މޭއި މަހުގެ ކަރަންޓުބިލުތައް ލިބުނު އިރު ކަރަންޓު ބިލުތައް ބޮޑުވެފައިވާތީ، އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް އާއްމުން މުޒާހަަރާކޮށްފިއެވެ.
ހޮނިހިރު ދުވަހު ހަވީރު 16:00 ގައި ސްޓެލްކޯ ކުރިމަތީގައި އާއްމުން ވަނީ އެއްވެ ކަރަންޓު ބިލުތައް ބޮޑުވުމާއި ދެކޮޅަށް އަޑު އުފުލާފައެވެ.
އެ މުޒާހަރާގެ ބައިވެރިންގެ ތެރޭގައި އިޖުތިމާއީ ހައްގުތައް ހޯދާދޭން މަސައްކަތް ކުރާ ބައެއް އާއްމު ފަރުދުންނާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕާޓީ ޕީއެންއެފްގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
އެއްވެފައިވާ އާއްމުން ދިޔައީ މި ސަރުކާރުން ދަނީ ކަރަންޓު ބިލުތައް އޮޅުވާލަމުން ކަމަށް ބުނަމުންނެވެ. އަދި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އިސް ވެރިންގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފައެވެ.
ސްޓެލްކޯއިން މިހާރު ވަނީ ކަރަންޓް ބިލްތަކާއި ގުޅޭ ޝަކުވާ ހުށަހަޅަން ނަމްބަރެއް ކަނޑައަޅާފައެެވެ.
ސްޓްލެކޯއިން ބުނެފައި ވަނީ ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ބިލްޑިންގގެ ނަމްބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.