އެމެރިކާގެ އެއްވަނަ ފުޓްބޯޅަ އަކީ އެމެރިކަން ފުޓްބޯޅަ އެވެ. މިއީ އަހަރުމެން މި ކުޅޭ ފުޓްބޯޅަ އެއްނޫނެވެ. އަހަރުމެން ކުޅެ، ބަލައި އުޅޭ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އަކީ އެމެރިކާ މީހުންނަށް ސޮކާ އެވެ. އެބުނާ ސޮކާ އަކީ އެ ގައުމުގެ ފަސް ވަނަ ކުޅިވަރެވެ. ނަމަވެސް ފީފާއިން މަސައްކަތް ކުރަނީ އެމެރިކާގެ 333 މިލިއަން މީހުންގެ މެދުގައި މި ކުޅިވަރު މަގުބޫލުކުރުވައި ކުރިބޯއްޓަށް ވާސިލްވުމަށެވެ.
ސޮކާ ނުވަތަ ފުޓްބޯޅަ އެމެރިކާގައި މަގުބޫލުވާން ފެށީ 1994 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް އެ ގައުމުގައި ބޭއްވި ހިސާބުންނެވެ. ޑޭވިޑް ބެކަމް ކުޅުނު، މިހާރު ލަޔޮނަލް މެސީ ކުޅެމުންދާ އެމެރިކާގެ މޭޖާ ސޮކާ ލީގް ނުވަތަ އެމްއެސްއެލް ފުޓްބޯޅަ ލީގު ތައާރަފްވީ 94ގެ ވޯލްޑްކަޕަށް ދެ އަހަރު ފުރުމުނުތަނާ އެވެ.
ފުޓްބޯޅަ މަޑުމަޑުން މަގުބޫލުވަމުން ގޮސް 2012 ވަނަ އަހަރު އެމެރިކާގައި ކުރި ދިރާސާއަކުން ދެއްކީ އެ ގައުމުގެ ކޮންމެ ގެއަކުން ވެސް އެކަކު ފުޓްބޯޅަ ކުޅޭ ކަމަށެވެ. އަދި މޭޖަރ ސޮކާ ލީގުގެ ފޯރި ގަދަވި ފަހުން މިދިޔަ އަހަރުކުރި އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ހިސާބުތަކުން ދައްކަނީ އެމެރިކާގެ ޒުވާން ޖީލުގެ މެދުގައި އެންމެ މަގަބޫލު ކުޅިވަރަކީ ފުޓްބޯޅަ ކަމަށެވެ. މިކަމަށް ބާރު ލިބެނީ މޭޖަރ ސޮކާ ލީގުގެ ދިރާސާއިން އެ ލީގުގެ މެޗުތައް ބަލާ އެމެރިކާ މީހުންގެ 54 ޕަސެންޓަކީ އުމުރުން 45 އަހަރުގެ މީހުން ކަމަށްވާތީ އެވެ. ޒުވާނުންގެ ތެރެއިން ބާސްކެޓް ބަލައި އުޅެނީ 51 ޕަސެންޓް މީހުންނެވެ. ނެޝަނަލް ފުޓްބޯލަ ލީގް (އެމެރިކަން ފުޓްބޯޅަ) ބަލައި އުޅެނީ 46 އިންސައްތަ އެވެ. މިހެންވެ މޭޖަ ސޮކާ ލީގުން ބުނަނީ ސަޕޯޓަރުންގެ އެންމެ ބޮޑު ޒުވާން އާބާދީއެއްއޮތީ އެމީހުންގެ އަތުގައި ކަމަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މެސީ އެމެރިކާ ލީގުގައި ކުޅެން ފެށުން ކަމަށް ބެލެވެ އެވެ.
2020 ވަނަ އަހަރު އީކުއޭޝަން ރިޗާސް ގްރޫޕުން ކުރި ދިރާސާއިން ދައްކާ ގޮތުގައި އެމެރިކާގެ 60 މިލިއަން މީހުންގެ އެންމެ މަގުބޫލު ފުޓްބޯޅަ ޓީމަކީ މެކްސިކޯގެ ގައުމީ ފުޓްބޯޅަ ޓީމެވެ. މެކްސިކޯ އަކީ ވަރަށް ގިނައިން އެމެރިކާގައި އެމީހުންގެ މެޗުތައް ކުޅޭ ގައުމެކެވެ.
އެމެރިކާގައި ފުޓްބޯޅަ އަށް އޮތް ލޯބި އިތުރުވާ ކަމުގެ އަނެއް ހެއްކަކީ މެސީ އާއި ސްޕެނިޝް ލީގުގެ މަގުބޫލުކަމެވެ. މެކްސިކޯ އަށް ފަހު ސްޕޭން ބަހުން ވާހަކަ ދައްކާ މީހުން އެންމެ ގިނައީ އެމެރިކާގަ އެވެ. އެގައުމުގެ 13 ޕަސެންޓް މީހުން ސްޕޭން ބަހުން ވާހަކަ ދައްކާއިރު 2050 ވަނަ އަހަރަށްދާއިރު ކޮންމެ ތިން މީހަކު އެކަކު ސްޕޭން ބަހުން ވާހަކަ ދައްކާނެ ކަމަށް ވަނީ ބެލެވިފަ އެވެ.