ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 13:25
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
ރާއްޖެއެމްވީ
ޖިނާއީ މައްސަލަތައް
ޖަލު އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުންވެސް އެ ފައިސާ ނުދައްކާނަމަ، އަލުން ޖަލަށް ލެވޭނެ: ޕީޖީ އޮފީސް
ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން

މައްސަލައެއްގައި މީހެއްގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރުމުންވެސް އެ ފައިސާ ނުދައްކާނަމަ، އަލުން އޭނާ ޖަލަށް ލުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަމުންދާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ ނިއުސްލެޓަރ "އުންސުރު" ގައި އެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އާމިނަތު ޝާމާ ނަޞީރު ލިޔުއްވާފައިވާ ގޮތުގައި 2014 ވަނަ އަހަރު ވުޖޫދުވި އައު ޤާނޫނުލްޢުޤޫބާތުގައި ނިސްބަތުން ކުދި ކުށް ކުރާ މީހުން ޖަލަށް ލުމުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ މުޖުތަމައަށް ޚިދުމަތްކުރުން ފަދަ ލުއި އަދަބެއް ކަނޑައެޅުމުގެ ފުރުޞަތު އޮވެއެވެ.

ޝާމާ ވިދާޅުވީ، ކުށް ސާބިތުވުމުން ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ، އޭނާ އެ ކުރި ކުށަށް އަދަބު ނުލިބުން ކަމަށެވެ.

އަދި  މި މައްސަލަ ޖިނާއީ ޢަދުލުގެ ނިޒާމުގައި ކުރިމަތިވަމުންދާކަން ފާހަގަ ކުރައްވާ ޝާމާ ވިދާޅުވީ، ޤާނޫނުލްޢުޤޫބާތުން ދިން މި ލުއި ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށެވެ. އެގޮތުން ކޯޓުން ކަނޑައަޅާ މުއްދަތުގައި، ތަކުރާރުކޮށް އެންގުމުންވެސް ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލަތައް ވަނީ ފާހަގަވެފައެވެ.

ޕީޖީ އޮފީހުން ބުނީ، ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލަށް ބަލާއިރު، ޖިނާއީ ކުށަކާ ގުޅިގެން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ އޮފީހަށް އަންގާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ އަދަބު ކުށުގެ އަސްލީ އަދަބަށް (ޖަލު އަދަބު) ބަދަލުކުރުމަށް އެދި ހުށަހެޅިދާނެ ކަމަށެވެ.

އެހެންކަމުން އެ އުސޫލާ ޙަވާލާދީ ޕީޖީ އޮފީހުން ގެންދަނީ ޖޫރިމަނާ ފައިސާ ނުދައްކާކަމަށް މީރާއިން އެ އޮފީހަށްދޭ މަޢުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް ދަށުކޯޓަށް ހުށަހަޅަމުންނެވެ.

ޝާމާ ވިދާޅުވީ، މީގެ ފަހުން ޖޫރިމަނާ ފައިސާ ނުދައްކާނަމަ، ކުށުގެ އަދަބު ޖަލު އަދަބަށް ބަދަލުކުރެވޭނެ ކަމަށާއި، ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުންކަމަށެވެ.

ޝާމާ އިތުރަށް ވިދާޅުވީ، ކުރިން ޢަމަލު ކުރަމުންދިޔަ ޤާނޫނުލްޢުޤޫބާތު  (ޤާނޫނު ނަންބަރު 68/10) ގައި ހުރި ކުށާއި އަދަބު ކަނޑައެޅުމުގެ އުޞޫލުތަކަކީ ހަރުކަށި، ކުށްކުރާ މީހުންނަށް ބުރަ އުޞޫލުތަކެއްކަން ދެނެގަނެވޭ އެއް މިސާލަކީ "ރިހާކުރު ފުޅި ވަގަށް ނެގި މީހާ 06 އަހަރަށް ޖަލަށް" ލި މައްސަލަ ކަމަށެވެ.

އެ މައްސަލައިގައި 6 އަހަރު ދުވަސް އައިސްފައިވަނީ ކުރި ކޮންމެ ވައްކަމަކަށް 1 އަހަރުގެ މަގުން ވައްކަމުގެ 6 މައްސަލައަށެވެ. ނަމަވެސް މިހާރު ކުދި ކުށް ކުރާ މީހުން ޖަލަށް ލުމުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ މުޖުތަމައަށް ޚިދުމަތްކުރުން ފަދަ ލުއި އަދަބެއް ކަނޑައެޅުމުގެ ފުރުޞަތު އޮވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް