ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 15:06
ސަލްމާ މިސްކިތާ ދިމާލުން ހިއްކާފައި އޮންނަތަނުގައި މަސްކަނޑަނީ
ސަލްމާ މިސްކިތާ ދިމާލުން ހިއްކާފައި އޮންނަތަނުގައި މަސްކަނޑަނީ
ރާއްޖެއެމްވީ
ގަވާއިދާ ހިލާފަށް މަސް ކެނޑުން
މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް
އެތަނުގައި މަސްކެނޑުމަކީ މަނާކަމެއް
މަސްކަނޑާފައި އެއްލާލާ ކަރުގޮހޮރު ރާޅާއެކީ އެއްގަމަށް ލައްވޭ

ތޮއްޖެހިފައިވާ މާލޭގައި ހަމަނޭވާއެއްލާން ނުކުންނަން އޮންނަތަން މަދެވެ. ގިނަފަހަރަށް އެފަދަ ތަންތަން ވެސް އޮންނަނީ ތޮއްޖެހިފައެވެ. ވަކިން ހާއްސަކޮށް މާލޭގެ ވަށައިގެން ހުރި އެކި ސަރަހައްދުތަކެވެ. އެހެންކަމުން ވަކިވަކި ކަންކަން ކުރަން މާލޭގައި ހާއްސަކުރެވިފައިވާ ސަރަހައްދުތައް އޮވެއެވެ. އެއީ މޫދަށް އެރެން ކަމުގައިވިޔަސް، މަސްބާނަން ކަމުގައިވިޔަސް މަސްކަނޑަންކަމުގައި ވިޔަސް އެކަން އޮތީ އެހެންނެވެ.

ތޮއްޖެހިފައިވާ މި މާލޭގައި މަސްކަނޑަށް ހާއްސަކުރެވިފައިވަނީ ވެސް އެންމެ ތަނެއްގައެވެ. އެއީ މާލޭގެ މަސް މާރުކޭޓުގައެވެ. ދެން ރަސްފަންނުގައި ހުންނަ ޕެވީލިއަންއިން ބާނާ މަސް އެތަނުގައި ކަނޑާނެ ހާއްސަ ތަނެއް ހުރެއެވެ. ނަމަވެސް އިހައް ދުވަހަކު ފެނިގެން ދިޔައީ ވަރަށް ކަމު ނުދާ މަންޒަރެކެވެ. އެންމެ ގިނަ މީހުން ހަވީރު ފިންޏަށް ގޮސް މަޑުކޮށްލާ ސަރަހައްދެއްގައި ދިވެއްސަކާއި ބިދޭސީއަކު މަސްކަނޑާތަނެވެ.

މެންދުރު އެންމެ އަވި ބާރުގަޑީގައި މީހުން މަދު އިރު، ޓަައްޕަކަށް މަސް އަޅައިގެން ގޮސް ސަލްމާން މިސްކިތާ ދިމާލުން ބޭރަށް އިންނަ ތަނުގައި މަސް ކަނޑާލާފައި އެތަނަށް ކަރުގޮހޮރު އުކާލި މަންޒަރެވެ. އެތަނަކީ ގިނަ އަދަދެއްގެ ބަޔަކު އެކި ގަޑިތަކުގައި ހިތްހަމަޖައްސާލަން ގޮސް މަޑުކޮށްލާތަނެކެވެ. ބައެއް މީހުން ހުސްވަގުތު އެތަނަށް މަސް ބާނަންވެސް ދެއެވެ. އަދި ބައެއް މީހުން ފީނަންވެސް އެތަނަށް ފައިބައެވެ.

އެތަނުގައި މަސްކެނޑުމަށްފަހުގައި ކަރުގޮހުރު މޫދަށް އުކާލާފައި ދިޔައިރު، އެތަނުން ނަގާ ރާޅުތަކާއެކު އެ ކަރުގޮހުރުތައް އެއްގަމަށް ލައްވަމުން ދިޔައެވެ. އެތަނުގައި އުޅޭ ބުޅާތައް އެ ކާން ތިބި އިރު ކާޅުތައް އައިސް ކަރުގޮހޮރުގެ ބައިތަކުގައި ކޮށްޖަގާ ބައެއް އެއްޗެހި އަނގައިގަ ލައިގެން އުދުހިފައި ދިޔައެވެ. މިއީ އާންމުކޮށް އެމީހާ ކުރާކަމެއް ކަމަށް އެތަނަށްދާ ފަރާތްތަކުން ބުނެއެވެ.

މަސްކަނޑާ ދިމާލުން ފެންނަން އޮތީ ހިލަތަކުގައި މަހުގެ އެތިއެތިކޮޅު ހުރިތަނެވެ. ރާޅާއެކު މޫދަށް އެއްލާލި ކަރުގޮހޮރު އެއްގަމަށް ލައްގާފައި ހުރިތަނެވެ. ކޮންމެއަކަށް މި އެއްޗެއްސަކީ ރަނގަޅުގޮތުގައި ނައްތާނުލައިފިނަމަ ފުޅަ އަޅާ އޭގެ ސަބަބުން ތަފާތު ކަންކަން ދިމާވާވެދާނެ ތަކެއްޗެވެ. އެ ފުޅަ އަޅައިގެން ވަސް ދުވުމާއި، ތަފާތު ބަލިމަޑުކަން ފެތުރުމަށްވަސް މަގުފަހިވާ އެއްޗެވެ.

މިއާއެކު ކަރުގޮހޮރު އަޅާނަމަ އެތަނަކަށް މިޔަރު އެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެތަނަކީ މީހުން ފީނަން ފައިބާތަނަކަށް ވެފައި އެފަދަ އަމަލެއްގެ ސަބަބުން މީހަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުން އެކަށީގެންވެއެވެ.

މި މައްސަލައާއި ގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ މާލޭގެ މަސްމާރުކޭޓް ފިޔަވައި އެހެންތަނެއްގައި މަސް ކެނޑުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާނެކަމަށެވެ.

ތޮއްޖެހިފައިވާ މާލެ ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެކެވެ. ސާފުތާހިރުވާނީ ވެސް އެންމެންގެ އެއްބާރުލުމާއެކީގައެވެ. މަލިމަޑުކަމާއި އެފަދަ އެހެން ކަންކަމުން ރައްކާތެރިވެ ތިބުމަށް މިފަދަ ނޭދެވޭ ކަންކަމުން ދުރުވެ ތިބުން މުހިންމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް