ބާސެލޯނާގެ ހަގީގާ ހާލަތު ކުލަބުގެ މެންބަރުންނަށް ކިޔައިދޭންވެއްޖެ ކަމަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.
އޭނާ މި ކަމަށް ގޮވާލީ ސްޕެނިޝް ލީގުން ބާސެލޯނާގެ މާލީ ހާލަތަށް ބަލައި އެކުލަބުގެ މާލީ ލިމިޓް ކުޑަކުރުމާ ގުޅިގެންނެވެ. ސްޕެނިޝް ލީގުން މިހާރު ދީފައިވަނީ 200 މިލިއަން ޔޫރޯގެ ހަރަދުކުރެވޭނެ ލިމިޓެކެވެ. މީގެ ސަބަބުން އަންނަ ސީޒަނަށް ބާސެލޯނާއަށް އަލަށް ކުޅުންތެރިއަކު ގެންނަން ދަތިވާނެ އެވެ. އަދި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އައު ކުރުމަށް ވެސް ދަތިވާނެ އެވެ.
ނަމަވެސް ކުލަބުގެ ރައީސް ހުއާން ލަޕޯޓާ ވިދާޅުވަނީ މާލީ ދަތިތައް ހުއްޓަސް ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.
ހަގީގަތް ކުލަބުގެ މެންބަރުންނަށް ކިޔައިދޭން ޖެހޭ. އެއިރުން އެއްވެސް ބަޔަކަށް މައްސަލައެއް ކުރިމަތިނުވާނެ. އެކަމަކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނަމާ ބުނެފައި ހަރަދުކުރާނެ ފައިސާ ނެތިގެން އުޅުނީމަ ދެން ގަބޫލުކުރަން ދަތިވާނެޕީކޭ
2022 ވަނަ އަހަރު ކުޅުން ހުއްޓާލި ޑިފެންޑަރު ބުނީ ބާސެލޯނާއިން މިހާރު ފެންނަ ހަމައެކަނި ޕޮޒިޓިވް ކަމަކީ ޒުވާން ކުޅުންތެރިންތަކެއް މޮޅަށް ކުޅުން ކަމަށެވެ.
ފައިސާ ނެތްނަމަ ސަޕޯޓަރުން ގާތުގައި ބުނަން އެބަޖެހޭ ކުރިއަށް އޮތް މި އޮތް ތިން އަހަރު ކުލަބުން އިސްކަންދޭނީ ޒުވާން ކުޅުންތެރިންނަށް ކަމަށް. އެކަޑަމީ އަށް އިސްކަންދީގެން ކުރިއަށް ދާނެ ވާހަކަ ބުނީމަ އެކަން މެންބަރުން ގަބޫލުކުރާނެޕީކޭ
ކުރީގެ މެނޭޖްމަންޓުން އަމަލުކުރި ގޮތުން ލަޕޯޓާ ހަވާލުވިއިރު ބާސެލޯނާ އޮތީ މާލީ އަނދަވަޅެއްގަ އެވެ. މިހެންވެ ކުލަބުގެ ގިނަ ތަރިން ދޫކޮށްލަންޖެހުނުއިރު އަދިވެސް މާލީ ހާލަތު ރަނގަޅެއްނުވެ އެވެ.