ރާއްޖޭގައި ޑްރަގްގެ ވިޔަފާރި މަގުމަތީގައި ކަންމަތީ ފިހާރަ ހިންގާ އުސޫލުން ކުރަމުން އަންނަ ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓިޖިކް ޕްލޭން އިފްތިތާހް ކުރުމަށް ބުދަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ޑްރަގްގެ ވިޔަފާރި ހިންގާލެއް ފަސޭހަކަން ހާމަ ކުރެއްވުމުގެ ގޮތުން ވިދާޅުވީ، ހުއްދަ އޮންނަ ވިޔަފާރިއެއް ކުރާހާ ފާޅުކަން ބޮޑު ގޮތެއްގައި ޑްރަގްގެ ވިޔަފާރި ރާއްޖޭގައި ހިނގަމުން އަންނަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިކަން ރާއްޖޭގައި ހުއްޓަން ޖެހޭ ކަމަށެވެ.
ޑްރަގް ވިޔަފާރިއަށް ވަންނަން ހިތައް އަރާ މިހާ ތިން ހަތަރު ފަހަރު ވިސްނާލާފައި އޭނާ ހިތައް އަރަން ޖެހޭނެ ތިމަންނާއަށް މިފުރުސަތެއް ރާއްޖޭގައި ނޯންނާނެ ކަން.ދާޚިލީ ވަޒީރު އަލީ އިހްސާން
މިނިސްޓަރ ވިދާޅުވީ، މަސްތުވާ ތަކެތި ވިއްކާ މީހާ އަށްވެސް އެ ބޭނުން ކުރާ މީހާ އަށް މިއަދު އެއްވެސް ބިރުވެރި ކަމެއް ރާއްޖޭގައި ނެތް ކަމަށެވެ. އެހެން ކަމުން ބިރުވެރިކަން ނެތި ފައިދާވާ ކަންކަން އިންސާނުން ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ސަރުކާރުން މި މައްސަލަ މި ފަސް އަހަރުގެ ތެރޭގައި ހައްލު ކުރަންޖެހޭނެ ކަމަށާއި މިކަން ޑެލިވަރ ކުރުމުގެ 90 އިން ސައްތަ ޒިންމާ ވާން ޖެހޭނީ ދިވެހި ފުލުހުން ކަމަށް މިނިސްޓަރ އިހްސާން ފާހަގަ ކުރެއްވިއެވެ.