ފުލުހުންގެ ޚިދުމަތުގައި ރިކޯޑުކޮށްފައިވާ އޭނާގެ ޒާތީ މައުލޫމާތު ބަދަލުކޮށްފައިވާ ކަމަށާއި، އެ މައުލޫމާތުތައް ލީކު ކޮށްލި މައްސަލަ ބަލައި ދިނުމަށް ގިނަ ތުހުމަތުތަކެއް ކުރެވޭ އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝިފާން އެދިވަޑައިގެންފި އެވެ.
އާދިއްތަ ދުވަހު، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއަށް ފޮނުވި ސިޓީއެއްގައި ޝިފާން ވަނީ، ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގެ ތެރޭގައި ކަންކަން ތަރުތީބުވެ ހިނގަމުން ދިއުމަށް ފުލުހުންގެ ގާނޫނު އަދި ގަވާއިދުތަކުން އެކަށައަޅައިދީފައިވާ ދުސްތޫރީ ހަމަތަކާއި ހިލާފަށް ވަކި މަސްލަހަތެއް ނުވަތަ ޒާތީ ތައައްސުބެއް އޮވެގެން ކުރަމުންދާ ކަންކަމާމެދު ކަންބޮޑުވުން ތަކެއް ހުރިކަން ފާހަގަ ކުރައްވާފަ އެވެ.
ފުލުހުންގެ ޚިދުމަތް ޕްރޮފެޝަނަލް ޚިދުމަތެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާ ކުރުމުގެ މަސްއޫލިއްޔަތު ފުލުހުންގެ ގާނޫނުގެ 16 ވަނަ ބާބުގެ ދަށުން މަތިކޮށް އެކަށައަޅައިދީފައިވާ ނިޒާމަކީ ތައުބީދީ ފިޔަވަޅު އެޅުމުގެ ނިޒާމެއްކަން ފާހަގަކުރައްވައި ޝިފާން ވިދާޅުވީ މި އަހަރުގެ މޭމަހުގެ ތެރޭގައި ޕީއެސްސީ ގައި އޭނާގެ ރިކޯރޑު ކުރެވިފައިވާ ޒާތީ މައުލޫމާތު އެސިސްޓެންޓް ކޮމިޝަނަރަކު ބަދަލު ގެނެސްފައިވާކަން ޑިޖިޓަލް ޑާޓާ އަދި ޓެކެނޮލޮޖީގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިކަން ރަސްމީކޮށް 29 މެއި ގައި ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ސިޓީގައި ބަޔާންކޮށްފައި އެވެ.
މީގެ އިތުރުން ޝިފާން ވިދާޅުވީ، ޕީއެސްސީގެ ނިޒާމުގައި ރައްކާކުރެވިފައިވާ ބައެއް މައުލޫމާތާއި އަދި ހަގީގަތާ ހިލާފު އެތަކެއް މައުލޫމާތެއް ބައެއް ރަސްމީ އިދާރާތަކާއި، ލޯކަލް ބައެއް އެޖެންސީތަކަށް މި ނިޒާމަށް އެކްސެސް އޮތް ފަރާތަކުން 8 ނޮވެންބަރު ގައި ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ފުލުހުންގެ ޚިދުމަތުގައި އެކަށައެޅިފައިވާ ނިޒާމުގެ ތެރެއިން މިކަން ބަލައިދިނުމަށް ޝިފާން ވަނީ އެދިވަޑައިގެންފަ އެވެ.
އޭނާގެ ސިއްރު މައުލޫމާތު ލީކުވި މައްސަލަ ބަލައިދިނުމަށް ޝިފާން އެދިވަޑައިގެންފައިވާއިރު، މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަށް ކުރެވި، އެ މައްސަލަ ބަލައިދިނުމަށް އެދި 241 ކޮމެޓީ އަށް މި މަހުގެ 3 ވަނަ ދުވަހު ވަނީ ހުށަހަޅާފަ އެވެ.