ގެއްލިފައިވާ ކޭޝަކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ވަނީ އެ މީހާގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްފައެވެ. އެ މީހާއަކީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، ކޭޝްކާޑެއް ގެއްލިފައިވަނިކޮށް، އެކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައާ ގުޅިގެން ހޯދަންބޭނުންވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އައި އިރު އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން އެވީޑިއޯއިން ފެންނަ މީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
