ބާސެލޯނާ އަށް ސްޕެނިޝް ލީގު ކާމިޔާބު ކުރެވިއްޖެނަމަ އެކަމުގެ އުފާ ފާޅުކުރުންތަކުގައި ކުރީގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭ ބައިވެރިކުރާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.
ކޯޗު ޒަވީ ހަނާންޑޭޒް މިހެން ބުނީ މި ސީޒަނުގެ ވަކި ހިސާބަކުން ޕީކޭ ފުޓްބޯޅަ ކުޅުން ހުއްޓާލުމުންނެވެ. އޭނާ ބާސެލޯނާ އަށް ކުޅެދިނީ އެންމެ ހަ މެޗެވެ. މިވަރުން ސްޕެނިޝް ލީގުގެ ގަވާއިދު ބުނާގޮތުން ޕީކޭ އަށް ޗެމްޕިއަން މެޑަލް ނުލިބޭނެ އެވެ.
ނަމަވެސް ޒަވީ ބުނީ ޕީކޭ އަކީ ކުލަބުގެ ތާރީޚުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ލެޖެންޑެއް ކަމަށާއި ކުޅުން ހުއްޓާލަން ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. މިހެންވެ ތަށި ލިބިއްޖެނަމަ ބާއްވާ ލޮރީ ބުރާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމަށް ޕީކޭ އަށް ދައުވަތުދޭނެ ކަމަށެވެ.
ބާސެލޯނާއިން ވަނީ ސްޕެނިޝް ލީގުގެ އަންހެން ބައިގެ ޗެމްޕިއަންކަން ދިފާއުކޮށްފަ އެވެ. މިހެންވެ ކުލަބުން ނިންމާފައިވަނީ މި ފަހަރުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ދެ ޓީމު އެކުގައި ބޭއްވުމަށެވެ.
ސްޕެނިޝް ލީގު ކާމިޔާބު ކުރަން ބާސެލޯނާ އަށް މިހާރު ބޭނުންވަނީ ކުރިއަށް އޮތް ފަސް މެޗުން އެންމެ ދެ ޕޮއިންޓެވެ. އެ ޓީމު އޮތީ 33 މެޗުން 82 ޕޮއިންޓާއެކު އެއްވަނާގަ އެވެ. ދެ ވަނާގައިވާ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބިފައިވަނީ 34 މެޗުން 71 ޕޮއިންޓެވެ. މިހެންވެ މިރޭ ސްޕެނިޝް ލީގުގައި ވާދަވެރި އެސްޕަނިޔޯލް ބަލިކޮށްގެން ބާސެލޯނާ އަށް ލީގު ކަށަވަރުކުރެވޭނެ އެވެ.