ގޫގުލް އިން އައްޑޫ ސިޓީ ހިތަދޫ ގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީ އެއް ގާއިމު ކުރަން ހިންގާ މަޝްރޫއުގެ ބޭނުމަށް 1.5 ހެކްޓަރުގެ ބިމެއް ދޭން ސަރުކާރުން އެދިފައިވީ ނަމަވެސް، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަށް ބިން ދޫނުކުރަން އައްޑޫ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ފާސްކޮށްފި އެވެ.
މި ނިންމުން ނިންމީ ބުރާސްފަތި ދުވަހު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މި މައްސަލަ ބެލުމަށްފަހު، ބިމުގެ މައްސަލަތައް ދިރާސާކުރާ ކޮމިޓީން ހުށަހެޅި ހުށަހެޅުމަށް ތާއީދު ކޮށްގެންނެވެ. ކޮމިޓީން ވަނީ ގޫގުލް މަޝްރޫއު ހިންގުމަށް ދޫކުރާ ބިމުގެ ކުލި ކައުންސިލަށް ލިބޭނެހެން މިނިސްޓްރީ އާއެކު އެއްބަސްވުމެއް ހަދައިގެން ނޫނީ ބިން ދޫނުކުރަން ހުށަހަޅާފަ އެވެ.
އައްޑޫސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 212 ވަނަ ރަސްމީ ޖަލްސާގެ ތެރެއިން.
— Addu City Council (@AdduCityCouncil) November 19, 2025
މިޖަލްސާގައި، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 100 ވަނަ ރަސްމީ ބައްދަލުވުންތަކުގައި ނިންމަވާފައިވާ އަދި ލަފާދެއްވާފައިވާ މައްސަލަތަކަށް ގޮތެއް ނިންމާއި، 1/6 pic.twitter.com/rgtLdU8xvB
ކައުންސިލަރުން އަންދާޒާކުރާ ގޮތުގައި ސަރުކާރުން ގޫގުލް އަށް ދޭން އުޅޭ ބިމުގެ މަހު ކުއްޔަށް 1.5 މިލިއަން ރުފިޔާ އަރާނެއެވެ. އެއީ އަހަރަކަށް 18 މިލިއަން ރުފިޔާއެވެ. މި ފައިސާ ކައުންސިލަށް ލިބޭނެ ގޮތެއް ހަމަޖެއްސުމަކީ ކައުންސިލަރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއްކަމުގައި ބައްދަލުވުމުގައި ފާހަގަ ކުރެވުނެވެ.
މި މަޝްރޫއުގެ ބޭނުމަށް ސަރުކާރުން އެދިފައިވާ ބިމަކީ މީގެ ކުރިން ސަރުކާރުން އެދިގެން ހިތަދޫ ހިއްކި ބިމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނަމުގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ބިމެކެވެ. އެ ބިން އޭރު ރަޖިސްޓްރީ ކުރުމާމެދު ވެސް ކައުންސިލުން ވަނީ ދެކޮޅު ހަދާފަ އެވެ. ބައްދަލުވުމުގައި ބައިވެރިވި ބައެއް ކައުންސިލަރުން ފާހަގަކުރި ގޮތުގައި، އޭރު ކައުންސިލުން ބިން ރަޖިސްޓްރީން ކޮށްދިނީ، އެ ބިން ނުދީފިނަމަ އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދޭނެ ކަމަށް ސަރުކާރުން ބުނުމުންނެވެ.
މި ބިމުގެ މައްސަލަ އަލުން ތިލަވީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބަދަލުގައި އެ ބިން އިކޮނޮމިކް މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކޮށްދޭން ސަރުކާރުން އެދުމުންނެވެ. ނަމަވެސް، މިހާރު އެ ބިމަކީ ގޫގުލް މަޝްރޫ އަށް ހޯދާ ބިންކަން އެނގުމުން، އެ ބިމުން އައްޑޫ އަށް އަދި އައްޑޫ ސިޓީ ކައުންސިލަށް އާމްދަނީ އެއް ނުލިބޭނެހެން ބިން ދޫކޮށްލަން ނުފެންނަ ކަމަށް ބިމުގެ މައްސަލަތައް ދިރާސާކުރާ ކޮމިޓީން ވަނީ ނިންމާފަ އެވެ.
ގޫގުލް އިން އިންޑިއާ ކަނޑުގައި ހިމެނޭ ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް "ދިވަރު" ގެ ނަމުގައި އިއުލާން ކުރީ މި ހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގަ އެވެ. މި މަޝްރޫއަކީ ކުންފުނީގެ އޮސްޓްރޭލިއާ ކަނެކްޓް އިނިޝިއޭޓިވް ފުޅާ ކުރުމުގެ ބައެއް ކަމަށް ގޫގުލް އިން ބުނެފައިވެ އެވެ.
ގޫގުލްގެ މި މަޝްރޫއަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ހިންގާ ޑިޖިޓަލް ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ހަލުވި ކަމާއެކު ކުރިއަރަމުންދާ ދަނޑިވަޅެއްގައި ސަރަހައްދީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް ބުނެފައި ވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ނިންމި ނިންމުމަކީ ކައުންސިލްގެ ހައްގުތައް ރައްކާތެރި ކުރުމަށް ނެގި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލަރުން ދެކެ އެވެ.