ކ. މާލެ
|
24 ޖުލައި 2024 | ބުދަ 11:54
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
މަޖިލިސް
އައްޑޫ ކަރަންޓު މައްސަލަ
އައްޑޫގެ ކަރަންޓު ކެނޑޭތީ ހުށަހެޅި ކުއްލި މައްސަލަ: ފަލާހުއަށް މައްސަލައަކަށްވީ ނާޒިލްގެ މޫނު
ކަރަންޓާ ނުލައި އުޅެން ދަސްކުރަން ޖެހޭކަމަށް ފެނަކައިގެ ވެރިން ބުނަމުންދޭ
އައްޑޫގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ އެތައް ރައްޔިތުންނެއް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން
ސަރުކާރަށް 7 މަސް ދުވަސް ވެގެންދިޔައިރު މިކަންކަން ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭ

އައްޑޫ ސިޓީގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާތީ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ.

މި މައްސަލައަށް ބަހުސް ކުރަން ފެންނަކަމަށް މަޖިލީހުގެ 57 މެމްބަރަކު ވޯޓު ދެއްވިއެވެ.

މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ، އައްޑޫ ސިޓީއަކީ 30،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސިޓީއެއް ކަމަށާއި، އެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ، އެންމެ އަސާސީ ފެންވަރަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށާއި، ޚާއްސަކޮށް އެކަމާ ޙަވާލުވެ ތިއްބެވި ވެރިން ބޮޑުތަނުން ފެއިލްވެފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

ސަރުކާރަށް 7 މަސް ދުވަސް ވެގެންދިޔައިރު މިކަންކަން ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވި އޮތްކަންވެސް ނާޒިލް ފާހަގަ ކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ، މިހާތަނަށް މި މައްސަލައަށް ހައްލެއް ނުލިބިފައިވާއިރު، ރައްޔިތުންނަށް އެކަމުގެ ސަބަބުން ނުހަނު ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ކަޅު އަނދިރީގައި ގާތްގަނޑަކަށް ތިރީހަކަށްހާސް ރައްޔިތުން އުޅެން ޖެހިފައިވުމަކީ ހިތާމަ ކުރާ ކަމެއް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ، މިއީ މިއަދު އައްޑޫއަށް އެކަނި ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވަމުންދާ ޙާލަތެއް ކަމަށެވެ.

އޭގެ އިތުރުން، އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދެންދެން މިވަގުތަށްވެސް ކުރެވެން ހުރި މަސައްކަތްތައް ކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް ނާޒިލް ވިދާޅުވިއެވެ. އައްޑޫއަށް ދިމާވި ފެނުގެ މައްސަލައިގައިވެސް ކަން އޮތީ އެހެންކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.

ނާޒިލް ވަނީ ކަރަންޓާ ނުލައި އުޅެން ދަސްކުރަން ޖެހޭކަމަށް ފެނަކައިގެ ވެރިން ބުނަމުންދާކަން ފާހަގަ ކުރައްވައި، ރައްޔިތުން ވެރިކަން ގެނައީ އެ ބޭނުމުގައިތޯވެސް ސުވާލު ކުރައްވާފައެވެ.

ނާޒިލް ހުށަހެޅުއްވި މި މައްސަލައަށް ބަހުސް ކުރައްވަމުން ސަރުކާރުގެ މެމްބަރުން ވަނީ ކުއްލި މައްސަލަ ހުށަހެޅުއްވީ އިހުލާސްތެރިކަމެއް އޮވެގެންތޯ ސުވާލު ކުރައްވާފައެވެ. އެގޮތަށް ދެކިލައްވާ ސަބަބެއްކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، މެމްބަރު ނާޒިލް މައްސަލަ ހުށަހެޅުއްވިއިރު އަޑުގައި މާޔޫސްކަން ހުރިނަމަވެސް މޫނުން މާޔޫސްކަން ނުފެންނަކަމަށެވެ.

އަޅުގަނޑު ހިތަަށް އަރަނީ މި މައްސަލައިގައި ކުއްލި މައްސަލަ މި ހުށަހެޅުއްވީ ހަމަ ހަގީގަތުގައިވެސް އެ މެމްބަރުންގެ ހިތުގައި އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް އިހުލާސްތެރި ނިޔަތެއް އޮވެގެންތޯ، އެއީ މި ކުއްލި މައްސަލަ ހުށަހެޅުއްވިއިރު މޫނުމަތިން އަސަރެއް ނުފެނޭ، ކިޔުއްވުމުގައި އެ އަސަރު ހުރި، މޫނުފުޅުމަތިން އެ އަސަރެއް ނެތް
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

އައްޑޫގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ އެތައް ރައްޔިތުންނެއް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް