ކ. މާލެ
|
7 ޖޫން 2024 | ހުކުރު 22:57
ސަލްމާން މިސްކިތް ބަންދުކޮށްފައި ހުރުމުން ސިޑިކައިރީގައި މީހަކު ނަމާދުކުރަނީ
ސަލްމާން މިސްކިތް ބަންދުކޮށްފައި ހުރުމުން ސިޑިކައިރީގައި މީހަކު ނަމާދުކުރަނީ
ރާއްޖެއެމްވީ
ކިންގް ސަލްމާން މިސްކިތް ބަންދުކުރާ މައްސަލަ
ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
މިމައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި
މިދިޔަ ރަމަޟާން މަހު ވެސް ރޭގަނޑު ތަރާވީސް ނަމާދަށްފަހު މިސްކިތް ބަންދުކުރާ މައްސަލަ ފެންމެތިވެފައިވޭ
މިސްކިތުގެ ހޯލުތައް ބަންދުކުރި ނަމަވެސް ނަމާދު ކުރާ ބައި ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ކިންގް ސަލްމާން މިސްކިތް ނަމާދުކުރާ ބަޔާއެކު ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފިއެވެ.

މިސްކިތުގައި ކިޔަންވަން ތިބި ދަރިވަރުންތަކެއް ރާއްޖެއެމްވީއަށް ބުނީ މިސްކިތް ރޭގަނޑު 9:00 ގައި ބަންދުކުރާ ކަމަށެވެ. އަދި ފިރިހެނުން ނަމާދު ކުރާ ބަޔާއި، އަންހެނުން ނަމާދު ކުރާ ބަޔަަށް ވެސް ނުވަދެވޭ ގޮތަށް ތަޅުލާ ކަމަށެވެ. މިގޮތަށް މިކަން ކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މިސްކިތް ބަންދުކުރާތީ އުދަނގޫތަކާ ކުރިމަތިވާ ކަމަށް އެދަރިވަރުން ބުނެފައިވެއެވެ.

Advertisement

މިސްކިތުގެ ހޯލުތައް ބަންދުކުރި ނަމަވެސް ނަމާދު ކުރާ ބައި ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ވަރަށް ދެރަ ކަމެއް ކަމަށް ދަރިވަރުން ބުނެފައިވެއެވެ. އެދަރިވަރުން ބުނިގޮތުގައި މިސްކިތް ބަންދުކުރާ ފަހުން ވެސް ވަރަށް ގިނަ މީހުން މިސްކިތަށް ވަނުމަށްފަހު ނަމާދުނުކޮށް ދާންޖެހެއެވެ.

ސަލްމާން މިސްކިތުގެ ސެކިއުރިޓީއާ ހަވާލާދީ އެދަރިވަރުން ބުނެފައިވަނީ މިސްކިތް ބަންދުކުރަނީ ޕާޓޭން މިސްކިތަށް ވަންނާތީ ކަމަށާއި، މިސްކިތުގެ ތަކެއްޗަށް ގެއްލުން ދޭތީ ކަމަށެވެ. ނަމަވެސް މިއީ މައްސަލައިގެ ހައްލު ނޫން ކަމަށާއި، ނަމާދުކުރެވޭ ބަޔަށް ވަދެވެންޖެހޭ ކަމަށް އެދަރިވަރުން ބުނެފައިވެއެވެ.

ދިރިއުޅެނީ ހުޅުމާލޭގަ. ދެން ވަޒީފާއަށް ކިޔަވަން މިއަންނަނީ މާލެ. ނަމާދުކޮށް ހަދަން ވަރަށް ގިނައިން އަންނަން މި މިސްކިތަށް. ފަހުގެ ވަސީލަތްތަކާއެކު ވަރަށް ރީތިކޮށް އިމާރާތް ކޮށްފައިވާ މި މިސްކިތުގަ ހުރިހާ ކަމެއް ކުރަން ވެސް ވަރަށް ފަސޭހަ. ނަމާދުކޮށް، ކިޔަވާ ހަދަން. އެކަމަކު ގިނަ ފަހަރު އަންނައިރުގަ އަންހެނުން ނަމާދުކުރާ ފަޅީގެ ފާހަނާ ވެސް ހުންނަނީ ބަންދުކޮށްފަ. ބައެއް ފަހަރު ސާފުކުރާ އަންހެން މުވައްޒަފުންނާ ދިމާވޭ. އެމީހުން ވަރަށް ރުންކުރުކޮށް ވާހަކަ ވެސް ދައްކާނެ ބައެއް ފަހަރު. ބަންދުކޮށްފައެއްނުންހޭ ކިޔާފަ. އެކަމަކު މިހެން ހުންނަ މިސްކިތެއް ބަންދެއް ނުކުރެވޭނެއްނު. ހަމައެކަނި ނަމާދު ގަޑީގަ ނޫންދޯ ހުޅުވާފަ ހުންނަންޖެހޭނީއެއް. ދެން ބުރާސްފަތި ދުވަހުގެ ރޭ ވެސް އަންހެނުން ނަމާދު ކުރާ ބައިގަ ކިޔަވަން ތިބީ. މުވައްޒަފެއް އައިސްފަ ހުރިހާ ލައިޓްތަކެއް ނިންވަމުން ދިޔައީ. އަންހެން މުވައްޒަފަކު އައިސްފަ ބުނީ ރޭގަނޑު 9:00 ޖަހާއިރު އޮފީސް ބަންދުކުރާ ކަމަށް. އެހެންވީމަ މިސްކިތް ބަންދުވީ ކަމަށް. އިސްލާމީ ގައުމެއްގަ ޕާޓޭންގެ އުދަނގޫ ބޮޑުވެގެންނޭ ކިޔާފަ މިހެން ހެދީމަ ވަރަށް ދެރަ. މިކަމަށް ހައްލެއް ބޭނުންވޭ.
ދަރިވަރެއް
އަންހެނުން ވުޟޫކުރާ ސަރަހައްދުގައި ހުންނަ ފާހަނާ ބަންދުކޮށްފައި

މިދިޔަ ރަމަޟާން މަހު ވެސް ރޭގަނޑު ތަރާވީސް ނަމާދަށްފަހު މިސްކިތް ބަންދުކުރާ މައްސަލަ ފެންމެތިވެގެން ދިޔައެވެ. ނަމަވެސް އޭރު އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސަލްމާން މިސްކިތުގެ ނަމާދުކުރާ ބައި ބަންދުނުކުރާ ކަމަށާއި، އެ ވަގުތު ބަންދުކޮށްފައިވަނީ ކާޕެޓްގެ މަސައްކަތްތަކެއް ކުރާތީ ކަމަށެވެ.

މިހާރު ކިންގް ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށާފައިވާ މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. މިނިސްޓްރީގެ މީޑީއާ އޮފިޝަލަށް ގުޅައި، މެސެޖް ކުރި ނަމަވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.

ފިރިހެނުން ވުޟޫކުރާ ސަރަހައްދުގައި ހުންނަ ފާހަނާ ބަންދުކޮށްފައި
ސަލްމާން މިސްކިތް ނިއްވާލާފައި

ކިންގް ސަލްމާން މިސްކިތް ހުޅުވައި ނަމާދު ކުރަން ފަށާފައިވަނީ 1 އޭޕްރިލް 2022 ގައެވެ. މިއީ ސައޫދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް