އިޓަލީގެ އޭސީ މިލާނަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަަށް ފްރާންސްގެ ފޯވާޑް އޮލީވިއޭ ޖިރޫޑް ބުނެފި އެވެ.
އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ، މި ސީޒަނަށްފަހު މިލާން ދޫކޮށްލުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. މިލާނާއެކު ޖިރޫޑް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވުމުން، އޭނާ އެކުލަބު ދޫކޮށްލާނެ އެވެ. އަދި ހިލޭ ޓްރާންސްފާއެއްގައި ޖިރޫޑް ބަދަލުވާނީ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ލޮސް އެންޖަލަސް އަށެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޖިރޫޑް ބުނީ، މިލާނަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ޝަރަފެއް އަދި ފަޚުރެއް ކަމަށެވެ. އަދި މިހާތަނަށް އައިއިރު މިލާންގައި ދެއްކުނު ކުޅުމާއި، ކުރެވުނު މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމުގައި ވެސް އޭނާ ބުންޏެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިލާންގައި އޭނާގެ އެންމެ ފަހު މެޗުތައް ކުޅޭނެ ކަމަށާއި، އެއަށްފަހު ދެން އެމެރިކާ ލީގަށް ބަދަލުވާނެކަން ޖިރޫޑް ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
ޖިރޫޑް ވަނީ މިހާރު ލޮސް އެންޖަލަސް އާއެކު އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. ލޮސް އެންޖަލަސް އަށް ޖިރޫޑް ބަދަލުވަނީ އެއް އަހަރާއި، ބައިގެ މުއްދަތަކަށެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
އޭސީ މިލާންގައި ތިން ސީޒަން ހޭދަކުރި ޖިރޫޑް ވަނީ އެ ކުލަބަށް ކުޅެދިން 130 މެޗުން 48 ލަނޑު ޖަަހައިފަ އެވެ. މިލާނާއެކު އޭނާ ވަނީ އިޓާލިއަން ލީގު ކާމިޔާބު ކޮށްފަ އެވެ. ޖިރޫޑް މިލާން ދޫކޮށްލަން ނިންމިއިރު، އިތުރު އެއް އަހަރަށް އޭނާ ބެހެއްޓުމަށް އެކުލަބުން މަސައްކަތް ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް، އެ ކުލަބުގެ އެއްބަސްވުން އައު ކުރަން ޖިރޫޑް ބޭނުން ނުވީ އެވެ.
ޖިރޫޑް އަކީ ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އެ ރެކޯޑު އޭނާ ހޯދީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕުންނެވެ. 2011 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ފެށި ޖިރޫޑް ވަނީ މިހާތަނަށް ޤައުމީ ޓީމަށް 131 މެޗު ކުޅެދީ، 57 ލަނޑު ޖަހައިފަ އެވެ. ފްރާންސް އާއެކު އޭނާ ވަނީ 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި 21-2020 ވަަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.