ.

ބިޑަކާއި ނުލާ މަޝްރޫޢުތައް ބަހާލުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މައުރޫފް ވަނީ މަޝްރޫޢުތައް އެހެން ދިނުމުގައި ހުރި މަސައްކަތައް ފާހަގަކުރައްވާ، އެކަމާއި ގުޅުން ހުރި ޤާނޫނީ ނުކުތާތައް ފާހަގަކޮށްދެއްވާފަ އެވެ. ބިޑްކުރުމެއް ނެތި ބޭނުން ބަޔަކަށް ބޭނުން އަގެއްގައި ދިން ގޮތް ރައްޔިތުންނަށް އެނގުން މުހިންމު ކަމަށް މައުރޫފް ވިދާޅުވި އެވެ. މިދިޔަ ދޮޅު އަހަރު ތެރޭގައި މާލިއްޔަތު ޤަވާއިދަށް 4 އިސްލާހެއް ގެނެސްފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. ނަމަވެސް އެ ބަދަލުތައް ގެނެސްފައިވާ ގޮތުން އެއީ އިސްލާހަކަށް ވުރެ ބޮޑަށް ޖަރީމާ ހިންގަން ގެނައި ބަދަލެއްގެ ގޮތުގައި ސިފަ ވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްގެން ބޭނުން ބަޔަކަށް ޕްރޮޖެކްޓްތައް ދޭން ސަރުކާރުން ނިންމާފައި ވާއިރު މީގެ ކުރިން ވެސް އެފަދަ ކަންކަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރި ކަމަށް މައުރޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު އެކަމަށް ފުރުސަތު ނުލިބުނީ އިދިކޮޅު ފަރާތްތަކާއި އާއްމުންގެ ފާޑުކިޔުން އިންތިހާ އަށް އެކަންކަމަށް އަމާޒު ވުމުގެ ސަބަބުންނެވެ.

"މިއީ ފެށުމެއް ކަމަށް އަޅުގަނޑުމެން ބަލަން ވާނީ. މިއީ ނިމުމެއް ނޫން. 200 ޕްރޮޖެކްޓެއް ނޫން. އަދި ވެސް މިފަދަ ކަންކަން ފެންނާނެ." މައުރޫފް ވިދާޅުވި އެވެ.

އެއްވެސް ހާމަ ކަމެއް ނެތް ގޮތަށް މަޝްރޫޢުތައް ބަހާލަނީ ކޮރަޕްޝަނަށް މަގުފަހި ވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެނގި ތިބެ ކަންކަން ކުރުމަކީ ޤާނޫނުލްއުޤޫބާތުގައި ވެސް ކުށެއް ކަަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މި މަސައްކަތުގައި އިސްކޮށް ތިބި އެނެމްންނަށް ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި ޖުމުލަ 216 ޕްރޮޖެކްޓް ތަފާތު 53 އަމިއްލަ ކުންފުންޏާއި ވަނީ ޙަވާލުކޮށްފަ އެވެ. މީގެތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 123 ރަށެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ވަނީ ސޮއިކޮށްފަ އެވެ. މަޝްރޫޢޫތައް ލިބުނު މީހުންގެ ތެރޭގައި މަޖިލީސް މެމްބަރުންގެ ކުންފުނިތަކާއި އެ މީހުންގެ އާއިލީ އަދި ރަހުމަތްތެރިން ގިނަކަން ފާހަގަކޮށްލެވެ އެވެ.

- ކޮމެންޓް