ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 15:08
ޑޮކްޓަރު ނުދޭ ބޭސް، ބޭސް ސިޓީއަށް އިތުރުކޮށް ބަލިމީހާގެ ކުރިން ސިޓީއަށް ވަނީ ބޭސް ވެސް ނަގާފައި
ޑޮކްޓަރު ނުދޭ ބޭސް، ބޭސް ސިޓީއަށް އިތުރުކޮށް ބަލިމީހާގެ ކުރިން ސިޓީއަށް ވަނީ ބޭސް ވެސް ނަގާފައި
ރާއްޖެއެމްވީ
އާސަންދަ
ޑޮކްޓަރަށް ނޭނގި އަގުބޮޑު ބާރުގަދަ ބޭސްތަކެއް ހުރީ އިތުރުކޮށްފައި، ބޭސް ނަގަން ދިޔައިރު އާސަންދައިން އިނީ ބިލް ހަދާފައި!
އިތުރުކުރި ބޭހާއެކު 1156.34 ރުފިޔާގެ ބިލެއް އޮތް
ބޭސް ސިޓީ ހިފައިގެން ދިޔަ އިރު ބޭސްތައް ހުރީ ނަގާފައި އާސަންދައިން ބިލް ހަދާފައި
ބަލިމީހާގެ ނެތް ބަލިތަކަށް ބޭސްތައް ބޭސް ސިޓީގައި ލިޔެފައި ހުރި

އާސަންދައިގެ ހަރަދު ބޮޑުވާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އާސަންދައިގެ އެންމެ ބޮޑު ހަރަދެއް ދަނީ ބޭހަށެވެ. އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާސަންދައިގެ ބޮޑުބައެއް ބޭހަށް ހަަރަދުކުރާއިރު، ގިނަ ފަހަރަށް ބަލި މީހާ ނަގާ ބޭސް ހުސްނުވެ އަލުން އެއް ބޭހެއް ނެގޭ ފަހަރު އާދެއެވެ. ގިނަ ފަހަރަށް ކުށްވެރިވަނީ ވެސް ބަލިމީހާއެވެ.

ނަމަވެސް މިފަހަރު ކަންތައްވީ އެހެނެއް ނޫނެވެ. މިފަހަރު އާސަންދައިގެ ތެރެއިން ފާޅުގައި ވައްކަންކުރި ގޮތް މި އޮތީ ފަަޅާއަރާފައެވެ. މާލޭގައި ހިދުމަތް ދެމުން އަންނަ ކްލިނިކަކަށް ކަކުލު ހުޅުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ދެބެއިން މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދެއެވެ.

ރާއްޖެއެމްވީއަށް މި ވާހަކަ ކިޔައިދެމުން އެމީހުން ބުނެފައިވަނީ ބަލިމީހާ ދެއްކީ މާލޭގައި މަޝްހޫރު އަދި ގިނަ ބަޔަކު ދަންނަ ކަށީގެ ޑޮކްޓަރަކަށް ކަަމަށެވެ. ޑޮކްޓަރަށް ދައްކާ، ވެގެން އުޅޭގޮތް ކިޔައިދިން ކަމަށާއި، ޑޮކްޓަރު ބެއްލެވުމަށްފަހު ކަމެއް ނެތް ވާހަކަ ވިދާޅުވިކަމަށް މި ވާހަކަ ހިއްސާކުރަމުން އޭނާ ވަނީ ބުނެފައެވެ. އަދި ބޭހެއް އުނގުޅާލުމުން ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވެ ބޭސް ސިޓީ ލިޔެދިން ކަމަށެވެ.

އާސަންދަ ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީ ލިޔެފައި ދިނުމަށްފަހު، އިތުރަށް ޔަގީންކުރަން ބޭނުންވާނަމަ އެކްސްރޭއެއް ނެގުމަށް ޑރ ލަފާދެއްވި ކަމަށާއި، އެކްސްރޭ ލިބުމުން އެކްސްރޭ ދައްކަން އައުމަށް ޑރ ވިދާޅުވިއެވެ. އަދި އޭނާ ބުނި ގޮތުގައި ބަލި މީހާ ނުގެނެޔަސް އެންމެ ރަނގަޅުކަމަށް ޑރ ވިދާޅުވިއެވެ.

ޑޮކްޓަރު ބޭސް ސިޓީގައި ލިޔެދީފައިވަނީ އެސިކްލޮފެނަކް ޖެލްއެވެ. މިއީ ހުޅުތަކާއި މަސްގަނޑުގައި ރިހުން، އަދި ދުޅަވުން ފަދަ ކަންކަމަށް ކުރު މުއްދަތަކަށް ލުއި ދިނުމަށް ބޭނުންކުރާ އުނގުޅާ ބޭހެކެވެ. ބޭސް ސިޓީގައި ލިޔެފައި އޮތީ މި ބޭސް އެކަންޏެވެ.

އޭނާ ބުނީ އެކްސްރޭއެއް ނަގަން ލަފާ ދެއްވާފައި އޮތުމުން ޑޮކްޓަރު ލިޔެދިން ބޭސް ސިޓީއަށް ބޭސް ނަގާނީ އެކްސްރޭ ނަގާ ދެއްކުމަށްފަހުގައި ކަމަށް ނިންމީ ކަމާށެވެ. އަދި އޭގެ 3 ދުވަސް ފަހުން މަންމަގެ ކަކުލު ހުޅުގެ އެކްސްރޭ ނެގުމަށްފަހު ޑޮކްޓަރަށް ދިއުމުން، އެކްސްރޭ ބެއްލެވުމަށްފަހު އެއްވެސް ކަމެއް ނެތް ކަަމަށް ޑޮކްޓަރު ވިދާޅުވިކަމަށް އޭނާ ބުންޏެވެ.

އަދި ކުރިން ދުވަހު ދިން ތަނދުކަނޑުވާ އުނގުޅާ ބޭހުގެ އިތުރުން ކަށްޓަށް ވިޓަމިންކޮޅެއް ދޭނެ ކަމަށް ޑޮކްޓަރު ވިދާޅުވެ، ކުރިން ދުވަހު ދިން ބޭސް ސިޓި އާސަންދަ ޕޯޓަލްއިން ހުޅުވި ކަމަށެވެ. ނަމަވެސް ބޭސް ސިޓީގައި ބައިވަރު ބޭސްތަކެއް އިތުރުވެފައި ހުރުމުން، ބައިވަރު ބޭސްތަކެއް ދެވިފައި މިހުރީ ކީއްވެތޯ ވިދާޅުވެ، ޑރ އަމިއްލަފުޅަށް ސުވާލު ކުރެއްވި ކަމަށެވެ.

އޭނާ ބުނީ ޑރ ކުރިން ޑރ ލިޔެދެއްވީ އެންމެ ބޭހެއް ކަމަށާއި، އެ ސިޓީ، އެމީހުންގެ އަތުގައި ވެސް އެބައޮތް ކަމަށާއި، އޭގައި އިތުރު ބޭސްތަކެއް ނެތް ކަމަށެވެ. ނަމަވެސް އެކްސްރޭ ދައްކަން ދިޔަ ދުވަހު އާސަންދަ ޕޯޓަލްއިން ހުޅުވި ބޭސް ސިޓީގައި ކުރިން ދުވަހު ދިން ބޭހާއެކު 8 ބޭހެއް އިތުރަށް ލިޔެފައި އޮތް ކަމަށެވެ.

ކަކުލު ހުޅުގައި ރިއްސާތީ ދިއުމުން ފުރަތަމަ ދިން ބޭސް ސިޓީ - ރާއްޖެއެމްވީ

ކޮންމެއަކަސް ކުރިން ދުވަހު ދިން ބޭސް ސިޓީއަށް 7 ބޭސް އިތުރުވެ ބޭހުގެ އަދަދު ވަނީ 8ށް ބަދަލުވެފަ އެވެ.

ކުރިން ދިން ބޭހުގެ އިތުރަށް ދީފައި ހުރި ބޭސްތައް؛

- މެފެނެމިކް އެސިޑް (މެފެނަމިކް އެސިޑަކީ ލުއި ތަދުތަކާއި މެދުމިނުގެ ރިހުންތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ނޮންސްޓިރޮއިޑަލް އެންޓި-އިންފްލެމެޓަރީ ޑްރަގް (އެންއެސްއޭއައިޑީ) އެކެވެ. އަދި ޑޮކްޓަރު ކަނޑައަޅާ ގޮތަށް މައްސަރު ކަންތައް ޖެހުމާއި އެހެނިހެން ހާލަތްތަކަށް ފަރުވާ ދިނުމަށް ވެސް ބޭނުން ކުރެވިދާނެ ބޭހެކެވެ.)

- ގްލޫކޯސަމިން ސަލްފޭޓް ޕޮޓޭސިއަމް (މިއީ އޮސްޓިއޯއާތުރައިޓިސް ގައި ބޭނުން ކުރާ ބޭހެކެވެ. ގްލޫކޯސަމިން ސަލްފޭޓް ޕޮޓޭސިއަމް ކްލޮރައިޑަކީ ޕްރޮޓީއޯގްލައިކެން ސިންތެސިސް ސްޓިމިއުލޭޓަރެކެވެ. އެއީ ކާޓިލޭޖް (ހުޅުތަކުގެ ވަށައިގެންވާ މަޑު ކަނެކްޓިވް ޓިޝޫ) ބިނާކޮށްގެން ހުޅުތައް ރަނގަޅުކުރުމަށް މަގުފަހިކޮށްދޭ ބޭހެކެވެ. އަދި ތަދުވުމާއި ދުޅަވުން ވެސް ދަށްކޮށްދޭނެ ބޭހެކެވެ.)

- ޓްރިޕްސިން ޗައިމޮޓްރިޕްސިން (މިއީ ޓްރައުމެޓިކް، ސާޖިކަލް، އަދި ކަށީގެ އަނިޔާތައް މަރާމާތުކުރުން އަވަސްކުރުމަށް ގިނައިން ބޭނުންކުރާ އޯރަލް ޕްރޮޓީއޮލައިޓިކް އެންޒައިމް ކޮމްބިނޭޝަނެކެވެ.)

- ޕެންޓޮޕްރަޒޯލް (މިއީ ބަނޑުގައި މާ ގިނައިން އެސިޑް ހުންނަ ވަކި ހާލަތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ.)

- ކެލްޝިއަމް ސައިޓްރޭޓް + ވިޓަމިން ޑީ3 (މިއީ ކަށްޓައް ލިބޭ ގެއްލުން (އޮސްޓިއޯޕޮރޮސިސް)، ކަށިތައް ބަލިކަށިވުން (އޮސްޓިއޯމެލެޝިއާ/ރިކެޓްސް)، ޕެރަތައިރޮއިޑް ގްލޭންޑްގެ ހަރަކާތް ދަށްވުން (ހައިޕޯޕެރަތައިރޮއިޑިޒަމް)، އަދި ވަކި މަސްތަކުގެ ބައްޔެއް (ލެޓެންޓް ޓެޓަނީ) ފަދަ ކެލްސިއަމްގެ މިންވަރު ދަށްވުމުން ދިމާވާ ހާލަތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ.)

- ކޮލެކެލްސިފެރޯލް (އާންމުކޮށް ވިޓަމިން ޑީ3 ގެ ނަމުން މަޝްހޫރު ކޮލެކެލްސިފެރޯލް އަކީ ވިޓަމިން ޑީ މަދު ނުވަތަ ވިޓަމިން ޑީ މަދުވާ ފަރާތްތަކަށް ދޭ ޑައިޓޭރިއަން ސަޕްލިމެންޓެކެވެ.)

- ނިއުރޯބިއަން ފޯޓޭ (މިއީ ވިޓަމިން ބީ މަދުވުމުގެ ފަރުވާއަށް ބޭނުންކުރެވޭ ޓެބްލެޓެކެވެ. ވަރުގަދަ ދިފާއީ ނިޒާމަކަށް އަދި ހަކަތައިގެ މިންވަރު އިތުރުވުމަށް އަދި ހަށިގަނޑަށް ވިޓަމިން ބޭނުންވާ މިންވަރު ގިނަ ވަގުތުތަކުގައި، ނިއުޓްރިއެންޓް މަލަބްސޯޕްޝަންގެ ތެރޭގައި، ސާޖަރީއަށްފަހު، ބަލިވެ އިނުމާއި، ކިރުދިނުން ފަދަ ސަޕްލިމެންޓެއްގެ ގޮތުގައި ބޭނުން ކުރެވޭ ބޭހެކެވެ.)

އަގޮބޮޑު ބޭސްތަކެކެވެ. ނަމަވެސް ބޭސް ސިޓީއަށް މި ބޭސްތައް އިތުރުކުރީ ކާކުކަމެއް ހުދު ޑޮކްޓަރަކަށްވެސް އެނގިވަޑައިގަންނަވާ ކަމަށް ނުހެއްދެވިއެވެ. އެއީ ޑޮކްޓަރު ކުރެއްވިކަމެއް ކަމަށްވެސް ނުވިއެވެ. އަދި އެކަން އެނގިވަޑައިނުގަންނަވާކަމަށް ހައްދަވާ ސުވާލުތަކެއް ކުރެއްވިއެވެ.

އާސަންދަ ޕޯޓަލްގައި ބޭސްތައް އިތުރުކޮށްފައި އިން ބޭސް ސިޓީ - ރާއްޖެއެމްވީ

ކޮންމެއަކަށް ބޭސް ސިޓީއަށް އޮތީ ބޭސްތައް އިތުރުކޮށްފައެވެ. ބަލިމީހާ ދިޔައީ ކަކުލު ހުޅުގައި ރިއްސާތީއެވެ. ނަމަވެސް ނުގުޅޭ އެތައް ބޭހެއް އެ ބޭސް ސިޓީއަށް އޮތީ އިތުރުކޮށްފައެވެ. އާސަންދައިން ބުނާގޮތުން ޑޮކްޓަރުންނަށް ދީފައި ހުންނަ ޕޯޓަލްއަކީ ހަމައެކަނި ޑޮކްޓަރަށް ވަދެވޭނެ އަދި ޑޮކްޓަރުގެ އެކްސެސް އޮންނަ ޕޯޓަލްއެކެވެ. ބޭސް ސިޓީއަށް ބޭސް އިތުރުކޮށް އުނިކޮށްވެސް ހެދޭނީ ހަމަ އެކަނި ޑޮކްޓަރަށް އެކަންޏެވެ.

އިތުރުކޮށްފައި ހުރި ބޭސްތަކުގެ ތެރޭގައި ދެ މަހަށާއި ތިން މަހަށް ދީފައި ހުރި ބޭސްތައް ވެސް އެބަހުއްޓެވެ. އޭގައި ހުރި ބޭސްތައް ބޭނުން ނުކުރުމަށާއި، ކުރިން ދުވަހު ދިން އުނގުޅާ ބޭސް އަދި ފަހުން ދިން ވިޓަމިން ކެއުމަށް ޑޮކްޓަރު ވިދާޅުވެ އިތުރުކޮށްފައިވާ ބޭސްތަކާއެކު ބޭސް ސިޓީ ޕްރިންޓްކޮށްފައި ދެއްވިއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި އެހީތެރިޔާ ބުނީ ބޭސް ސިޓީއަށް ބޭސް ނުނަގާ ގެއަށްދިޔަ ކަމަށެވެ. އަދި އެ ބޭސް ސިޓީއަށް ބޭސްތައް ނެގީ އެމީހުންގެ ކޮއްކޮ ކަމަށާއި، ނަމަވެސް އާސަންދައިން ބޭސް ނުލިބޭ ކަމަށް ބުންޏެވެ. ނަމަވެސް އާސަންދަ ލިބޭ ކްލިނިކަކުން އާސަންދަ ޕޯޓަލްއިން ލިޔެފައިވާ ބޭހެއް އާސަންދަ ލިބޭ ބޭސް ފިހާރައަކުން އާސަންދައިން ނުނެގޭނެކަމާއި، އެ ބޭސް ސީޓީއަށް ބޭސް ނަގާފައިވާކަމަށް ކޮއްކޮ ބުނިކަމަށް މި ވާހަކަ ރާއްޖެއެމްވީއާއި ހިއްސާކުރި ފަރާތުން ބުންޏެވެ.

ބޭސް ނަގާފައިވާކަމަށް އާސަންދައިން - ރާއްޖެއެމްވީ

އާސަންދަ ޕޯޓަލްއިން ބެލި އިރު ފުރަތަމަ ތަދުކަނޑުވާ ބޭސް ލިޔެފައި ދިން ބޭސް ސިޓީއަށް ވަނީ އިތުރުކުރި 7 ބޭހާއެކު ބޭސް ނަގާ ބިލްވެސް ހެދިފައެވެ. މި ދަންނަވަން އުޅެނީ ބޭސް ނެގިކަމަށް ހަދާ އާސަންދަ ޕޯޓަލްއިން ވަނީ ބިލް ހަދާފައެވެ. ވައްކަން ކޮށްފައެވެ.

ބޭސް ސިޓީ ލިޔެފައި ވަނީ 30 ވަނަ ދުވަހުއެވެ. ނަމަވެސް 31 ވަނަ ދުވަހު ބޭސް ނަގަން ދިޔައިރު ބޭސްތައް ހުރީ ނަގާފައެވެ.

އާސަންދައިން ބޭސް ނަގައިފިނަމަ ފޯނަށް މެސެޖް އަންނަ ގޮތް ހަދާފައި ހުންނާތީ މަންމަގެ ފޯނު ޗެކްކުރި އިރު އޮތީ އާސަންދައިން މެސެޖް ވެސް އައިސްފައެވެ. މެސެޖުގައި ވަނީ ޖޫން މަހުގެ 2 ވަނަ ދުވަހު އާސަންދައިން 1156.34 ރުފިޔާ ބޭހަށް ކަނޑާފައިވާ ކަމަށެވެ. އަދި ބޭސް ނެގީ ލައިފް ގްރީން ފާމަސީން ކަމަށެވެ.

އާސަންދައިން ބޭސް ނެގިކަމަށް ބަލި މީހާގެ ފޯނަށް އައި މެސެޖް - ރާއްޖެއެމްވީ

މިއީ ކަކުލުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ދިއުމުން، ޑޮކްޓަރު ކަމެއް ނެތޭ ވިދާޅުވެ ބޭހެއް އުނގުޅާލާށޭ ވިދާޅުވެ ދިން ބޭސް ސިޓީއަށް އެތައް ބޭހެއް އިތުރުކޮށް އާސަންދައިން ބޭސް ނަގާފައި ހަދާފައިވާ ބޮޑު މަކަރެކެވެ. އޮޅުވާލުމެވެ. ވައްކަމެކެވެ.

އަދި މިކަމުގައި އެންމެ ހެއްވާ ކަމަކީ ބޭސް ނެގީ ކާކުކަމެއް ނޭނގެއެވެ. ބޭސް އިތުރުކުރީ ކާކުކަމެއް ނޭނގެއެވެ.

މިކަމުގައި ޑރ އަށް ގުޅާ ޝަކުވާ ކުރިކަމަށް ވެސް އޭނާ ބުންޏެވެ.

މި މުޅި ކަންތަކަށް ބަލާއިރު ހާމަވަނީ މައިގަނޑު 3 ކަމެކެވެ.

އެއްކަމަކީ ބޭސް ސިޓީއަށް ބޭސް އިތުރުކުރީ ކާކުކަމެއް ޑރ އަށް ނޭނގޭ ކަމަށް ވިދާޅުވުމެވެ. މިއީ ވަރަށް ނުރައްކާ ކަމެކެވެ. ޑޮކްޓަރު ބޭސް ލިޔެދީފައި ދެތިން ދުވަސްވާއިރު އެއަށް އިތުރު ބޭސްތަކެއް އިތުރުވުމަކީ ރޫހާނީކަމެކޭވެސް ބުނެވޭކަށެއް ނެތެވެ. އަދި އެހެން މީހަކަށްވެސް ބޭސް ސިޓީއަށް އެއްޗެއް އިތުރުކުރެވޭނަމަ މިއީ ކަންބޮޑުވެ ސިއްހީ ނިޒާމާއި ދޭތެރޭގައި އާންމުންގެ އިތުބާރު ގެއްލިގެންހިނގައިދާނެ ކަމެކެވެ.

ދެވަނަ ކަމަކީ އެ ބޭސް ނަގަން ގޮސް އަދި އިތުރުކޮށްފައި އިން ބޭސްތައް ނަގައިގެން އައިސް މަންމައަށް ކާންދިން ނަމަ އެ ދެވެނީ ނެތް ބައްޔަކަށް ބާރުގަދަ ބޭސްތަކެކެވެ. ނުވެސް ގުޅޭ ބާރުގަދަ ބޭސްތަކެއް މީހަކަށް ދެވި ކޮންމެފަދަ ގެއްލުމެއްވެސް ލިބިދާނެއެވެ. ލިބޭ ގެއްލުމެއްގެ ސަބަބުން އިތުރު ވޭނެއް ތަހައްމަލުކުރަންވެސް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ބަލި މީހާ ބެއްލެވި ޑރ އަކީ ކަށީގެ ޑރ. އަލީ މުޒުނީ އެވެ. މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން މުޒުނީ ވިދާޅުވީ އެކަމުގައި ފުރަތަމަ ބަލަންޖެހޭނީ ސިޓީއަށްވީ ކިހިނެއްތޯ ކަމަށެވެ. އެކްސެސް ލިބިގެންވެސް ބޭސް ލިޔެވިދާނެ ކަމަށާއި، އޮޅިގެން ވެސް އެހެންވެދާނެ ކަމަށެވެ. އަދި އެކަން ދިމާވި ގޮތް ސާފުވާނި ތަހުގީގެއް ކުރުމުން ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ ކްލިނިކުން އެކަންތައް ބަލަމުން އަންނަ ކަމަށެވެ. އަދި ޑޮކްޓަރުގެ ޕޯޓަލްއަށް އެހެން މީހަކަށް ނުވަދެވޭނެ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ އޮޅުމަކުން އެހެން ބަލިމީހެއްގެ ބޭސް ސިޓީއަށް ބޭސް އިތުރުކުރެވުނު މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި، ކުރިން އަންނަ ބަލި މީހާގެ ބޭސް ސިޓީ ކްލޯސް ނުކުރާނަމަ އޮޅިގެން އޭގައި ލިޔެވިދާނެ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރަށް ސުވާލުކުރުމުން ޑޮކްޓަރު ވަރަށް ހިތްހަމަޖެހިވަޑައިނުގެން ވިދާޅުވީ އެއީ ލާރި ހޯދަން ކުރި ކަމެއް ނޫން ކަމަށާއި، އޭގައި މީހަކަށް ބޮޑު އެއްޗެއް ލިބޭވަރުގެ އަދަދެއްވެސް ނެތް ކަމަށެވެ.

އާސަންދައިން ފައިސާ ނަހަމަގޮތުގައި ހޯދަން ކުރާ މިފަދަ ކަންތައްތަކުގެ ތެރެއިން މިއީ އެއްކަންތަކެވެ. ބޭސް ސިޓީއަށް ބޭސް އިތުރުކޮށް ބޮޑެތި ބިލްތައްވެސް ހަދަނީއެވެ.

ތިންވަނަ ކަމަކަށް މި ކަމަކީ ޑޮކްޓަރަށް އެނގުމެއް ނެތި އަދި ޑޮކްޓަރު ބެއްލެވި ކްލިނިކަށް ނޭނގި އަދި ބޭސްދިން ފާމަސީއަށް ވެސް ނޭނގި ހިނގިކަމެއް ނަމަ މިކަން ސީދާ ކޮށްފައިވާނީ އާސަންދައިންނެވެ.

މި މައްސަލަ ކަމާއިބެހޭ ފަރާތްތަކުން ބަލަން ޖެހެއެވެ. ފިޔަވަޅުވެސް އަޅަންޖެހެއެވެ. އަދި މިފަދަކަންކަން ކުރާ ފަރާތްތައް މަގާމުތަކުން ދުރުކޮށް ފިޔަވަޅު ވެސް އަޅަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް