އެމްޑީޕީގެ ސަރުކާރާއި މި ހިނގަމުންދާ ސަރުކާރުގެ ހާރިޖީ ސިޔާސަތު އެއްގޮތް ކަަމަށާއި، ހަމައެކަނި ތަފާތަކަށް ފެނުނީ ކުރީގެ ޚާރިޖީ ވަޒީރުގެ ބޮލުގައި "ފަތް ނެތުން" ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީން "ހަވަރު ބެރު" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ބައިނަލްއަޤުވާމީ އުސޫލުތައް އެނގި އެއަށް އަމަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައިވެސް ދައްކަމުން އައި ވާހަކައަކީ އެއީ ކަމަށެވެ.
މިހާރުގެ ސަރުކާރުގައި ތިބި ފަރާތްތަކުން އެމްޑީޕީގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަށް ފާޑުކިޔައި ދެއްކި ވާހަކައަށް އަލިއަޅުވާލައްވައި ޝާހިދު ވިދާޅުވީ، މިއަދުގެ ޚާރިޖީ ވަޒީރު މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދާދި ފަހުން ވިދާޅުވެދެއްވާފައިވާ ކަމަށާއި، އެއީ ހަމަ ނިމިދިޔަ ސަރުކާރުންވެސް ދެއްކި ވާހަކަތަކާއި ސިޔާސަތު ކަމަށެވެ.
މިއަދު ހަމައެކަނި ތަފާތަކަށް ފެނުނީ އެ ދުވަހު އެ ވާހަކަ ދެއްކެވި ޚާރިޖީ ވަޒީރުގެ އިސްތަށިފުޅުގައި "ފަތް ނެތުން" ކަމަށް ޝާހިދު މަޖާޒީ ގޮތެއްގައި ވިދާޅުވިއެވެ.
އިހަށްރޭ މިއަދުގެ ޚާރިޖީ ސިޔާސަތު ހާމަ ކުރެއްވި ޓީވީގައި، ކުރެއްވިއިރު ހަމައެކަނި ތަފާތަކަށް އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ ބޮލުގައި ފަތް ނެތްކަން، މިހާރުގެ ވަޒީރުގެ އިސްތަށިފުޅުގައި ފަތްހުރި، ދެއްކި ވާހަކަ އެކައްޗެއް، ހަމަ އަޅުގަނޑު ވަޒީރަކަށް އިނދެ ދެއްކި ވާހަކަތައް އެމަނިކުފާނު އެ ދެއްކެވީ، ބައިނަލްއަޤުވާމީ އުސޫލުތަކަށް ތަބާވާ، އަޅުގަނޑުމެންނާ ގުޅުން ބާއްވަން ބޭނުން ހުރިހާ ޤައުމަކާ، އިޒްރޭލު ފިޔަވައި ގުޅުން ބާއްވާނަމޭ.އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ، މިދިޔަ ސަރުކާރުންވެސް ގެންގުޅުނު ޚާރިޖީ ސިޔާސަތުތައް މިއަދުގެ ސަރުކާރުން ޤަބޫލު ކުރާތީ އުފާ ކުރައްވާ ކަމަށާއި، ވެރިކަމުގެ ގޮނޑިއަށް އައުމުން ފެންނަ މަންޒަރު އެބޭފުޅުންނަށްވެސް ތަފާތުވެއްޖެ ކަމަށެވެ.
ޝާހިދު އެހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ބޭރު ގައުމަކާ ދެކޮޅަށް މި ފަހުގެ ތާރީޚްގައި ހިންގި އެންމެ ބޮޑު ކެމްޕޭން ކަމަށްވާ "އިންޑިއާ އައުޓް" ހަރަކާތުގައި އިސް ސަފުގައި އުޅުއްވި ފަރާތްތައް މިއަދު ވެރިކަމަށް އައުމުން ފެންނަނީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރުމަށް މިހާރު މަސައްކަތްތަައް ފަށާފައިވާ މަންޒަރެވެ.