ކަލާފާނު ސްކޫލުގައި ކިޔަވާ ދަރިވަރެއްގެ ބޭސް ފަރުވާ އަށް ފައިސާގެ އެހީ ހޯދުމުގެ މަސައްކަތް އެ ސްކޫލުން ފަށައިފިއެވެ.
ޕްރިންސިޕަލް ރަމްލާ އަބްދުއްރަހްމާނު ސޮއި ކުރައްވާ ދަރިވަރުންނާ ހަވާލު ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، އެ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު ސެރެބުލް ޕަލްސީ ހުންނާތީ ހިނގާ ނޫޅެވޭތީ ގިނަ ޑޮކްޓަރުންގެ ލަފަޔާއެކު މިހާރު ވަނީ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައި ކަމަށެވެ.
އަދި ރާއްޖޭން މި އޮޕަރޭޝަން ކުރަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ޒިޔާރަތް ކުރާ އިންޑިއާގެ ޓީމަކުން ކަމަށް ވެފައި މިކަމަށް ބޮޑު ޚަރަދެއް ހިނގާނެއަތީ އެންމެ ބޭފުޅުންގެ ދީލަތި އެހީއަކަށް އެދި ކުއްޖާގެ އާއިލާ އިން ސްކޫލަށް ހުށަހަޅާފައިވާ ކަމަށެވެ.
ސްކޫލުން ފޮނުވި ލިޔުމުގައި އިތުރަށް ބުނެފައިވަނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އެއީ ސައްހަ މައުލޫމާތު ތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"މިކަމުގައި އެހީތެރިކަން ފޯރުކޮށްދެވެން ހުރި ހުރިހާ ފަރާތްތަކަކުން ތިރީގައި މިވާ އެކައުންޓަށް އެހީ ފޮނުއްވައިދެއްވުން އެދެމެވެ." ސްކޫލުން ފޮނުވި ލިޔުމުގައި ވެއެވެ.
އެހީވުމަށްފަހު ސްލިޕް ކޮޅު ކްލާސް ޓީޗަރަށް ވަކިން ފޮނުވައި ދިނުމަށްވެސް ސްކޫލުން ވަނީ އެދިފައެވެ.
ކަލާފާނު ސްކޫލުން މި ހިނގާ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ތާރީޚްގައި ދަރިވަރުންނާ ހަވާލު ކުރި މި ލިޔުމުގެ ކޮޕީ މި ނޫހަށް ވަނީ ލިބިފައެވެ.
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ބޭސް ފަރުވާ އަށް އެހީވުމަށް އޮންނަ އާސަންދަ އާއި އެންސްޕާ ގެ އެހީ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. ސަރުކާރުން އެންސްޕާ އާއި އާސަންދައިގެ އެހީ ދިނުމުގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް އިސްކަން ދޭ ކަމުގެ ވާހަކަތައްވެސް ގިނަ ބަޔަކު އަންނަނީ ދައްކަމުންނެވެ.
އާސަންދަ ނިޒާމަކީ، ބޭސް ސިޓީ އަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް އިޖްތިމާއީ ރައްކައުތެރިކަން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމުގެ މަގްސަދުގައި އެކުލަވާލެވުނު އިންޝުއަރެންސް ނިޒާމެކެވެ.