ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަޑު އެއްބަފާ ބޭބެއަށް ހުޅުމާލެ-ފޭސް2 އަކުން ގޯއްޗެއް ދޭން މަސައްކަތް ކުރި މައްސަލަ ފެންމަތިވެ، އެމައްސަލަ ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް މުއިއްޒު ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށާއި، ހިޔާނާތުގެ މައްސަލަތަކަށް ލޯމަރާލައިގެން ނުހުންނަވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފިނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނެ ކަމަށާއި ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ވެސް ރައީސް މުއިއްޒު ވަނީ އިންޒާރު ދެއްވާފައެވެ. މި އިންޒާރު ދެއްވާފައިވަނީ ހުޅުމާލޭން މެންބަރުންނަށް ނުއަގުގައި ބިން ގަނެފައިވާ ކަަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ. އެކަމަށް އިޝާރާތް ކުރައްވައި އެއްވެސް މެންބަރަކު ބީލަމަކާ ނުލައި ބިން ގަނެފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް މުއިއްޒު ވަޓްސްއެޕް ގުރޫޕްގައި ލިޔުއްވި ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.
ރައީސް މުއިއްޒު އިންޒާރު ދެއްވި ނަމަވެސް، އެޗްޑީސީގެ މިހިޔާނާތުގެ މައްސަލަ ޖުލައި މަހުގެ ތެރޭގައި އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ސަމާލުކަމަށް ގެނައުމުން ވެސް އެކަން ބަލަން އެމަނިކުފާނު އަންގަވާފައިނުވާކަން ވަނީ ހާމަވެފައެވެ.