މަލާވީގެ ނައިބު ރައީސް ދަތުރު ކުރެއްވި މަތިންދާ ބޯޓު ރާޑަރުން ގެއްލިއްޖެ
މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލިމާ ދަތުރު ކުރެއްވި މަތިންދާ ބޯޓު ރާޑަރުން ގެއްލިޖެއެވެ.
ބޯޓު ގެއްލުނު އިރު އެމަނިކުފާނާ އެކު ބޯޓުގައި އިތުރު 9 މީހަކު ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނައިބު ރައީސް ދަތުރު ކުރެއްވީ މަލާވީގެ ޑިފެންސްގެ މަތިންދާ ބޯޓެއް ކަމަށާއި ބޯޓު ފުރީ މަލާވީގެ ވެރިރަށް ލިލޮންގްވޭ އިން ކަމަށް ބީބީސީއިން ބުނެފައިވެއެވެ.
މަލާވީގެ ރައީސްގެ އެންގެވުމަށް ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެހެން ނަމަވެސް އަދި ބޯޓް ލޮކޭޓް ކުރެވޭ ގޮތް ނުވާ ކަމަށް ބީބީސީން ބުނެފައިވެއެވެ.
ބޯޓު ދަތުރު ކުރަމުން ދިޔައީ މަލާވީގެ މުޒޫޒޫ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.
މިހާދިސާ އާ ގުޅިގެން މަލާވީގެ ރައީސް ލަޒާރުސް ޗަކްވެރާ ބަހަމާސް އަށް ކުރައްވަން ހަމަ ޖެހިފައިވާ ރަސްމީ ދަތުރުފުޅު ކެންސަލް ކުރައްވައިފި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.