ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 17:47
ކެމްޕެއިން ޕޯސްޓަރ
ކެމްޕެއިން ޕޯސްޓަރ
ހިރޫ ނިއުސް
ކެމްޕެއިނަށް ހަރުކުރި ތަކެތި ނެގުން
ކެމްޕެއިނަށް ހަރުކުރި ތަކެތި ނަގަން ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެތަކެތި ނެގުމަށް އީސީން އިލްތިމާސްކޮށްފި
 
އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގައި ބުނާގޮތުން އިންތިޚާބު ބާއްވާތާ 10 ދުވަސްތެރޭގައި ކެމްޕެއިން ތެރޭގައި މަގުތަކުގައި ހަރުކޮށްފައިވާ ތަކެތި ނަގަންޖެހޭ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް މަގުތަކުގައި ހަރުކޮށްފައިވާ ތަކެތި ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އިލްތިމާސްކޮށްފިއެވެ.

އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގައި ބުނާގޮތުން އިންތިޚާބު ބާއްވާތާ 10 ދުވަސްތެރޭގައި ކެމްޕެއިން ތެރޭގައި މަގުތަކުގައި ހަރުކޮށްފައިވާ ތަކެތި ކެންޑިޑޭޓުން ނަގަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނަށް މާލެ އާއި ހުޅުމާލޭގައި ތެރޭގައި ދިދަ ފައްޗާއި ކެމްޕެއިން ޕޯސްޓަރާއި އެކި ސައިޒްތަކުގެ ބިލް ބޯޑުތައް ވަނީ ހަރުކޮށްފައެވެ. ޚާއްސަކޮށް ބްރިޖު ސަރަހައްދުގައި ގިނަ އަދަދެއްގެ ބިލް ބޯޑުތަކާއި ޕޯސްޓަރުތައް ވަނީ ހަރުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ މެމްބަރ ހަސަން ޒަކަރިއްޔާ ވިދާޅުވީ ކެމްޕެއިނަށް ހަރުކުރި ތަކެތި ނެގުމަށް މިހާރު ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް އަންގާފައިވާކަމަށެވެ. އަދި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން އެތަކެތި ނަގަމުން އަންނަކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އެހެންވީމާ ކުރިންވެސް ކެންޑިޑޭޓުންނަށް އަންގާފައިވާ ގޮތަށް މިހާރުވެސް މިދަންނަވަނީ ވީ އެންމެ އަވަހަކަށް ދަމާފައިވާ ކެމްޕެއިން ތަކެތި ޚާއްސަކޮށް ބްރިޖް ސަރަހައްދުގައި ހަރުކޮށްފައި އެހުރި ޕޯސްޓްތަރުތައް މިދުވަސްވަރަކީ އާދަޔާ ޚިލާފަށް ވިއްސާރަ ދުވަސްވަރެއްވީމަ އޭގެ ސަބަބުން އިތުރު ގެއްލުމެއް ވުމުގެ ކުރިން ވީ އެންމެ އަވަހަކަށް އެތަކެތި ނަގާ ރައްކާތެރިކަމާއެކި އެތަކެތި ނައްތާލުން ވަރަށް އިސްކަމެއް ދީގެން އެކަންކަން ކޮށްނިންމާލުން އެދެނީ.
ހަސަން ޒަކަރިއްޔާ / އީސީގެ މެމްބަރ

ޒަކަރިއްޔާ ވިދާޅުވީ ޤާނޫނުގައި ބުނާ މުއްދަތު ހަމަވާއިރު އެތަކެތި ނުނަގާ ހުރެއްޖެނަމަ އީސީން ދައުލަތުގެ އިދާރާތަކަށް އެތަކެތި ނެގުމަށް އަންގާނެކަމަށެވެ. އެގޮތުން ސިޓީ ކައުންސިލާއި ފުލުހުގައި އީސީން ރަސްމީކޮށް އެތަނެތި ނަގައިދިނުމަށް އެދޭނެކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް