ކ. މާލެ
|
19 ޖޫން 2024 | ބުދަ 11:54
އީސީގެ ރައީސް ފުވާދު ތައުފީޤު
އީސީގެ ރައީސް ފުވާދު ތައުފީޤު
ރާއްޖެއެމްވީ
ސިޔާސީ ޕާޓީތައް
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ ލިޔެކިއުންތަކާއި، ޕާޓީއަށް ކުރެވިފައިވާ މަސައްކަތްތައް ބަލާފައި: ފުވާދު
ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެންނަން ޖެހޭ
ބަޖެޓު ފާސްކުރާ ދުވަހު 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޭން ޖެހޭ
6 ޕާޓީއަކަށް ވަނީ ފައިސާ ދޫކޮށްފައި

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ ލިއެކިއުންތަކާއި، ޕާޓީއަށް ކުރެވިފައިވާ މަސައްކަތްތައް ބެލުމަށްފަހުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ 2024 ވަނަ އަހަރުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުޠު ހަމަވި ހުރިހާ ސިޔާސީ ޕާޓީއަކަށް ފައިސާދޫކޮށްފައިވާއިރު،އޭގެ ތެރޭގައި 6 ޕާޓީއެއް ހިމެނެއެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާ ގުޅޭގޮތުން އާންމުންގެ މީހަކު ވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭގެ މެމްބަރުންގެ އަދަދު 10،000 ހަމަނުވާކަމަށް ބުނެ، މެމްބަރުންގެ އަދަދު ހަމަނުވާއިރު ފައިސާ ދޭންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ފުވާދު ވިދާޅުވީ، އެ އަހަރެއްގެ ބަޖެޓު ފާސްކުރާ ދުވަހު 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޭން ޖެހޭކަމަށެވެ. އެގޮތުން އަހަރު ނިމޭއިރު 10،000 މެމްބަރުން ހަމަނުވިޔަސް ތިބި މެމްބަރުންގެ ނިސްބަތުން ފައިސާ ލިބޭނެކަން ފުވާދު ފާހަގަ ކުރެއްވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި އޮންނަ ގޮތުން، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގެ 0.01 އިން ސައްތަ ސިޔާސީ ޕާޓީތަކަށް ދޭން ޖެހެއެވެ. ފައިސާ ދޫކުރަނީ ބަޖެޓް ފާސްކުރާ އިރު ޕާޓީގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.

ފުވާދު އިތުރަށް ވިދާޅުވީ، 2022 އިން ފެށިގެން ކޮންމެ އަހަރަކުވެސް ޕާޓީތަކުގެ އޮފީހަށް އީސީގެ ޓީމަކުން ދާ ކަމަށެވެ. އަދި ލިއެކިއުންތަކާއި، ޕާޓީއަށް ކުރެވިފައިވާ މަސައްކަތްތައް ބަލާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެންނަން ޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވަކިން ޚާއްސަކޮށް ގިނަ ޕާޓީތަކަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިން ނަމަވެސް، ސިޔާސީ ޙަރަކާތްތަކާއި އިންތިޚާބުތަކުގައި ބައިވެރިވުން ފަދަ ކަންކަމުގައި އެ ޕާޓީތައް ޝާމިލުނުވާތީ އެކަމަށްވެސް ފާޑުކިއުން އަމާޒުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް