ކ. މާލެ
|
15 ޖެނުއަރީ 2025 | ބުދަ 20:18
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަނީ
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަނީ
ރާއްޖެއެމްވީ
ޕީއެންސީ އިން ވަގުފޯމު ހުށަހެޅުން
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
ވަގު ފޯމުތައް ފުރުމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ޑޭޓާ ބޭސްގެ ނާޖާއިޒް ބޭނުން ކުރިކަމުގެ އަޑުތައް މީގެ ކުރިންވެސް ވަނީ ފެތުރިފައި

ޕީ.އެން.ސީ. އަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ސައްހަ ނޫން ފޯމުތައް ތައްޔާރުކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅި މައްސަލަ ބޮޑުވެފައިވަނިކޮށް ސޯޝަލް މީޑިއާގައި ލީކުވި ފޮޓޯތަކުގައި ހޯމް މިނިސްޓަރ އަލީ އިހްސާނުގެ ބެއްލެވުމުގެ ދަށުން ފޯމު ފުރަނިކޮށް ހާމަވި ފޮޓޯތަކުގައި ފެންނަ ތަނަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ކަން އެތަން އެނގޭ ތިން މުވައްޒަފަކު މި ނޫހަށް ކަށަވަރު ކޮށްދީފިއެވެ.

ވަޒީފާގެ ރައްކައުތެރި ކަމަށްޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް އެ ފަރާތްތަކުން ކިޔައިދިން ގޮތުގައި މިނިސްޓަރ އިހުސާން ފެންނަ ފޮޓޯ ތަކުން އެ ފެންނަނީ ޑީއެންއާރުގެ މީޓީންގ ރޫމްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކޮޓަރިއެވެ.

ވަގު ފޯމުތައް ފުރުމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ޑޭޓާ ބޭސްގެ ނާޖާއިޒް ބޭނުން ކުރިކަމުގެ އަޑުތައް މީގެ ކުރިންވެސް ވަނީ ފެތުރިފައެވެ.

ވަގު ފޯމުތަކުގެ މައްސަލަ ފަޅާ އެރުމުން ބައެއް މީހުން އެމީހުންގެ ނަމުގައި ފުރާފައިވާ ފޯމުތައް ޗެކު ކުރުމުގައި އެ ފޯމުތަކުގައި ޖަހާފައިވަނީ އައިޑީ ކާޑު ހައްދަން ޑީއެންއާރުން ނެގި ފޮޓޯކަން ވެސް ވަނީ ޔަގީން ކުރެވިފައެވެ.

ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމުގެ މި ބޮޑު ޖަރީމާ ހިންގުމުގައި ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު އިސް ދައުރެއް އަދާކޮށްފައިވާތީ މިނިސްޓަރުގެ އެ ހުތުރު އަމަލު ކުށްވެރިކުރާ ކަމަށް މިކަމާބެހޭ ގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ ން ނެރުނު  ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެޕާޓީން ބުނެފައިވަނީ ވަޒީރުންނަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް މާތްﷲ ގަންދީ ހުވައެއްކޮށްގެން އެ މަގާމާ ހަވާލުވާ ބައެއް ކަމަށްވާއިރު، އެކިއެކި ހިދުމަތްތަކަށް އެދިގެން ދިވެހިސަރުކާރަށް ލިޔެކިޔުން ހުށަހަޅާ ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމުގައި މިނިސްޓަރު އިހުސާންގެ ބައިވެރިވުން އޮތްކަމީ އެ ވަޒީރު ކުރެއްވި ހުވަޔާވެސް ހިލާފު އަމަލެއް ކަމަށެވެ.

އެމްޑީޕީ އިން ވަނީ މިމައްސަލަ ތަހުގީގު ކުރުމަށް ގޮވާލުމާއެކު، އިންސާފުވެރިކަމާއެކު ތަހުގީގު ހިންގަން މިނިސްޓަރ އިހްސާން މަގާމުން އެކަހެރި ކުރުމަށް ވެސް ގޮވާލާފައެވެ.

އަނެއްކޮޅުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްވެސް ފާސް ކޮށްފައެވެ.

އޭގެ އިތުރުން ލީކުވެފައިވާ ފޮޓޯތަކުގައި ފެންނަ އިތުރު ކޮޓަރިއަކީ ޑީއެންއާރުގެ ސީނިއަރ ޕޮލިޓަލް ޑިރެކްޓަރެއް އިންނަވާ ކޮޓަރި ކޮޅު ކަމަށެވެ. ފޮޓޯ އިން ފެންނަ ގޮތުގައި އެ ކޮޓަރީގައި ހުރި މޭޒުމަތީގައި ވެސް ގިނަ އަދަދެއްގެ ޕީއެންސީ މެމްބަރޝިޕް ފޯމު ހުއްޓެވެ. ސޯޝަލް މީޑީއާ ގައި ހާމަވެފަައިވާ މައުލޫމާތައް ބަލާޢިރު ފޯމުތައް ޕްރިންޓް ކުރުމުގެ މަސައްކަތް ހިނގަމުން ދިޔައީ އެކޮޓަރީގައެވެ.

މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މުޅި އިޖުރާއަތު ހިނގައިދިޔައީ މިނިސްޓަރު އިހުސާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށްވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

- ކޮމެންޓް