ހއ.މާރަންދޫ އިން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެ ރަށު ރައްޔިތުން ނުކުމެ މުޒާހަރާކޮށްފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 900 އާއި 1200 އާއި ދޭތެރޭގެ އަދަދަކަށް މީހުން ދިރިއުޅެމުންދާ މާރަންދޫގައި ޚިދުމަތް ދިނުމަށް ބޭނުން ކުރަމުންދަނީ އެންމެ ޖެނެރޭޓަރެކެވެ.
އެކަމުގެ ސަބަބުން ރަށުގެ ގޭބީސީތަކަށް ކަރަންޓު ނުދެވި ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ދަނީ ދިމާވަމުންނެވެ.
އަދި ކަރަންޓް ކަނޑާލާ ގަޑިތައް ކުރީބައިގައި ނޭނގުމުގެ ސަބަބުންނާއި ކަރަންޓު ލިބުމުގައި ބަރޯސާ ވެވޭ ޚިދުމަތެއް ނުލިބުމުގެ ސަބަބުން އާއްމުންނަށް ދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި ދިމާވަމުން ކަމަށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން އެ ރަށުގެ އާއްމު މީހަކު ވަނީ ބުނެފައެވެ.
ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ އާއި ގުޅޭ ގޮތުން އެ ރަށުގެ ރައްޔިތެއް ކަމަށްވާ އާދަމް ޝަރީފް ބުނީ ރަށު ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން މަޖުބޫރުވީ ރަށުގެ ކަރަންޓު ނެތި ހާލަތު ގޯހުން ގޯހަށް ދިއުމުން ކަމަށެވެ.
އެ ރަށު ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ފެށީ ހުކުރު ދުވަހުގެ ރޭގެ 08:00ގައެވެ. އެ މުޒާހަރާ 10:00 އާއި ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ
އެ ރަށުގެ ކަރަންޓުގެ މައްސަލަ ދިމާވާތާ މަހެއްހާ ދުވަސް ވެފައިވާކަމަށާއި އެކަމަށް އެކަށީގެންވާ ޖަވާބެއް ސަރުކާރަށް ނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން މުޒާހަރާކުރީ ރަށުގެ އާއްމުންގެ އިސްނެގުމާއި އެކުގައި ކަމަށާއި އެންމެ ފުރަތަމަ މުޒާހަރާގެ ބައިވެރިން އެއްވީ ފެނަކަ އޮފީސް ކައިރިއަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެއަށް ފަހު ހިނގާފައި އިންޖީނު ގެއާއި ހިސާބަށް ގޮސް އާއްމުން އަޑު އުފުލާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ކުރުކޮށްލީ ހޮނިހިރު ދުވަހު މައްސަލަ ހައްލުވާނެ ކަމަށް ބުނުމުން ކަމަށް ރާއްޖެ އެމްވީ އަށް ވަނީ އެނގިފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރާއި ފެނަކައަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އާއްމުން ޑިމާންޑު ކުރަމުން ދިޔައީ މެދު ނުކެނޑި ކަރަންޓު ލިބޭނެ މަގުފަހިކޮށްދެވޭނެ ވަގުތެއް ސާފުކޮށް ބުނެދިނުމަށެވެ. އަދި އާއްމުންނަށް ތަކުލީފަކަށް ވާގޮތަށް ކަންކަން ނުކުރުމަށް އެއްވެފައިވާ އާއްމުން ވަނީ ގޮވާލާފައެވެ.
އަދި ހުކުރު ދުވަހުގެ ރޭގެ 10:30 އާއި ހަމައަށް ވެސް ރަށުގެ ބޮޑު ބައެއްގައި ކަރަންޓު ނެތްކަން ފާހަގަކޮށްލެވެއެވެ.
މިކަމާއި ގުޅޭ ގޮތުން ފެނަކައިގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.