ކ. މާލެ
|
10 ޖޫން 2024 | ހޯމަ 07:59
ސްޕެއިން އަށް ކުޅެމުން އަންނަ ޕެޑްރީ
ސްޕެއިން އަށް ކުޅެމުން އަންނަ ޕެޑްރީ
ރޮއިޓާސް
ސްޕެއިން ޤައުމީ ޓީމު
ޕެޑްރީ ހުރީ ޔޫރޯގައި ތަފާތު ދެއްކުމަށް ކެތްމެދުވެފައި
މީގެ އިތުރުން ޕެޑްރީ ބުނީ ޔޫރޯ މުބާރާތާ ކުރިމަތިލާއިރު، ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ވެސް އޭނާ އަށް ވަރަށް ފުރިހަމަ އިޙުސާސެއް ކުރެވޭ ކަމަށް

ސްޕެއިން ޤައުމީ ޓީމާއެކު، މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ތަފާތު ދެއްކުމަށް ކެތް މަަދުވެފައި ހުރި ކަމަށް، ޕެޑްރީ ބުނެފި އެވެ.

ޒުވާން ކުޅުންތެރިޔާ މިހެން ބުނީ، ސްޕެއިނުން ނޮތަން އަޔަލެންޑާ ދެކޮޅަށް ކުޅުނު ރަޙުމަތްތެރިކަމުގެ މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ސްޕެއިނުން ފަސް ލަނޑުގެ މޮޅެއް ހޯދި އެ މެޗުގައި ޕެޑްރީ ވަނީ ދެ ލަނޑު ވެސް ޖަހައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕެޑްރީ ބުނީ، މެޗުގައި އޭނާ އަށް ޖެހުނު ފުރަތަމަ ލަނޑާއެކު ވެސް، އަނިޔާ އަކީ މާކުރީގެ ކަމެއްކަން އިޙުސާސް ކުރެވުން ކަމަށެވެ. އަނިޔާ އިން ރަނގަޅުވެ އަނެއްކާ ވެސް ކުޅުމުގެ ތެރެއަށް އާދެވިފައިވާއިރު، ބޭނުން ވަނީ މިހާރު ހުރި ވަރަށް ވުރެ ވެސް ކުރިއަށް ދާން ކަމަށް ޕެޑްރީ ބުންޏެވެ.

މީގެ އިތުރުން ޕެޑްރީ ބުނީ ޔޫރޯ މުބާރާތާ ކުރިމަތިލާއިރު، ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ވެސް އޭނާ އަށް ވަރަށް ފުރިހަމަ އިޙުސާސެއް ކުރެވޭ ކަމަށެވެ. އެހެންކަމުން މިހާރު ސްޕެއިންގައި އޮތް ރޫހާ އެކު ޔޫރޯ އަށް ކުރިމަތިލައި، މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ޕެޑްރީ ބުންޏެވެ.

އިތުރަށް އޭނާ ބުނީ، ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަމުން އަންނަނީ އިތުރަށް ކުރިއަށް ދިޔުމަށް ކަމަށާއި، ބޭނުން ވަނީ ޓީމަށް އެންމެ ފައިދާވާނެ ގޮތުގައި ކުރިއަށް ދާން ކަމަށެވެ. މިހާތަނަށް އައިއިރު ސްޕެއިނުން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާއިރު، ޔޫރޯ އަށް ޓީމު އެންމެ ބެނުންވާ ފެންވަރުގައި އޮންނާނެ ކަމުގެ އުންމީދު ބޮޑު ކަމުގައި ވެސް ޕެޑްރީ ބުންޏެވެ.

ސްޕެއިންގެ ޤައުމީ ޓީމުން ޕެޑްރީ އަށް ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 20 މެޗުން ދެ ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ ސްޕެއިން އާއެކު 2020 ވަނަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮރް ފީފާ ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ ސްޕެއިން އާއެކު ކުޅެފަ އެވެ.

- ކޮމެންޓް