ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 06:19
ސަލްމާން މިސްކިތް
ސަލްމާން މިސްކިތް
ސަލްމާން މިސްކިތަށް ގެއްލުން ދިނުން
ތަރައްގީއާ އެއްވަރަށް އަމަލުތައް ތަހުޒީބުވޭތަ؟
ސަލްމާން މިސްކިތަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު މިސްކިތް
ކޮންމެ ދުވަހަކު ވެސް މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރޭ
ސަލްމާން މިސްކިތުގައި ބޭނުންކުރާ އާލަތްތަކަކީ ރާއްޖެއިން ލިބޭ އެއްޗިއްސެއް ނޫން

ޒަމާނަށް އަންނަ ބަދަލުތަކާއެކު ރާއްޖެ ވެސް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީވަމުންނެވެ. އެކިއެކި މަޝްރޫއުތަކާއެކު، ރައްޔިތުން ބޭނުންވާ އިމާރާތްތައް ވެސް ބިނާކުރަމުންނެވެ. މިހާތަނަށް އައިރު ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށް މިފަދަ ކިތަންމެ ތަނެއް އިމާރާތްކޮށްފައިވެއެވެ. ނަމަވެސް ހިތާމައަކީ ބޮޑު ހޭދައެއްކޮށްގެން އިމާރާތްތައް ހެދިނަމަވެސް އެތަންތަން އެގޮތުގައި ދެމި ނުހުންނަ ކަމެވެ. އެގޮތުން މިފަހުން ރާއްޖޭގައި ބިނާކުރި އެންމެފަހުގެ އެންމެ ރީތި އިމާރާތަކީ ސަލްމާން މިސްކިތްކަމާއެކު ޝައްކަތްނެތެވެ. ނަމަވެސް ޒަމާނާ އެއްވަރަށް މީހުންގެ އަމަލުތައް ތަހުޒީބުވޭތޯ މިއީ އުފެދޭ ސުވާލެކެވެ.

އެއީ ގިނަބަޔަކު ނަމާދުކުރެވޭ ގޮތަށް ބިނާކޮށްފައިވާ މި މިސްކިތަށް މަދު ބަޔަކު ދަނީ ގެއްލުން ދެމުންނެވެ. 01 އޭޕްރީލް 2022 ގައި މިސްކިތް ހުޅުވައި ނަމާދުކުރަން ފަށާފައިވާއިރު، މިސްކިތުން ވައްކަން ކުރުމާއި، ގެއްލުން ދިނުމުގެ ގިނަ މައްސަލަތަކަށް އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމާށް އައިސްފައިވެއެވެ. މިސްކިތުގައި ހަރުކޮށްފައި ހުންނަ އިސްކުރުތައް ނެއްޓުމާއި، ސްވިޗްތައް ނެއްޓުން ފަދަ މައްސަލަތަކެވެ. މިނިސްޓްރީން ފާހަގަކުރާ ގޮތުގައި ކޮންމެ ދުވަހަކީ ވެސް ފާހަނާ ބަރި ނުވަތަ ވުޟޫ ކުރުމަށް ޚާއްސަކޮށްފައިވާ އިސްކުރު ބަރިން ކޮންމެވެސް އެއްޗެއް މަދުވެގެން އެ މަސައްކަތް ކުރަންޖެހޭ ދުވަހެކެވެ. މިއަދާ ހަމައަށް އައިރު ވެސް މި މައްސަލައަށް މާ ބޮޑު ހައްލެއް ނުލިބެއެވެ.

ސަލްމާން މިސްކިތުގައި ބޭނުންކުރާ އާލަތްތަކަކީ ރާއްޖެއިން ލިބޭ އެއްޗިއްސެއް ނޫނެއެވެ. އެހެންކަމުން މަރާމާމާތެއް ނުވަތަ އިސްކުރެއް ގެއްލުނު ނަމަވެސް ނުވަތަ ހަލާކުވި ނަމަވެސް ޖެހޭނީ ރާއްޖެއިން ބޭރުން ގެންނަންށެވެ. އެހެންކަމުން މިކަމަށް ވަގުތުނަގައެވެ. ނަމަވެސް ރާއްޖޭގެ އެހެން މިސްކިތްތަކުގައި ބޭނުންކުރާ އާލަތްތައް ރާއްޖެއިން ލިބެއެވެ. އެހެންކަމުން މަރާމާތުކޮށް ބެލެހެއްޓުން މާބޮޑު ކަމަކަށް ނުވެއެވެ.

ސަލްމާން މިސްކިތަކީ އަބަދުވެސް ހުޅުވާފައި ހުންނަ މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ގޯތި ތެރޭގައި ވެސް ގިނަ ބަޔަކު ހަރަކާތްތެރިވެ އުޅެއެވެ. ޚާއްސަކޮށް ހަވީރުގެ ވަގުތު ކުޑަ ކުދިންވެސް އެސަރަހައްދުގައި ގިނައެވެ. މި މިސްކިތަކީ ހަމައެކަނި ނަމާދުކުރުމަށް ޚާއްސަ މިސްކިތެއް ވެސް ނޫނެއެވެ. ކިޔެވުމާއި، އެހެނިހެން ބޭނުންތަކުގައި ވެސް ސަލްމާން މިސްކިތަށް ގިނަބަޔަކު ގޮސްއުޅެއެވެ. އަދި މިގޮތަށް މިސްކިތަށް ގެއްލުން ދޭ ކަމަށްވާނަމަ މިސްކިތް ވަކި ވަގުތަކަށް ބަންދުކުރަންޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މިއީ ދިވެހިން ބަލައިގަންނާނެ ނިންމުމެއް ނޫން ކަމަށާއި، މިކަންކަން ރަނގަޅު ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިން ސަލްމާން މިސްކިތުގެ އޭސީ އަދި ސައުންޑް ސިސްޓަމް ވަނީ މައްސަލަ ޖެހިފައެވެ. މިމައްސަލަ ހައްލު ކުރުމަށް ދުވަސްތަކެއް ފާއިތުވުމުން ބައެއް މީހުން މިނިސްޓްރީއަށް ފާޑު ކިޔާފައި ވެސް ވެއެވެ. ފާޑުކިޔުންތައް ވެސް ބަލައިގަންނަ ކަމަށާއި، މިމަސައްކަތް ކުރުމަށް އާއްމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި މިސްކިތުގެ ގޯތިތެރޭގައި ދިވެހިންގެ ބަޔަކު ވަނީ ޓިކްޓޮކް ލަވައެއް ކުޅެ އާއްމުކޮށްފައެވެ. މިއީ ބަލައިގެނެވޭނެ ކަަމެއް ނޫން ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައި ވެސް ވެއެވެ. އެއީ މިސްކިތަކީ މާތްވެގެންވާ ބިނާއަކަށްވާއިރު، އެބިނާގެ ހުރުމަތް ކެނޑޭފަދަ އަމަލަކަށްވާތީއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިސްކިތް ބެލެހެއްޓުމަށް ދެ ސެކިއުރިޓީ ގާޑުން ހަރަކާތްތެރިވާ ކަމަށާއި، އިތުރަށް ސެކިއުރިޓީގާޑުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިސްކިތެއްގެ ގޯތިތެރޭގައި ކުރުން އެކަށީގެން ނުވާ ކަންކަންކުރާނަމަ، މަންޒަރު ފެންނަ މީހުން އެކަންކަން ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ސަލްމާން މިސްކިތަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު މިސްކިތެވެ. ގިނަ ބަޔަކަށް ނަމާދު ކުރެވޭ ގޮތަށް ރީތިކޮށް ބިނާކޮށްފައިވާ މި މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމްލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު, ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމް ހުރެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުރެއެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ އެތަކެއް ބިނާތަކާއި، އިމާރާތްތައް ރާއްޖޭގައި އުފުލޭނެއެވެ. ނަމަވެސް މި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އަމަލުތައް އެވަރަށް ތަހުޒީބުވާނެ ކަމާއިމެދު ސުވާލު އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް