ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 13:31
ކޮޕާ އެމެރިކާގެ ޕޯސްޓަރެއް
ކޮޕާ އެމެރިކާގެ ޕޯސްޓަރެއް
ގޫގުލް
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ، ޔުނައިޓެޑް ސްޓޭޓްސްގައި ބާއްވަނީ ކީއްވެ؟
ދެ ފެޑަރޭޝަނުން ގުޅިގެން ހަރަކާތްތައް ހިންގުމުން އޭގެ ފައިދާ ބޮޑު ކަމަށް ކޮންކާކަފްގެ ރައީސް ބުނެފައިވޭ

ޔުނައިޓެޑް ސްޓޭޓްސް ނުވަތަ އެމެރިކާ އަކީ ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ ގައުމެއްނޫނެވެ. ނަމަވެސް ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މި ފަހަރު ބާއްވާނީ އެމެރިކާގަ އެވެ. ނަމަވެސް މިއީ އެމެރިކާގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެއްނޫނެވެ. ދެކުނު އެމެރިކާ ފެޑަރޭޝަނަށް 100 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ކޮޕާ އެމެރިކާ ސެންޓެނާރިއޯ ފުޓްބޯޅަ މުބާރާތް 2016 ވަނަ އަހަރު ބޭއްވީ އެމެރިކާގަ އެވެ.

މުބާރާތުގައި އެމެރިކާ ބައިވެރިވަނީ ކޮންކާކަޕް ސަރަހައްދުގެ ޓީމެއްގެ ގޮތުގަ އެވެ. ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް އެމެރިކާގައި ބާއްވަން ނިންމީ އިކުއެޑޯއިން އެ ގައުމުން މުބާރާތް ބާއްވަން ކުރި ބިޑް އަނބުރާ ގެންދިއުމުންނެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި މި މުބާރާތް ރޮޓޭޝަން އުސޫލުން ބާއްވަން ފެށިފަހުން މި އަހަރުގެ މުބާރާތް ބާއްވަންޖެހޭ ގައުމަކީ އިކުއެޑޯ އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ތައްޔާރުނުވެވުމާއެކު އިކުއެކޯއިން މިކަން ކުރެވެން ނެތްކަމަށް ނާންގަނީސް ދެކުނު އެމެރިކާ ފެޑަރޭޝަނުން އެކަން ދެނެގަނެ މަސައްކަތް ފެށި އެވެ. 

ކޮޕާ އެމެރިކާގެ ޕޯސްޓަރެއް - ގޫގުލް

މުބާރާތް އެމެރިކާގައި ބާއްވަން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމީ އެ ފެޑަރޭޝަނާއި ކޮންކާފް ފެޑަރޭޝަނާ ދެމެދު ހަދާފައިވާ އެގްރީމަންޓްގެ ތެރެއިން ދެ ފަރާތުގެ މެދުގައި އޮތް ރަނގަޅު ގުޅުމުގެ ތެރެއިން އެންމެ އަވަހަށް އޮމާން މުބާރާތެއް ބޭއްވީ އެމެރިކާގައި ކަމަށް ދެކި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ސަބަބަކީ އެމެރިކާގައި މިހާރު ވެސް އެންމެ ޒަމާނީ ސްޓޭޑިއަމްތައް ގާއިމްކޮށްފައި ހުރުމާއި އެ ގައުމުގައި ފުޓްބޯޅައިގެ ފޯރި ގަދަވަމުންދާތީ އެވެ. ހާއްސަކޮށް މިވަގުތު ދުނިޔޭގައި ހުރި އެންމެ ޑިމާންޑްބޮޑު ކުޅުންތެރިޔާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެމެރިކާގެ ލީގުގައި ކުޅެމުންދިއުމާއި 2026ގެ ވޯލްޑްކަޕް ބާއްވަން އެމެރިކާ ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ގައުމުން އެދެމުންދިއުމާވެސްއެކުގަ އެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަލެހެންދްރޯ ޑޮމިންގުއޭޒް ވިދާޅުވީ މި ދެ ބައްރަކީ ސަގާފީގޮތުންނާއި އާދަކާދައިގެ ގޮތުން އަދި ތާރީހީ ގޮތުންވެސް ވަރަށް ގުޅުން ބޮޑު އަދި އެއްގޮތް ސިފަތަކެއް އެކުލެވާ ބަޔަކަށްވުމުން އެމެރިކާގައި މުބާރާތް ބޭއްވުމުން ދެ ބައި މީހުންނަށް ވެސް ފައިދާވާނެ ކަމަށެވެ.

މިހެންވެ ދެ ފެޑަރޭޝަނުގެ ދެމެދުގައި ހެދިފައިވާ އެގްރީމަންޓް އާކުރުމަކީ ވެސް ބޭނުނުންވާ ކަމެއް. އެކަމަށް ޖެހިލުމެއްވެސްނުވޭ.
ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަލެހެންދްރޯ ޑޮމިންގުއޭޒް

ކޮންކާކަފްގެ ރައީސް ވިކްޓަރ މޮންޓަގްލިއާނީ ވިދާޅުވީ ދެ ފެޑަރޭޝަނުން ގުޅިގެން ހަރަކާތްތައް ހިންގުމުން އޭގެ ފައިދާ ދެ ބައި މީހުންނަށް ވެސް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

މީގެ ސަބަބުން ދެ ފެޑަރޭޝަނަށް ވެސް އާކަންކަން ދަސްވެ، އިތުރު ކަންކަން ކުރަން މަގުފަހިވެގެންދޭ. އަންހެން އަދި ފިރިހެން ފުޓްބޯޅަ އަށް ވެސް ފައިދާވާނެ.
ކޮންކާކަފްގެ ރައީސް ވިކްޓަރ މޮންޓަގްލިއާނީ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް