Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 12:20
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް
މާލީ ބަޣާވާތުގެ ވާހަކަ
މާލީ ބަޣާވާތުގެ ވާހަކައިން ފެންނަނީ ރާއްޖޭގެ ކަންކަން ފާލުން ނެއްޓި ބޮއްސުންލަމުންދާ މިންވަރު: ޝިއްޕެ
މި ހުރިހާ ކަމަކީވެސް އޮޅުވާލުމެއްގެ ތެރެއިން ހިނގަމުންދާ ކަންކަން ކަމުގައި ބެލުމުގެ ފުރުސަތު އެބައޮތް
މާލީ ބަޣާވާތުގެ ނަމުގައި މި ސަރުކާރުން ކުއްލި ގޮތަކަށް ރައްޔިތުންގެ ބޭންކާމެދު ބޮޑު އިލްޒާމެއް އުފައްދާފައިވާ ކަމަށް ވިދާޅުވި

ބަޣާވާތާ ގުޅުވައި ސަރުކާރުން ދައްކަމުންދާ ވާހަކަތަކުން ފެންނަނީ ރާއްޖޭގެ ކަންކަން ފާލުން ނެއްޓި ބޮއްސުންލަމުންދާ މިންވަރުކަމަށް ދި ޑިމޮކްރެޓްސް ޕާޓީގެ ނައިބްރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، މާލީ ބަޣާވާތުގެ ނަމުގައި މި ސަރުކާރުން ކުއްލި ގޮތަކަށް ރައްޔިތުންގެ ބޭންކާމެދު ބޮޑު އިލްޒާމެއް އުފައްދާފައިވާ ކަމަށެވެ.

Advertisement

މިހާތަނަށް އައިއިރުވެސް މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއްވެސް ފުލުހުންނަށް ސާފުކޮށްދެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާޒް ތުހުމަތު ކުރައްވާ ގޮތުގައި މި ހުރިހާ ކަމަކީވެސް އޮޅުވާލުމެއްގެ ތެރެއިން ހިނގަމުންދާ ކަންކަން ކަމުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.

އެއް ދުވަހު މެންދުރު ވަގުތު މާލީ ބަޣާވާތެއް ގެނައޭ ކިޔާފަ ރައްޔިތުންގެ ބޭންކުގެ ބޮލުގައި ބޮޑު އިލްޒާމެއް އަޅުވައިފި، އަދި ފުލުހުންނަކަށް ހާމައެއް ނުކޮށްދެވޭ، އަދި ފުލުހުންނަށް އެއްޗެއް ސާފުކޮށެއް ނުދެވޭ، ބޭންކް އޮފް މޯލްޑިވްސްއިން ކާކު ކޮން ގޮތަކަށް ކުރެއްވި ކަމެއްތޯ، ކާކުގެ ސްޓޭޓްމަންޓެއްތޯ ނެގީ، އޭރު ބޭންކުން ވަކި ކުރައްވަން ނިންމެވި ބޭފުޅުންނަށް މިހާރު ބޭންކު ހިންގަން ހަވާލުކޮށްފި، އެ ބަޣާވަތް އެއް ބަޔަކު މަތި ކުރެއްވީ އެބޭފުޅުންނަށް، އެހެންވިމާ އެނގޭ ބޮޑު އޮޅުވާލުންގަނޑެއްގެ ތެރޭގައިކަން މި ގެންދެވެނީ.
ދި ޑިމޮކްރެޓްސް ޕާޓީގެ ނައިބްރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ)

ޝިފާޒް އިތުރަށް ވިދާޅުވީ، ސަރުކާރުން ކަންކަން އޮޅުވާލުމަށްވުރެވެސް ދެރަ ކަމަކީ މާލީ ގޮތުން ނުތަނަވަސްކަން އުފެދިފައިވާ ޙާލަތެއްގައި މިފަދަ ކަންތައްތަކެއް ކުރެއްވުން ކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އެންމެ ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި މިފަދަ ކަމެއް ކުރުމަކީ އެންމެ ދެރަ ކަންތައްކަން ޝިފާޒް ފާހަގަ ކުރެއްވިއެވެ.

ޝިފާޒްަ ވިދާޅުވާ ގޮތުގައި މިއަދުގެ ސަރުކާރުން ވަނީ "ބަޣާވާތް" މިއީ ނުހަނު އާދައިގެ ބަހެއް ކަމުގައި ހަދާފައެވެ. އެކަމުންވެސް އެނގިގެންދަނީ ރާއްޖޭގެ ކަންކަން ފާލުން ނައްޓައި ބޮއްސުންލާފައިވާ މިންވަރުކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެ އޮޅުވާލުމަށްވުރެ ބޮޑަށް މީގައި ކުރެއްވި ދެރަ ކަމަކީ މާލީ ނުތަނަވަސް ޙާލަތުގައި އެންމެ އިތުބާރު ލިބެންޖެހޭތަން ބޭންކް އޮފް މޯލްޑިވްސްއަކީ، ބޭންކް އޮފް މޯލްޑިވްސްގެ އިތުބާރު ގެއްލުވާލީ، އެ ބޭންކަކީވެސް ހަމަ އެތައް ހަރުދަނާ ދިވެހިންނެއް ވަޒީފާ އަދާކުރަމުން އަންނަ ތަނެއް، ޒަމާންވީ ތަނެއް، އެހެންވީމާ އެ ތަންތަނަށް އޮތް އިތުބާރު އަދި ރާއްޖެ އެކަންޏެއް ނޫން ރާއްޖެއާ ރާއްޖެއިން ބޭރުގެ ވިޔަފާރިވެރިންނާ، އެންމެންގެ އިތުބާރު، އެ ބަސް، ބަޣާވަތް ވަރަށް ސިމްޕަލް ކަމެއްގެ ގޮތުގައި އެބޭފުޅުން ނެންގެވީ، މިއީ ރާއްޖޭގެ ކަންކަން ފާލުން ނެއްޓި ބޮއްސުންލާކަމުގެ ހެއްކެއް
ދި ޑިމޮކްރެޓްސް ޕާޓީގެ ނައިބްރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ)

ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ މައްސަލަ ތަހުގީގު ކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ހަމަ އެ ވަގުތު ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށެވެ.

 މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އާންމު ހަމަ ޖެހުން ނަގާލުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާ ކަމަށެވެ. ހަމައެހެންމެ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ކޮށް ބަދަލު ކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް