ކ. މާލެ
|
10 ޖޫން 2024 | ހޯމަ 11:54
ކިންގް ސަލްމާން މިސްކިތް އެތެރޭގެ ލައިޓްތައް ނިއްވާލާފައި
ކިންގް ސަލްމާން މިސްކިތް އެތެރޭގެ ލައިޓްތައް ނިއްވާލާފައި
ރާއްޖެއެމްވީ
ސަލްމާން މިސްކިތް ބަންދުކުރާ މައްސަލަ
ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް
ސެކިއުރިޓީން ތިބެ މިސްކިތް ނަމާދުކުރާ ބަޔާއެކު ބަންދުކުރާ ކަމަށްވާނަމަ ސެކިއުރިޓީންގެ ބޭނުމެއް ނެތް
ރޭގަނޑު 9:00 ގައި ސަލްމާން މިސްކިތް ނަމާދުކުރާ ބަޔާއެކު ބަންދުކުރޭ
ނަމާދުކުރާ ބަޔަށް ނުވަދެވޭ ގޮތަށް މިސްކިތް ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

މިފަހުގެ ތާރީހެއްގައި މާލެސިޓީގައި އެންމެ ރީތިކޮށް ބިނާކުރީ އެއް މިސްކިތަކީ ކިންގް ސަލްމާން މިސްކިތެވެ. ގިނަ ބަޔަކަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް އިމާރާތް ކޮށްފައިވާ އެމިސްކިތަކީ ހިތްފަސޭހަ ރީތި ބޮޑު މިސްކިތެކެވެ. 01 އޭޕްރީލް 2022 ގައި މިސްކިތް ހުޅުވައި، ނަމާދުކުރަން ވަނީ ފަށާފައެވެ. ޖާގަ ތަނަވަސް ބޮޑު މިސްކިތަކަށް ވުމާއެކު ގިނަ އަދަދެއްގެ މީހުން އެމިސްކިތަށް ނަމާދުކުރުމުގެ އިތުރުން ކިޔަވަން ވެސް ގޮސް އުޅެއެވެ. ނަމަވެސް މިހާރު މިވަނީ މިސްކިތުގެ ނަމާދުކުރާ ބައި ހިމެނޭ ގޮތަށް ބަންދުކުރާ މައްސަލަ ފެންމަތިވެފައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު އައިފަހުން ސަލްމާން މިސްކިތް ބަންދުކުރާ މައްސަލަ ފެންމަތިވި މިއީ ފުރަތަމަ ފަހަރެއް ނޫނެއެވެ. މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ވެސް ތަރާވީސް ނަމާދަށްފަހު މިސްކިތުގައި ތަޅުއަޅުވާ މައްސަލަ ބޮޑުވިއެވެ. ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން އޭރު އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ މިސްކިތުގައި ތަޅު ނާޅުވާނެ ކަމަށާއި، އެ ވަގުތު ބަންދުކޮށްފައިވަނީ ކާޕެޓްގެ މަސައްކަތްތަކެއް ކުރާތީ ކަމަށެވެ.

ނަމަވެސް މިހާރު މިވަނީ ރޭގަނޑު 9:00 ގައި ސަލްމާން މިސްކިތުގެ ނަމާދުކުރާ ބަޔާއެކު ބަންދުކުރާ މައްސަލަ ފެންމަތިވެފައެވެ. މިގޮތަށް މިކަންކުރާތާ ވަނީ ދުވަސްތަކެއް ވެފައެވެ. މިސްކިތުގެ ނަމާދުކުރާ ބަޔާއެކު ބަންދުކުރަނީ ޕާޓޭންގެ އުދަނގޫ ބޮޑުވެ މިސްކިތަށް ގެއްލުން ދޭތީ ކަމަށް ސަލްމާން މިސްކިތުގެ ސެކިިއުރިޓީން ވަނީ ބުނެފައެވެ. ނަމަވެސް މިސްކިތެއްގައި މުސާރަ ދީގެން ސެކިއުރިޓީން ބައިތިއްބަންވީ އެތަނެއްގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. ސެކިއުރިޓީން ތިބެ މިސްކިތް ނަމާދުކުރާ ބަޔާއެކު ބަންދުކުރާ ކަމަށްވާނަމަ ސެކިއުރިޓީންގެ ބޭނުމެއް ނެތެވެ.

ސަލްމާން މިސްކިތް ބަންދުކޮށްފައި ހުރުމުން ސިޑިކައިރީގައި މީހަކު ނަމާދުކުރަނީ

މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ވާހަކަދެއްކި ބައެއް ދަރިވަރުން ބުނެފައިވަނީ ދިރިއުޅެނީ ހުޅުމާލެ ގައި ކަމަށާއި، ނަމާދުކުރަން އަދި ކިޔަވަން ވަރަށް ގިނައިން ސަލްމާން މިސްކިތަށް ދާ ކަމަށެވެ. ނަމަވެސް ގިނަ ފަހަރު އަންހެނުން ވުޟޫ ކުރާ ސަރަހައްދުގައި ހުންނަ ފާހަނާ ހުންނަނީ ބަންދުކޮށްފައި ކަމަށާއި، ރޭގަނޑު ކިޔަވަން ތިބޭއިރު ވެސް ރޭގަނޑު 9:00ގައި ލައިޓްތައް ނިއްވާލާ ނަމާދުކުރާ ބައިން ވެސް ނުކުންނަން ބުނެފައިވާ ކަމަށެވެ. އޮފީސް ބަންދުކުރާ ވަގުތަށް ވާތީ ނަމާދުރާ ސަރަހައްދުގައި ވެސް ނުތިބެވޭނެ ކަމަށް ބުނާ ކަމަށް އެދަރިވަރުން ބުނެފައިވެއެވެ.

އެދަރިވަރުން ބުނިގޮތުގައި މިސްކިތް ބަންދުކުރާ ފަހުން ވެސް ވަރަށް ގިނަ މީހުން މިސްކިތަށް ވަނުމަށްފަހު ނަމާދުނުކޮށް ދާންޖެހޭ ކަމަށެވެ. އަދި މިސްކިތް ބަންދުކުރާތީ ބައެއްފަހަރު މިސްކިތުގެ ސިޑިކައިރީގައި ވެސް ނަމާދުކުރާ ކަމަށް ބުނެފައިވެއެވެ.

އަންހެނުން ވުޟޫކުރާ ސަރަހައްދުގައި ހުންނަ ފާހަނާ ބަންދުކޮށްފައި

މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ނަމާދުކުރާ ބަޔަށް ނުވަދެވޭ ގޮތަށް މިސްކިތް ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ. މިސްކިތަށް ގެއްލުން ދޭ ކަމަށްވާނަމަ އެހެން ފިޔަވަޅުތަކެއް އަޅައިގެން ހައްލު ގެންނަންޖެހޭ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ. އިސްލާމީ މަރުކަޒު ވެސް ރޭގަނޑު 10:00 ގައި ބަންދުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ޒާހިރު ވިދާޅުވީ ނަމަވެސް ނަމާދުކުރާ ބައި ތަޅުނުލާ ކަމަށާއި، ނަމާދުކުރެވޭނެ ކަމަށެވެ. އެފަދަ ގޮތަކަށް ސަލްމާން މިސްކިތުގެ އިންތިޒާމް ވެސް ހަމަޖެއްސުމަށް މިނިސްޓަރު ޒާހިރު ގޮވާލެއްވިއެވެ.

މިސްކިތް ބަންދުކުރާ މައްސަލައާ ގުޅިގެން މިސަރުކާރުގެ ކަމާގުޅުންހުރި ބޭފުޅެއްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު އަދި އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވެސް މިމައްސަލައާ ގުޅޭގޮތުން ޖަވާބެއް ދެއްވާފައިނުވެއެވެ.

ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވާ ސަރަހައްދުގެ ގޮތުން ވެސް ގިނަ ބަޔަކު އެސަރަހައްދަށް ގޮސްއުޅޭއިރު، ގިނަ ބަޔަކު މިމައްސަލައަށް ހައްލު ބޭނުންވެއެވެ. މިސްކިތުގެ ސެކިއުރިޓީންއަށް ފުލުހުން ބައިތިއްބާގެން ވެސް މިމައްސަލައަށް ހައްލު ގެންނަންޖެހެއެވެ. މިމައްސަލާގައި އިސްލާމިކް މިނިސްޓަރާއި، މިނިސްޓްރީން ހަނު އޮތުމަކީ އަދި ހައްލެއް ނޫނެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތްހަމަ ނުޖެހުމާއި ނުރުހުންވުން ނޫން ކަމެއް ނުވާނެއެވެ.

- ކޮމެންޓް