Advertisement
ކ. މާލެ
|
18 ޖުލައި 2024 | ބުރާސްފަތި 14:01
ހޯމް މިނިސްޓަރ އަލީ އިހްސާން
ހޯމް މިނިސްޓަރ އަލީ އިހްސާން
ހޯމް މިނިސްޓްރީ
އޮންލައިން ޖުވާ
އޮންލައިން ޖުވާއަކީ އިޖުތިމާއީ ބޮޑު މައްސަލައެއް، ސައިޓްތައް ބްލޮކް ކުރަމުން ގެންދާނަން: އިޙްސާން
މިފަދަ މައްސަލަތަކުގެ ސަބަބުން އެތައް ބައެއްގެ ޙައްޤުތައް ގެއްލިގެންދޭ
މިއީ ދީނީ ގޮތުން އަދި މުޖުތަމައެއްގެ ގޮތުން ބެލިޔަސް ބަލައިގަނެވޭނެ ކަންކަމެއް ނޫން

އޮންލައިން ޖުވާ ކުޅުމަކީ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށާއި، އެގޮތުން ފާހަގަވާ ސައިޓްތައް ބްލޮކް ކުރަމުން ގެންދަވާނެކަމަށް ދާޙިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.  

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިޙްސާން ވިދާޅުވީ، ޖުވާ ކުޅުމުގެ މައްސަލަތައް ހައްލު ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ފާހަގަވެފައިވާ ހުރިހާ ސައިޓުތަކެއް ބްލޮކް ކުރަމުންދާކަން އިޙްސާން ފާހަގަ ކުރެއްވިއެވެ.

އިޙްސާން ވިދާޅުވީ، އެކަންކަމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

Advertisement

މިފަދަ މައްސަލަތަކުގެ ސަބަބުން އެތައް ބައެއްގެ ޙައްޤުތައް ގެއްލިގެންދާ ކަމަށާއި، މިއީ ދީނީ ގޮތުން އަދި މުޖުތަމައެއްގެ ގޮތުން ބެލިޔަސް ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް އިޙްސާން ވިދާޅުވިއެވެ.

އިޙްސާން އިތުރަށް ވިދާޅުވީ، މިއަދު އެތައް ބަޔަކު ޖުވާ ކުޅުމުގެ އަވައިގައި ޖެހެމުންދާ ކަމަށެވެ.

އިޙްސާން ވަނީ މިއީ އިޖުތިމާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.  

ކޮށްގެންވާނެ ކަންކަމެއްވެސް ނޫން މިއީ، އެތައް ބައެއްގެ ފައިސާތައް އެބަ ދޭ ގެއްލެމުން، މިއީ ބޮޑު އިޖުތިމާއީ މައްސަލައެއް
ދާޙިލީ ވަޒީރު އަލީ އިޙްސާން

އިޙްސާން ވިދާޅުވީ، މި ޤައުމުގައި މި މައްސަލަ އޮތްކަން ޤަބޫލު ކުރައްވާ ކަމަށާއި، މިކަމުގައި ވަކި މީހަކު ނުވަތަ ބަޔަކު އިސްތިސްނާ ނުވާނެ ކަމަށެވެ. އެގޮތުން މިފަދަ މައްސަލަތައް ބެލުމުގައި ޔުނިފޯމް އެޅި މުއައްސަސާއެއްގެ ބަޔަކު ނުވަތަ އާންމުންގެ ބަޔަކު އިސްތިސްނާއެއް ނުވާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން ރެއިޑް ނުކުރެވޭނެ އެއްވެސް ތަނެއް ނުހުންނާނެ ކަމަށެވެ.

އޮންލައިން ޖުވާ ކުރުމަށް ނުވަތަ ބެޓް ކުރުމަށް ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އޮންލައިން ސައިޓްތަކުގެ ތެރެއިން ފާހަގަ ކުރެވިފައިވާ ސައިޓްތައް ބްލޮކް ކުރަން ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މިހާތަނަށް ފާހަގަ ކުރެވިފައިވާ ހަތަރު ސައިޓެއް ބްލޮކް ކުރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅާފައިވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް