އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ވޯޓުގައި، މިހާތަނަށް ވޯޓު ލާފައިވަނީ އެންމެ 21 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިހާތަނަށް ފިނި ތަރުހީބެއް ފެނިގެން ގޮސްފައިވާ މި ރިފެރެންޑަމް ގައި ހޮނިހިރު ދުވަހުގެ ހެނދުނު 08:00 ގައި ވޯޓު ލާން ފަށާފައިވާއިރު އީސީ އިން ހާމަ ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މެންދުރު 01:00 އާ ހަމައަށް ވޯޓު ލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ ޖުމްލަ މީހުންގެ ތެރެއިން 21.9 އިންސައްތަ މީހުންނެވެ. ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހިމެނޭ ގޮތުން ސަރުކާރުގެ ބައެއް ވެރިންނާއި ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެމްބަރުން އައްޑޫ ސިޓީ އަށް ގޮސް އެ ސިޓީ ބައިބައި ކުރަން ތާއީދު ކޮށްފައިވާ މި ވޯޓުގައި 78.1 އިންސައްތަ މީހުން އަދި ވޯޓުލާން ނުކުމެފައެއް ނުވެއެވެ.
ވޯޓުލީ 2097 މީހުންގެ ތެރެއިން 1102 މީހުންނަކީ ފިިރިހެނުންނެވެ. ވޯޓު ލާފައިވާ އަންހެނުންގެ އަދަދަކީ 995 އެވެ. ވޯޓު ލުމުގެ ހައްގު ލިބި މިހާތަނަށް ވޯޓު ނުލާ މީހުންގެ އަދަދަކީ 7479 އެވެ.
އައްޑޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވިރު 4:00 އަށެވެ. އީސީން ބުނެފައިވާ ގޮތުގައި، ވޯޓުތައް ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓް ފަހުންނެވެ.