ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 08:51
ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ޕީކޭ
ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ޕީކޭ
ރޮއިޓާރސް
ޖެރާޑް ޕީކޭ
ޕީކޭގެ ކޮސްމޯސް ކުންފުންޏަށް ކުރާ ކޮރަޕްޝަންގެ ތުހުމަތު ތަހުގީގު ކުރަން ފަށައިފި
ކޮސްމޯސް ކުންފުންޏާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ތުހުމަތަކީ ސްޕެނިޝް ސުޕަ ކަޕް ސައުދީ އަރަބިޔާގައި ބާއްވަން އުޅުމުގެ ތެރޭގައި ހިނގާފައިވާ މައްސަލައެއް

ސްޕެއިންގެ ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ ކުންފުންޏަކާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ތުހުމަތު ތަހުގީގު ކުރަން ފަށައިފި އެވެ.

ޕީކޭގެ ކޮސްމޯސް ކުންފުންޏާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ތުހުމަތަކީ ސްޕެނިޝް ސުޕަ ކަޕް ސައުދީ އަރަބިޔާގައި ބާއްވަން އުޅުމުގެ ތެރޭގައި ހިނގާފައިވާ މައްސަލަ އެކެވެ. އެ މުބާރާތާ ގުޅުން ހުރި ކޮރަަޕްޝަންގެ މައްސަލަތައް މީގެ ދެ އަހަރު ކުރިން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.

ޕީކޭގެ ކުންފުންޏެއް ކަމަށްވާ ކޮސްމޯސް އާއި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް) އާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ގޯސްތަކެއް ހުރި ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ސްޕެއިންގެ ކޯޓުގެ ފަނޑިޔާރު ޑެލިއާ ރޮޑްރިގޯ ވަނީ ނިންމަވައިފަ އެވެ.

ކޯޓުގެ ލިޔުންތަކުގައިވާ ގޮތުން ސްޕެެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލެސް އާއި ސައުދީ ސަރުކާރު ހިއްސާވާ ސެލާ ސްޕޯޓްސް ކޮމްޕެނީ އާއި ޕީކޭ، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ އިރު، ކޮންމެ އަހަރަކު ވެސް ސައުދީ އަރަބިއްޔާގައި ބާއްވާ ގޭމްސްތަކަށް "ސަކްސެސް ބޯނަސް"ގެ ގޮތުގައި ޕީކޭގެ ކުންފުންޏަށް 40 މިލިއަން ޔޫރޯ (43.3 މިލިއަން ޑޮލަރު) ލިބޭނެ އެވެ.

އެއްބަސްވުމުގައިވާ ގޮތުން އާރްއެފްއީއެފް އަށް 400 މިލިއަން ޔޫރޯ ލިބޭނެ އެވެ. މިކަމާ ގުޅިގެން ޕީކޭގެ ބަހެއް ލިބޭ ގޮތެއް ވެފައި ނުވާ ކަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. މީގެ ކުރިން ޕީކޭ ވަނީ، އޭނާ އަދި އޭނާގެ އެއްވެސް ކުފުންޏަކުން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވެސް ބުނެފަ އެވެ.

މިއަހަރުގެ ކުރީ ކޮޅު ފުލުހުން ވަނީ ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަން ބަލައި ފާސްކޮށްފަ އެވެ. އެ ތަނުގައި ހުރި ބައެއް ލިޔެ ކިޔުންތައް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ރުބިއާލެސްގެ ގެ، އަދި އޭނާއާ ގުޅުން ހުރި ތަންތަން ވެސް ވަނީ ބަލައި ފާސްކޮށްފަ އެވެ.

އެންމެ ފަހުން އޮތް ފީފާ އަންހެން ވޯލްޑް ކަޕްގެ ފައިނަލަށް ފަހު ސްޕެއިންގެ ޤައުމީ އަންހެން ޓީމުގެ ކުޅުންތެރިޔެއްގެ ތުންފަތަށް ރުބިއާލެސް ބޮސްދިން މައްސަލަ ހޫނުވެ، އޭނާ ވަނީ އިސްތިއުފާ ދީފަ އެވެ. އޭނާއާ ދެކޮޅަށް ކުރާ ޖިންސީ ގޯނައިގެ ދައުވާ ވެސް ކޯޓުގައި ކުރިއަށް ދެއެވެ.

- ކޮމެންޓް