ކ. މާލެ
|
3 ޖޫން 2024 | ހޯމަ 19:31
ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާގެ ތެރެއިން
ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާގެ ތެރެއިން
އެމްއެންޑީއެފް
ކޯޕްރަލް މުޙައްމަދު ޒައިދާން
ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ ހޯމަ ދުވަހުގެ އަސްރު ނަމާދަށްފަހު، އުނގޫފާރު އިސްލާމީ މަރުކަޒުގައި
ޒައިދާން ނިޔާވީ މޫދުގައި ތަމްރީނެއް ކުރިއަށް ގެންދަނިކޮށް މިޔަރެއް ހަމަލާދީގެން

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫގައި އަސްކަރީ ތަމްރީނެއް ފުރިހަމަކުރަމުން ދަނިކޮށް ނިޔާވި ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި، އޭނާގެ އުފަށް ރަށް ރ. އުނގޫފާރުގައި ބާއްވައިފިއެވެ.

ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ ހޯމަ ދުވަހުގެ އަސްރު ނަމާދަށްފަހު، އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ. 

މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން، އާއިލާއާ ބައްދަލު ކުރައްވައި ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. މި ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޢާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

Advertisement

ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވެފައިވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، މި މަހުގެ 2 ވަނަ ދުވަހު ލ. މާވަށްކައިރީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ. ގަން ރީޖަނަލް ހޮޮސްޕިޓަލްގައެވެ. ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ. 

ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައި ވެއެވެ. 

ރ.އުނގޫފާރުގައި މިއަދު ބޭއްވި މި ޖަނާޒާގައި ސިފައިންގެ އިތުރުން، ރ. އުނގޫފާރުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް