ކޮރަޕްޝަނުގެ ތުހުމަތުގައި ޖެރާޑް ޕީކޭގެ ބޭންކް އެކައުންޓްތައް ސްޕޭނުގެ ފުލުހުން ބަލައި ޗެކްކޮށްފި އެވެ.
ސްޕޭނުގެ ފުލުހުން މިކަން ކުރީ ޕީކޭގެ ކޮސްމޯސް ކުންފުންޏަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެންނެވެ. މި ތުހުމަތުތަކަކީ ކޮސްމޯސް ބައިވެރިވެގެން ސްޕެނިޝް ކަޕް ސައޫދީ އަރަބިއްޔާގައި ކުޅެން ނިންމުމުގައި ނާޖާއިޒު ފައިދާތަކެއް ހޯދާފައިވާ ކަމުގެ ތުހުމަތެވެ. މި މައްސަލާގައި ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް ހައްޔަރުކޮށް، އިއްޔެ ވަނީ ސުވާލުކޮށްފަ އެވެ. މިހާރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ސްޕެނިޝް ކަޕް ސައޫދީ އަރަބިއްޔާގައި ކުޅެން ނިންމީ މީގެ ތިން އަހަރު ކުރިން ރުބިއަލެސް އެވެ. އޭނާ މިކަން ކުރީ ސައޫދީ އަރަބިއްޔާއިން މުބާރާތް ކުޅޭ ޓީމުތަކަށާއި ސްޕޭނުގެ އެފްއޭއަށް ގިނަ އަދަދެއްގެ ފައިސާދޭން ބުނުމުންނެވެ. މިކަންކުރިއިރު ޕީކޭ އަކީ ބާސެލޯނާގެ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ކުޅުންތެރިއަކަށްހުރެ، އޭނާގެ ކޮސްމޯސް ކުންފުނިން މިކަމުގެ ބައިވެރިއަކަށްވުމުން އޭރު ވެސް ސުވާލު އުފެދުނެވެ. މިކަމުގައި ރުބިއަލެސް އާއި ޕީކޭ އަށް ވެސް ކުރާ ތުހުމަތަކީ ސައޫދީ މުބާރާތް ކުޅޭގޮތަށް ބަދަލުކުރުމުން ބަދަލެއްގެ ގޮތުން އެމީހުންނަށް އެއްވެސް މާލީ މަންފާއެއް ލިބިފައިވޭތޯ އެވެ.
ފުލުހުން ޕީކޭގެ ބޭންކް އެކައުންޓްތައް ޗެކް ކުރުމުން ކޮސްމޯސްއިން ބުނެފައިވަނީ އެކުންފުނީގެ އެއްވެސް އެކައުންޓެއް ފުލުހުން ބަލާފައިނުވާ ކަމަށެވެ. އަދި ކުންފުނީގެ އެއްވެސް ތަނެއް ބަލައި ފާސްކޮށް ހަދާފައި ނުވާ ކަމަށާއި އެއްވެސް މުވައްޒަފަކާ ވެސް ސުވާލު ނުކުރާ ކަމަށެވެ.