ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 12:31
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް
މަޖިލިސް
މެންބަރު އިލްޔާސް ލަބީބަށް ރައްދުދިނުން
ސަރުކާރާއި ގުޅޭގޮތުން މެންބަރު އިލްޔާސް ލަބީބު ދެއްކެވި ވާހަކަފުޅުތަކަށް، މެންބަރު ޝަހީމްގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް!
2008 ވަނަ އަހަރުގައި ކަންކަން ހިނގާދިޔަ ގޮތް އެނގިހުރެ އިލްޔާސް ލަބީބު ހަނު ހުންނެވި
ފެނަކައިން ވަނީ އައު ޚިދުމަތްތައް ފަށާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފިއެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރު އިލްޔާސް ލަބީބު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު، ސަރުކާރުގެ ކުންފުނިތަކުން ވަރަށް ގިނަ ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ލިޔެކިއުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތަހުމަތުކުރައްވާފައިވެއެވެ. އެހެންކަމުން މިކަންކަން ބަލަންޖެހޭ ކަމަށް މެންބަރު އިލްޔާސް ލަބީބު ވިދާޅުވިއެވެ.

Advertisement

މިވާހަކަފުޅުތަކަށް ރައްދުދެއްވައި މެންބަރު ޝަހީމް ވިދާޅުވީ 2018 ވަނަ އަހަރު ވެސް ސަރުކާރު ބަދަލުވެގެންދިޔައިރުގައި ޓްރާންސިޝަން ކޮމެޓީގައި މެންބަރު އިލްޔާސް ހިމެނިވަޑައިގެންނެވި ކަމަށެވެ. އެދުވަހު ވެސް ސްޓެލްކޯ، ފެނަކަ އަދިވެސް އެހެނިހެން ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލުމަށް ގޮވާލެއްވި ކަމަށް މެންބަރު ޝަހީމް ވިދާޅުވިއެވެ. ނަމަވެސް 2008 ވަނަ އަހަރުގައި ކަންކަން ހިނގާދިޔަ ގޮތް އެނގިހުންނަވައި ހަނު ހުންނެވި ކަމަށާއި، އެކަމާއި ހިތާމަ ކުރައްވާ ކަމަށް މެންބަރު ޝަހީމް ވިދާޅުވިއެވެ.

އެކަމަކު ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމެޓީގެ ޗެއަރއަށް އިންނަވައި 2008 ގައި އުފެދުނު ސަދަން ޔޫޓިލިޓީގެ ކަންކަން ނުބައްލަވާ އިންނެވީތީ އެކަމާއި އަޅުގަނޑު އެކަމާއި ހިތާމަ ކުރަން. މިއީ ރަނގަޅަށް ބަލަންޖެހޭ ކަންކަން ކަމަށް އަޅުގަނޑު ދެކެން. އެއީ ހުރިހާ ލާރި ހުސްވެގެން ދިޔައިރުގަ ދަގަނޑު ހަތަރު ތާންގި އައްޑޫގައި ފެންނަން ހުރީ. އަޅަން ހުރި ނަރުދަމާއެއް ނާޅާ. އެޅި ހޮޅިއަކުން ވިއްޔާ ފެނެއް ނުދޭ. އޭގައި ހަރުކުރަންޖެހޭ ޕަންޕެއް ހަރެއް ނުކުރޭ ކޮންބައެއްތޯ ތިބީ އަޅުގަނޑުމެން ބެލިއިރުގައި އާއިލާގެ ބޭފުޅުން އެކުންފުނިތަކުގައި ވެސް ތިބީ. އެއްބަނޑުއެއްބަފާ ބޭބެ އެމްޑީއަކަށް ހުންނެވީ. ހަދަން ހުރި އެއްވެސް ކަމެއް ރަނގަޅަށް ވެފައިނެތް. ލާރި ހުސްވެ ކަންކަން ނުވެފައި ހުރި އޮފީސްތައް ހުރީ ކޮން ސަރުކާރެއްގައި ކޮން އަހަރެއްގައި ތޯ އެއީ އަޅުގަނޑަށް ހީވަނީ ބަލަންޖެހޭ ކަމެއްހެން. ގިނަ ޝަކުވާ ކުރެވިގެންމިދަނީ ފެނަކައިގެ މުވައްޒަފުން އިތުރުވި ވާހަކަ. ފެނަކައަށް މަސައްކަތް އިތުރުވި ވާހަކައެއް ބޭފަޅަކު ވިދާޅުވި ވާހަކައެއް އަޑެއް ނާހަން.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން)

ފެނަކަ ކޯޕްރޭޝަނަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވައި އިތުރަށް މެންބަރު ޝަހީމް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި އަލަށް ގާއިމްކުރެވުނު އިންޖީނުގެތައް އިމާރާތްކޮށް ކެޕޭސިޓީ އިތުރުކޮށްފައިވަނީ ކުރިއަށް އޮތް 30 ނުވަތަ 40 އަހަރަށް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.

ފެނަކައިން އައު ޚިދުމަތްތައް ފަށާފައިވާކަން ފާހަގަކުރައްވައި މެންބަރު ޝަހީމް ވިދާޅުވީ ނަރުދަމާ، ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް އަދި އައިސްޕްލާންޓް ގާއިމްކުރުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި އެމަސައްކަތްތައް ކުރުމަށް އެރަށަކުން މުވައްޒަފުން ނަގަނީ ހަރަދު ކުޑަ ކުރުމުގެ މަގުސަދުގައި ކަމަށް ވެސް މެންބަރު ޝަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް