ކ. މާލެ
|
28 މެއި 2024 | އަންގާރަ 23:51
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ
ބީއެމްއެލް
ބީއެމްއެލް
ހަރުދަނާ މާލީ ނަތީޖާ ހޯދުމުގެ ފަހަތުގައި ވަނީ ކަސްޓަމަރުން ބޭންކަށް ކުރައްވާ އިތުބާރު: ބީއެމްއެލް ސީއީއޯ
2023 ވަނަ އަހަރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވޭ
ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ

ހަރުދަނާ މާލީ ނަތީޖާ ހޯދުމުގެ ފަހަތުގައި ވަނީ ކަސްޓަމަރުން ބޭންކަށް ކުރައްވާ އިތުބާރު ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވަނީ ބޭންކުގެ ކާމިޔާބީއާމެދު ފަހުރުވެރިވާކަން ފާޅުކުރައްވާ، މި ކާމިޔާބީ އަށް ވާސިލްވުމަށް ކަސްޓަމަރުންނަށް ދޭ ހިދުމަތާއި، އިންފްރާސްޓްރަކްޗަރ، ޑިޖިޓަލް ސޮލިއުޝަންސް އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީ މުހިންމު ދައުރެއް އަދާކޮށްފައިވާކަން ހާމަކުރައްވާފައެވެ.

ކާރލް ސްޓުމްކަ ވިދާޅުވީ 2023 ވަނަ އަހަރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވާ ކަމަށެވެ. މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދު ކަމަށާއި، މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުން، އަދި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށާއި، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރާއެކު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި މިވަނީ މާކެޓްގެ 55 އިންސައްތައާއެކު ބީއެމްއެލްގެ މަގާމު އިތުރަށް ވަރުގަދަވެފައި ކަމަށް ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ކަސްޓަމަރުން ކުރައްވާ އިތުބާރަށް ޝުކުރު އަދާކުރައްވަމުން ކާރލް އިތުރަށް ވިދާޅުވީ ކަސްޓަމަރުން ފަސްނުޖެހި ބޭންކަށް ކުރައްވާ އިތުބާރަށް ޝުކުރުއަދާކުރާ ކަމަށެވެ. ބީއެމްއެލްގެ ކާމިޔާބީގެ ބިންގަލަކީ ކަސްޓަމަރުން ދެއްވާ އެއްބާރުލެއްވުން ކަމަށާއި، ބޭންކުގެ މި ކާމިޔާބު ދަތުރުގައި ކަސްޓަމަރުން ތިއްބެވިކަމީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި ވީހާވެސް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބޭނެ ގޮތްތަކާއި ކަސްޓަމަރުން ހިދުމަތް ހޯއްދެވުމުގައި ކުރައްވާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ކާރލް ސްޓުމްކަ ވިދާޅުވިއެވެ.  

އެކުވެރި އަރަބި އިމާރާތުގެ ދިރުހަމް (އޭއީޑީ) އަދި ޗައިނީސް ޔުއާން އިން ކަސްޓަމަރުން މުއާމަލާތްކުރެވޭނެ ގޮތަށް ދާދިފަހުން އަޅުގަނޑުމެންގެ ސިސްޓަމްތައް ވަނީ ކޮންފިގްރޭޓް ކޮށްފައި. އަޅުގަނޑުމެންނަށް މިހާރު ރެންމިންބީ އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ރެންމިންބީ އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތްތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުންކުރެވޭނެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ

ބޭންކުގެ ކުރިމަގާ ގުޅޭ ގޮތުން ކާރލް ވިދާޅުވީ ބޭންކުން ތިބީ ރާއްޖޭގައި އެންމެން ހިޔާރުކުރާ ބޭންކަށްވުމުގެ އަމާޒުގައި ވަރަށްވެސް ސާބިތުކަމާއެކު ކަމަށެވެ. އަދި ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއަށާއި ދިވެހިރާއްޖެއަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް އެންމެންނާއެކު މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް