ކ. މާލެ
|
15 ޖެނުއަރީ 2025 | ބުދަ 09:51
އެމްޑީޕީ ހަވަރު ބެރު ޕެނަލްގައި ކުރީގެ މެންބަރު ރާއީ (މ) އަދި ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވ)
އެމްޑީޕީ ހަވަރު ބެރު ޕެނަލްގައި ކުރީގެ މެންބަރު ރާއީ (މ) އަދި ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވ)
އެމްޑީޕީ
ވަގު ފޯމު މައްސަލަ
ޕީއެންސީން ބެކްޑޭޓްކޮށް ފޯމުލަމުންދަނީ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ ހޯދުމުގެ ބޭނުމުގައި - ރާއީ
ފައިސާ ހޯދުމުގެ ބޭނުމުގައި ވަކި ޑޭޓެއް ޖަހައިގެން މިކަމެއް މިކުރަނީ
އެސްޖީއާ އެއްވަރަށް ޒިންމާ ނަގަންޖެހޭ ވަރަށް ބައިވަރު ފަރާތްތައް އެބަތިބި
މިއީ ރައީސް މުއިއްޒު ވިދާޅުވެގެން ރައީސްގެ ލަފާފުޅުގެ މަތިން ހޯމް މިނިސްޓަރަކަށް ހުންނެވި އަލީ އިހުސާން، ޑީއެންއާރުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ކޮށްގެން އުޅޭ ކަމެއް

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހޯދުމުގެ ބޭނުމުގައި ވެރިކަން ކުރާ ޕީއެންސީ އިން ބެކްޑޭޓްކޮށް ފޯމްތައް ހުށަހަޅާ އެޕްރޫވްކުރަމުންދިޔަ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަވަރު ބެރު ޕެނަލްގައި ވާހަކަ ދައްކަވަމުން ކުރީގެ މެންބަރު ރާއީ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައިސް ޕީއެންސީއަށް ރެކޯޑް މިންވަރަކަށް މެންބަރުން ވައްދަންވެގެން 100،000 މެންބަރުންގެ ޓާގެޓް ހާސިލްކުރުމަށް މިދިޔަ އަހަރުގެ ފަހު މަސްތަކުގައި ބޮޑެތި ޑަމްޕް ލޮރީތަކުގައި އެގޮތް މިގޮތެއް ބެލުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާ މިއަދު ގޯސްކޮށް ފެންނަމުންދާ ކަމަށެވެ. ރާއީ ވިދާޅުވީ ކަންތައް ގޯހުން ގޯހަށް ގޮސް އެމްޑީޕީގެ މަޖިލިސް މެންބަރަކު ވަގަށް ނަގާފައިވާ ކަމަށާއި، ކޮންމެ ދުވަހަކުވެސް އެ ޝަކުވާތައް އިންތިހާއަށް އަންނަ ކަމަށެވެ.

"ދެއިރު ދެ ދަޅައަށްކާ ބޭހެއްހެން ނިދުމުގެ ކުރިން ޗެކްކޮށްލަންޖެހޭ އަނެއްކާ އަނެއްދުވަހު ހޭލާފައި ޗެކްކުރަން ޖެހޭ ތިމަންނަ އޮތީ ވަގަށް ނަގާފައިތޯ. މިހާ އުނދަގޫކޮށް މި ކަންކަން ދަނީ" ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަގަށް ނެގި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށް ދިއުމުން ފާހަގަކުރެވުނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހޯދުމުގެ ބޭނުމުގައި ބެކްޑޭޓްކޮށް ފޯމްތައް ހުށަހަޅާ އެޕްރޫވްކުރަމުންދިޔަ ކަމެވެ.

ފައިސާ ހޯދުމުގެ ބޭނުމުގައި ވަކި ޑޭޓެއް ޖަހައިގެން މިކަމެއް މިކުރަނީ. އަޅުގަނޑުމެން ދެކުނިން ޕީއެންސީއިން ނެރެފައިވާ ބަޔާނެއް ވެސް އެކަންކުރާކަން. އިއްޔެ އަޅުގަނޑަށް ފެނުނު ގޮތުގައި އެބޭފުޅުންގެ އިންޓަރނަލް ފިޔަވަޅެއްގެ ގޮތުން އެސްޖީ ވަކިކޮށްލީ. އެކަމަކު އެސްޖީއާ އެއްވަރަށް ޒިންމާ ނަގަންޖެހޭ ވަރަށް ބައިވަރު ފަރާތްތައް އެބަތިބި
މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ

ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމްތަކުގައި ޑީއެންއާރުގެ ބޭފުޅުންވެސް ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިކަން މިގޮތަށް ހިނގާކަމަށް މާފަންނު މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަސްމާ ރަޝީދު ވެސް އެއްބަސްވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

"ލަދުވެތި އަމަލެއްކަމަށް، އެވަރަށް އިއުތިރާފުވެފައި އެބަހުރި. އެހެންވީމާ މިއީ ވަރަށް ދެރަވަރު ގޯސް ކަންތައްތައް މި ހިނގަނީ. ދެން މިއިން އެއްވެސްކަމެއް ބެލޭނެ އެއްވެސް ނިޒާމެއް ދައުލަތުގެ ތެރޭގައި ނެތް. މިނިވަން މުއައްސަސާތަކުން އަމިއްލަ އިސްނެގުމަށް ކަންކަން ބަލާ. މިއަދު އެކަން ކުރާނެ ބަޔަކުވެސް ނެތް" ކަމަށް ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ފާހަގަަވަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކުން ގަނޑުކޮށް އިލެކްޝަން ކޮމިޝަނަށް ފޯމްތައް ޕީއެންސީ އިން ހުށަހަޅަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެގެން ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން ހޯމް މިނިސްޓަރަކަށް ހުންނެވި އަލީ އިހުސާން، ޑީއެންއާރުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

ޕީއެންސީގެ ވިސްނުމުގެ ތެރެއިން އަބަދު ރައްޔިތުން މިކިޔާ ވައްކަމާއި ދޯޅު މިންވަރު އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ، ޕާޓީއަށް މީހުން ވެއްދުމުގައި ވެސް ކަންކުރާ މިންވަރުން. ދައުލަތުގެ ލިޔުންތަކަށް ބަދަލުތައް ގެނެވިގެންދާއިރު މިއިން އެއްވެސްކަމެއް ބެލޭނެ މުއައްސަސާއެއް ދައުލަތުގެ ތެރޭގައި ނެތް. ހާއްސަކޮށް އިލެކްޝަންސް ކޮމިޝަން ވެސް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ މި ކަންކަމަށް ހިތްވަރުދީ އެކަންކަމަށް ވާގިވެރިވާ ބައެއްގެ ގޮތުގައި. އެމްޑީޕީގެ ވެރިކަމުގައި މެންބަރަކު ޕާޓީއަށް ވައްދަން ފިންގަރ ޕްރިންޓް ޖަހާޖަހާ ވަރުބަލި މީހަކު ވާއިރުގައިވެސް އެމީހާއަށް ޕާޓީއަށް ނުވަދެވޭ. އެހެންނަމަވެސް މިއަދު މިފެނުނީ ފޮޓޯއެއްވެސް އައިޑީކާޑެއް ވެސް ފިންގަރޕްރިންޓެއްވެސް ދިމާވާކަށްވެސް ނުޖެހޭ. ހަމަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި އޮތްގޮތަށް 1 ލައްކަ މެންބަރުން ހަމަކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުންވެސް އެ މަސައްކަތްކުރާކަން ފާހަގަވެގެން މިދިޔައީ. އެ ލެވެލްއަށް ވައްކަމުގައި އެބައުޅުއްވާ.
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު

ވަގު ފޯމު ހުށަހަޅައިގެން މެމްބަރުން އިތުރު ކުރުމުގެ ތުހުމަތު ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައްޗަށް ކުރެވިފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށް އެ ޕާޓީން ވަނީ އެއްބަސްވެފައެވެ.

މަޖިލިސް މެމްބަރުންވެސް ހިމެނޭ ގޮތަށް ގިނަ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ވަގަށް ނަގައިގެން ޕީއެންސީއަށް ވެއްދި މައްސަތަލަތަކެއް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށިގެން އަންނަނީ ފެންމަތިވަމުންނެވެ. ނަމަވެސް މީގެ ކުރިން އެ ޕާޓީން ބުނަމުން އައީ އެފަދަ ވައްކަމެއް ނުކުރާ ކަމަށެވެ.

ގިނަ ބައެއްގެ ޒާތީ މައުލޫމާތުން ވައްކަންކޮށް ޕީއެންސީގެ މެމްބަރުން އިތުރުކުރުމަށް އެ ޕާޓީގެ ދަފްތަރުގައި ޖެއްސިކަމަށް މިއީ ޕީއެންސީން އެއްބަސްވި ފުރަތަމަ ފަހަރެވެ.

އެ ޕާޓީން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސައްޚަ ނޫން، ވަގު ފޯމުތަކެއް ގިނަ އަދަދަކަށް ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

- ކޮމެންޓް