2012 ވަނަ އަހަރުގެ މާރޗް މަހު ބޭއްވި މުޒާހަރާގައި ފުލުހުންނާއި ދިމާލަށް ފުންމާލިއިރު އެ ދިމާލުގައި ބެރިކޭޑްތަކެއް ނުހުންނާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ޤާޒީ) ހައްޔަރު ކުރުމާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތަކުން ބޭއްވި މުޒާހަރާގައި ފުލުހުންނާއި ދިމާލަށް ފުންމާލި ރޭ އޭނާ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔަ ކަމަށާއި އެހެން ނަމަވެސް އޭރުގެ ސަރުކާރުން ނިހާންގެ މައްޗަށް ދަޢުވާއެއް ނުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.
"23 ގަޑިއިރާއި 40 މިނެޓު އަޅުގަނޑު ޖަލުގައި ބާއްވާފައިވޭ އެ ދުވަހު. ނެގިފައި ހުރި މަންޒަރުތައް ރައްޔިތުންނާއި ހަމައަށް އައިސް އޮތީ ޓެލެވިޝަން މޯލްޑިވްސްގެ ކެމާރެއް މެދުވެރިވެގެން. އެ މަންޒަރު ނަގާފައިވާ އުސޫލަށް ބަލާއިރު އެ ފެންނަނީ އަޅުގަނޑު ފުލުހުންގެ ގައިގެ ތެރެއަށް ފުންމާލާ މަންޒަރު. ނަމަވެސް އެއީ އެއް ބެރިކޭޑެއް ނެތް ތަނެއް. އަޅުގަނޑު ފުންމާލި ދިމާލުގައި ބެރިކޭޑެއް ނީންނާނެ. އެތަން ހުންނާނީ ހުހަށް. ތެދެއް އަޅުގަނޑު ދިޔައީ ފުލުހުންގެ ތެރެއަށް ނަމަވެސް އެމީހުން އަޅުގަނޑު ބައްދާލާފަ ފޮނުވާލައިފި" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، އެރޭ އެ މަގުން ވަޑައިގެންނެވީ، އެ މަގުން ވަޑައިގަތުމަށް ބޭނުންވެގެންކަމަށާއި، ސަބަބަކީ އެ މަގަކީ ސީދާ މަގެއް ކަމާއި، އެ މަހުން ކޮންމެ ރައްޔިތަކަށްވެސް ދެވޭނެކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވުމުން ކަމަށެވެ. އަދި އެ ވަގުތު އެ މަގުން ވަޑައިގަތުމަށް މަސައްކަތްކުރެއްވީ ރައީސް ވިދާޅުވި ވާހަަކަފުޅު ހަނދާނަށް އައުމުންކަމަށްވެސް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޤަވާއިދުން ހުއްދަ ލިބިފަ އޮތް ތަނަކަށް އެއްވިތާ ހަތަރު މިނެޓް ނުވަނީސް ފުލުހުން ވަރަށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖެހި. އޭރު އޮންނަނީ ޕެޕަރ ސްޕްރޭ ގުޅަވަރެއް ހެން. އޭރު ޕެޕަރ ސްޕްރޭ ޖެހީމައި ލޯ ވެސް ހުޅުވާ ނުލެވޭ" ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ އޭރު ފުލުހުން އޭނާ ހައްޔަރުކޮށް ދޫކޮށްލާފައި ވަނީ ދަޢުވާ ކުރެވޭނެ ފަދަ ކަމެއް ނުފެނުމުން ކަމަށެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އޭރު އޮތީ އެމީހުންގެ ސަރުކާރެއް ނޫން ކަމަށާއި ނިހާންގެ މައްޗަށް ދަޢުވާ ކުރުމުގެ ކިތަންމެ ކުޑަ ފުރުސަތެއް ވެސް ލިބުނުނަމަ އޭރުގެ ސަރުކާރުން ދަޢުވާ ކުރާނެ ކަމަށެވެ.
ނިހާން އެހެން ވިދާޅުވެފައިވީ ނަމަވެސް މީގެ ފަސް އަހަރު ކުރިން ޝޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައިވަނިކޮށް، ނިހާން ވަރަށް ދުރުގައި ހުރެފައި ދުވަމުން އައިސް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލައިގެން ފުލުހުންގެ ތެރެއަށް ވަދެފައިވެއެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ނިހާން މާގިނައިރުތަކެއް ނުވެ އެސަރަހައްދުން ނެރެފައެވެ.
ޤާނޫނާ ޙިލާފުކަމެއް އެއްވެސް ކަމެއް އަދި ފުލުހަކަށް އަނިޔާ ލިބޭފަދަ ކަމެއް ޕީޕީއެމްގެ އެއްވެސް މެމްބަރަކު އެއްވެސް އިރެއްގައި ކޮށްފައި ނުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.