ކ. މާލެ
|
28 މެއި 2024 | އަންގާރަ 18:20
ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މިދިޔަ އަހަރު ގިނަ ކާމިޔާބީތަކެއް ހޯދާފައި
ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މިދިޔަ އަހަރު ގިނަ ކާމިޔާބީތަކެއް ހޯދާފައި
ބީއެމްއެލް
ބީއެމްއެލްގެ ކާމިޔާބީ
މިދިޔަ އަހަރު ހިދުމަތްތަކަށް މުހިންމު ބަދަލުތަކެއް، ވިޔަފާރިތަކަށް މާލީ އެހީތެރިކަން
އާންމު ފަރުދުންނާއި އެސްއެމްއީ ސެގްމަންޓަށް އަމާޒުކޮށް 1.4 ބިލިއަން ރުފިޔާ ދޫކުރި
ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.07 ބިލިއަން ރުފިޔާވަނީ ލިިބިފައި

2023 ވަނަ އަހަރަކީ އިންފްލޭޝަނާއި އިންޓްރެސްޓް ރޭޓް މަތިވުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ފޯރި އަހަރެކެވެ. މި ގޮންޖެހުންތަކާއެކުވެސް ދިވެހިރާއްޖޭގެ އިގްތިސާދަށް 6.5 އިންސައްތައިގެ ކުރިއެރުމެއްވަނީ ލިބިފައެވެ. އިގްތިސާދީ ކުރިއެރުމުގެ ހެޔޮ އަސަރު ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރިއަށްވެސް ކުރިއެވެ.

މިގޮތުން ބޭންކުގެ ބެލެންސް ޝީޓަށް 3.8 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިތުރުވެ ޖުމްލަ އެސެޓް ވަނީ 45 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ. އަދި ހިންގުމުގެ ފައިދާ ހުރީ ކުރީ އަހަރަށް ވުރެ 7 އިންސައްތަ އިތުރުވެ، 2.7 ބިލިއަން ރުފިޔާގައެވެ. އަދި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.07 ބިލިއަން ރުފިޔާވަނީ ލިބިފައެވެ.

މިދިޔަ އަހަރު ބޭންކުން ހޯދި ނަތީޖާއާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ ފަރުދުންނާއި ވިޔަފާރިތަކަށް 5 ބިލިއަން ރުފިޔާގެ އައު ލޯނު މިދިޔަ އަހަރުގެ ތެރޭގައި ދޫކުރި ކަމަށެވެ. އަދި މިއަދަދުގެ ތެރެއިން އާންމު ފަރުދުންނާއި އެސްއެމްއީ ސެގްމަންޓަށް އަމާޒުކޮށް 1.4 ބިލިއަން ރުފިޔާ ދޫކުރި ކަމަށެވެ. މިއާއެކު މިދިޔަ އަހަރުވެގެން ގޮސްފައިވަނީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެސްއެމްއީ ސެގްމަންޓަށް އެންމެ ގިނައިން ލޯނު ދޫކުރި އަހަރަށް ކަމަށް ނިމާލް ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ ޕާރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް ދެމުންދާ އުފެއްދުންތަކާއި ހިދުމަތްތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކާ ގުޅޭ ގޮތުން ނިމާލް ވިދާޅުވީ ތައުލީމަކީ ބޭންކް އޮފް މޯލްޑިވްސް އިން އިސްކަމެއްދޭ އެއް ދާއިރާއަކަށްވެފައި، ދިވެހި އިގްތިސާދަކީ އިލްމުގެ މައްޗަށް ބިނާކުރެވޭ އިގްތިސާދަކަށް ހެދުމުގެ މަގްސަދުގައި ކިޔަވާ ލޯނުގެ ރޭޓް 9 އިންސްތައިން 5 އިންސައްތައަށް ދަށްކުރި ކަމަށެވެ.

އަދި ގެދޮރު ގަތުމަށް އެދޭ ލޯނަށް ގިނަ ބަޔަކު ކޮލިފައި ކުރުމުގެ ބޭނުމުގައި ހޯމް ޕަރޗޭސް ލޯނާއި ފައިނޭންސިންގެ މުއްދަތު 25 އަހަރާ ހަމަޔަށް އިތުރުކޮށް، މީގެ އިތުރުން ފަރުދުންގެ އެންމެހާ ބޭނުންތަކަށް ފަހިވާނެހެން، ރަހުނަކާ ނުލައި ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށް ނިމާލް ވިދާޅުވިއެވެ. އަދި މި ބަދަލުތަކަކީ ކަސްޓަމަރުން ބަލައިގެންފައިވާ ބަދަލުތަކެއްގެ ގޮތުގައި ނިމާލް ފާހަގަކުރެއްވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރަން ފެށި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުން އެހީ ލިބުނު 3 ވިޔަފާރިއެއް މިދިޔަ އަހަރުތެރޭ ކާމިޔާބުކަމާއެކު ގާއިމްވެ ހިނގައިގަތް ތަން ފެނުނެވެ. އަދި 2023 ވަނަ އަހަރު މި ހިލޭ އެހީގެ ދަށުން އިތުރު ދެ ވިޔަފާރިއެއް ފެށުމަށް ބޭންކުން ވަނީ އެހީތެރިވެދީފައެވެ.

"ވިޔަފާރިތަކަށް ބޭނުންވާ އެކިއެކި ބޭންކިންގ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްވުމަކީވެސް ވިޔަފާރިވެރިތަކަށް ވަރަށް މުހިންމުކަމެއް. މި ބޭނުމުގައި ވިޔަފާރިތަކުގެ އެންމެހާ ޚިދުމަތްތައް މާލޭ ބިޒްނަސް ސެންޓަރގައި، އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތް މިދިޔަ އަހަރުތެރޭ ނިންމާލެވުނު. ބިޒްނަސް ސެންޓަރުން މިހާރު އެކައުންޓް ހުޅުވުމުގެ އިތުރުން، ލޯން އަދި ޑިޖިޓަލް ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ. އަދި މާރޗަންޓުން ބޭނުންވާ އެކި އެކި އެހީތެރިކަންވެސް ފޯރުކޮށްދެވޭ. މި ބަދަލާއެކު ވިޔަފާރިތަކުން ހޯދަމުންދާ ހިދުމަތުން ލިބޭ ތަޖުރިބާ ރަނގަޅުވެ ބޭންކާ އޮންނަ ގުޅުންވަނީ ހަރުދަނާ ވެފަ."

2023 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއާ އަލަށް ގުޅުނު 23,000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއެކު ޖުމްލަ ގުޅުނުއިރު މިހާރު ބޭންކުގެ ކަސްޓަމަރުންގެ އަދަދުވަނީ 345,000 އަށް އަރާފައެވެ. މިދިޔަ އަހަރު 66،000 އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި 5,600 ބިޒްނަސް އެކައުންޓް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް